ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އެއާ ކާގޯގެ ހިދުމަތް ފަށަން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއާއި ބަންގަލަދޭޝާއި ދެމެދު އެއާ ކާގޯގެ ހިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއާ މަޝްވަރާ ކުރައްވައިފިއެވެ.

ދެ ބޭފުޅުން މިކަމާ މަޝްވަރާކުރައްވާފައިވަނީ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ މެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޓަކައި މަޝްވަރާ ކުރައްވާފައެވެ. އޭގެތެރޭގައި ވިޔަފާރިއާއި އިކޮނޮމިކް ޑިޕްލޮމެސީގެ ގުޅުން ގާއިމްކޮށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ހަމައެއާއެކު ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ އަދި ސަރަހައްދީ ކަންކަމުގައި މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ މިހާރު ރާއްޖެއާއި ބަންގްލަދޭޝްއިން ގުޅުން ބަދަހިކޮށްފައިވާ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ވެސް ކުރައްވާފައެވެ. އޭގެތެރޭގައި ތައުލީމީ އަދި ސިއްހީ ދާއިރާ ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އަދި އޭގަ ސަބަބުން ދިމާވާ ގެއްލުންތަކަކީ ދެ ގައުމަށް ވެސް ކުރިމަތިލާންޖެހޭ ކަންތައްތަކެއް ބަންގްލަދޭޝްގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަަށް ހައްލު ހޯދުމަށް މަސައްކަތްކުރުން މުހިންމުކަމަށް ހަސީނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހުވަނީ އެ ގައުމަށް ރެފިއުޖީންގެ ގޮތުގައި މިޔަންމާއިން އެތެރެވާ ރޮހިންޔާ މުސްލިމުންނާ މެދު ބަންގްލަދޭޝްއިން އަމަލުކުރަމުން އަންނަ ގޮތާމެދު ތާއިދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝް ސަރުކާރާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ވެރިންވަނީ ކޮވިޑު-19އާ ގުޅިގެން ދެ ގައުމުގެ ހާލަތާމެދު ވެސް މަޝްވަރާކުރައްވާފައެވެ.

މިހާރު ރައީސް ސޯލިހު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރައީސް އަންނަނީ އެކި ގައުމުތަކުގެ ރައީސުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ރާއްޖެއާއި އެ ގައުމުތަކާމެދު ގުޅުން ގާއިމްކޮށް ބަދަހިކުރުމުގެ މަސައްކަތްކުރައްވަމުންނެވެ.

comment ކޮމެންޓް