ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރުން -- ފޮޓޯ/ އެމްޓީސީސީ

ތ. ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އިއްޔެ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއުތައް ހަވާލުކުރުމަށް ނޭޝަނަލް ޕްލޭނިންގް، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަމާ ބެހޭ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެ އެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރުން -- ފޮޓޯ/ އެމްޓީސީސީ

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 500 މީޓަރުގެ އެއްގަމު ތޮށިލުމާއި، 15 މީޓަރު ގްރޮއިންސް ޖެހުމާއި، އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރާނެއެވެ.

އެ މަޝްރޫއަކީ 26.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 282 ދުވަސް ތެރޭގައިއެވެ.

ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 21،181.80 ކޮޑި މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 200 މީޓަރުގެ އެއްގަމު ތޮށްޓާއި 369 މީޓަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ކުރާނެއެވެ.

އެ 28.87 މިލިއަން ރުފިޔާގެ މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ 240 ދުވަސް ތެރޭގައިއެވެ.

comment ކޮމެންޓް