ޓައިގާ ކިންގްގެ ދެވަނަ ސީޒަން މިއަހަރު ނެޓްފްލިކްސްއަށް

ޓައިގާ ކިންގްގެ ޖޯ އެގްޒޮޓިކް -- ފޮޓޯ: ނެޓްފްލިކްސް

ނެޓްފްލިކްސްގެ މަޝްހޫރު ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓައިގާ ކިންގް"ގެ ދެވަނަ ސީޒަން މިއަހަރު ދައްކާނެކަން އިއުލާންކޮށްފިއެވެ.

ނެޓްފްލިކްސްއިން މިދިޔަ އަހަރުގެ މާޗް މަހު ދައްކަން ފެށި ޓައިގާ ކިންގްގެ ފުރަތަމަ ސީޒަން ދެމިގެން ދިޔައީ ހަތް އެޕިސޯޑަށެވެ. ނަމަވެސް އެ ސީރީސް ވެގެން ދިޔައީ އޭރު ކޮވިޑް-19 ލޮކްޑައުން ތެރޭގައި އެންމެ ގިނަ ބަޔެއްގެ ޝައުގުވެރިކަން އަތުލައިގަތް އެއް ސީރިސްއަށެވެ.

"ޓައިގާ ކިންގް 2"އިން ފެނިގެން ދާނީ ކޮން ބަޔެއް ކަމާއި އެ ސީޒަނާ ބެހޭ އިތުރު ތަފްސީލެއް ނެޓްފްލިކްސްއިން އަދި ނުދެއެވެ. ނަމަވެސް އާ ސީޒަން އުފެއްދީ މިދިޔަ އަހަރާއި މިއަހަރު ކަމަށް ސީއެންއެންއިން ރިޕޯޓުކުރިއެވެ.

ޓައިގާ ކިންގް އަކީ "ޓްރޫ ކްރައިމް" ނުވަތަ މީހުން ކުށްތަކަށް އަރައިގަތުމާ ބެހޭ ހަގީގީ ހާދިސާތައް ދައްކުވައިދޭ ސީރީސްއެކެވެ.

އެ ސީރީސްއިން ކިޔާ ދިނީ އެމެރިކާގެ އޮކްލަހޯމާގައި މިނިކާވަގާއި ސިންގާ އާއި އެފަދަ އެހެން ބޮޑެތި ޖަނަވާރުތައް ގެންގުޅުނު ޖޯސެފް މެލްޑޮނާޑޯ-ޕެސެޖު ނުވަތަ "ޖޯ އެގްޒޮޓިކް"ގެ ވާހަކައެވެ. އަދި ޒޫތަކުގައި އެފަދަ ޖަނަވާރު ގެންގުޅުމާ ދެކޮޅަށް ވަކާލާތު ކުރަމުން ދިޔަ ކެރޮލް ބާސްކިން އާއި ޖޯއާ ދެމެދު އުފެދޭ ވާދަވެރިކަން ބޮޑުވެ، ބާސްކިން މަރާލުމުގެ ރޭވުމަކާ ހިސާބަށްދާ ތަނެވެ.

އެ މައްސަލާގައި، ބާސްކިން މަރާލަން އުޅުނުކަން ޖޯ އެގްޒޮޓިކްގެ މައްޗަށް ވަނީ ކޯޓުގައި ސާބިތުވެފައިއެވެ. އަދި އޭނާ 22 އަަހަރަށް ޖަލަށްލާން މިދިޔަ ޖެނުއަރީ މަހު ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް