އދ. ގައި ރައީސް ޔާމީނަށް ތަގުރީރު ނުކުރެއްވުނީ ފިނޑިކަމުން: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ---- ފޮޓޯ/ މަޖިލިސް

ފަސްއަހަރުގެ ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވިއިރު ވެސް، އދ. ގައި ތަގުރީރު ކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކެރިވަޑައިނުގަތީ އެމަނިކުފާނުގެ "ފިނޑިކަމުން" ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ ރައީސް ޔާމީނުގެ ސިޔާސަތަކީ ވަރަށް ބޮޑަށް ދުނިޔެއާ ބީރައްޓެހިވެ، އަދި ދިވެހީން ދުނިޔެއިން އެކަހެރިކޮށް ބިކަކުރުމުގެ ސިޔާސަތެއް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރައީސް ޔާމީން ގަބޫލުކުރި ސިޔާސަތެއް ނޫން ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

އިތުރަށް ޝިފާއު ވިދާޅުވީ އޭގެ ސަބަބުން ރާއްޖެއަށް ޚާރިޖީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ކަމަށެވެ.

"ދުނިޔޭގެ ގައުމެއްގެ ވެރިކަން ލިބުނީމަ، އެވެރިން ހާސިލްކުރާ އެންމެ ބޮޑު ފަޚުރަކީ އދ. ގައި ތަގުރީރު ކޮށްލުމުގެ ފަޚުރު. އަދި މި ފަޚުރު ހޯދަން ނުކެރުނު ވެެރިއެއްގެ ފިނޑިކަމާމެދު ސުވާލު އުފައްދާކަށް ވެސް ނުޖެހޭނެ. އެއަށްވުރެ މާ ފިނޑިކަން އެއޮތީ ސާބިތުވެ ފެންނަން," ޝިފާއު ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ޖަލްސާގައި ވަނީ ތަގުރީރު ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. 76ވަނަ މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސުންގެ ތެރެއިން މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އދ. ގެ ޖަލްސާގައި ތަގުރީރު ކުރައްވާފައެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ފަސް އަހަރު ނިމުނުއިރު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާފައެއް ނުވެއެވެ.

މިކަމަށް ފާޑުވިދާޅުވަމުން ޝިފާއު ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހިން ބޭރު ގައުމުތަކަށް ދަތުރު ކުރުމުގައި އެތައް ގޮތަކުން ދަތިތައް ކުރިމަތިވި ކަމަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅުން ކެނޑުމުގެ ސަބަބުން ތައުލީމީ ފުރުސަތުތަކަށާއި ކުޅިވަރުގެ ފުރުސަތުތަކަށް ވެސް ހުރަސް އެޅުނު ކަމަށެވެ.

"މި ގްލޯބްލައިޒް ދުނިޔޭގައި އެހެން ވެރިން ގެންގުޅޭ ފިލޯސޮފީއަކީ ދުނިޔޭގެ ހުރިހާ ގައުމަކާއި ޖަމިއްޔާ ޖަމާއަތްތަކާ ވެސް ގުޅިގެން އުޅުން. ދިވެހިރާއްޖެއަކީ އެހެން ގައުމުތަކުގެ މެދުގައި މަގުބޫލު ގަައުމަކަށް ހެދުމަށް މިރާއްޖޭގެ އެހެން ރައީސުން މަސައްކަތް ކުރެއްވި އިރު، ރައީސް ޔާމީނު މަސައްކަތް ކުރެއްވީ އިދިކޮޅަށް. އެހެން ކަމުން، ޚާރިޖީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވި،" ޝިފާއު ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ރައީސް ޔާމީނަށް ވެރިކަން ކުރުމުގައި ގެންގުޅެން ޖެހޭ ވައްޓަފާޅި ނޭނގުމުގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ގޮންޖެހުންތަކެއް ތަހައްމަލު ކުރަން ޖެހުމުން ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

comment ކޮމެންޓް