ކުރެންދޫއަށް އުދަ އަރައި ގޭގެއަށް ފެންވަދެ، ބޯޅަ ދަނޑުގެ ވަށާފާރު ވެއްޓިއްޖެ

ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑަށް އުދަ އަރާފައި -- ފޮޓޯ/ ކުރެންދޫ ކައުންސިލްގެ ރައީސް

ޅ. ކުރެންދޫއަށް އުދަ އެރުމުގެ ސަބަބުން އެރަށު ގޭގެއަށް ފެންވަދެ، ފުޓްބޯޅަ ދަނޑުގެ ވަށާފާރު ވެއްޓިއްޖެއެވެ.

އުދައިގެ ސަބަބުން ލިބުނު ގެއްލުންތައް ހިއްސާކުރައްވަމުން ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު "ސަން" އަށް ވިދާޅުވީ އެ ރަށަށް އުދަ އަރަން ފެށީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ބޮޑަށް އުދަ އެރީ މިއަދު ފަތިހު ކަމަށް ސިމާއު ވިދާޅުވިއެވެ.

"އިއްޔެ މެންދުރު ކުޑަކޮށް ހޭޅި މައްޗަށް [އުދަ] އަރާލި. ދެން ރޭ ފަތިހު ތިނެއް ޖަހާކަންހާއިރު ބޮޑަށް [އުދަ] އަރަން ފެށީ،" ސިމާއު ވިދާޅުވިއެވެ.

ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑަށް އުދަ އަރާފައި -- ފޮޓޯ/ ކުރެންދޫ ކައުންސިލްގެ ރައީސް

އުދައިގެ ސަބަބުން ކުރެންދޫގެ ގިނަ ގޭގޭއަށް ފެން ވަތް ނަމަވެސް ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބުނީ މަދު ގެއެއްގައި ކަމަށް ސިމާއު ވިދާޅުވިއެވެ.

ސިމާއު އިތުރަށް ވިދާޅުވީ އުދައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެ ރަށުގެ ފުޓްބޯޅަ ދަނޑަށް ކަމަށެވެ. އެގޮތުން ދަނޑުގެ ވަށާފާރު ވެއްޓި، ދަނޑުމަތީގައި ހުރީ ހުސް ގާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑަށް އުދަ އަރާފައި -- ފޮޓޯ/ ކުރެންދޫ ކައުންސިލްގެ ރައީސް

ކުރެންދޫ ދަނޑަކީ އެރަށުގެ ރައްޔިތުން އަމިއްލައަށް ޓާފު އަޅައި، ޔޫތު މިނިސްޓްރީގެ އެހީއާއެކު ތަރައްގީ ކުރި ދަނޑެކެވެ. އަދި 2018 ވަނަ އަހަރު ބޭނުން ކުރި އެ ދަނޑު އިތުރަށް ތަރައްގީ ކުުރުމުގެ މަސައްކަތް ވަނީ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިއެވެ.

ކުރެންދޫއަށް އުދަ އެރި ނަމަވެސް، އެ ރަށަށް ވާރޭ ނުވެހޭ ކަމަށާއި އެހާ ވިއްސާރަ ނޫންކަން ސިމާއު ފާހަގަ ކުރެއްވިއެވެ.

އުދަ އެރުމުގެ ސަބަބުން ކުރެންދޫގައި މިއަދު ހެނދުނު އެމްއެންޑީއެފްއިން ހަރަކާތްތެރި ވި ކަމަށް ސިމާއު ވިދާޅުވިއެވެ.

comment ކޮމެންޓް