ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ކުވޭތުގެ ގުޅުން ބަދަހި ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ކުވޭތާ ދެމެދު ދެ ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވެސް ވަނީ ރާއްޖެއާއި ކުވޭތާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ދާއިރާއިންވެސް ގުޅުން ބަދަހިކުރުމަށް ރައީސާއި ބޮޑުވަޒީރު މަޝްވަރާ ކުރެއްވިއެވެ.

ހަމައެއާއެކު ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކޮށް ސުލްހަ އާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް, ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ ޕްލެޓްފޯމުތަކުގައި މަސައްކަތްކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ކުވޭތުން ރާއްޖޭގެ ތަރައްގީއަށްޓަކައި ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ކުވޭތުގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އދ.ގެ 76ވަނަ މަޖިލީހުގެ ރިޔާސަތު ކާމިޔާބުކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމަށް ޓަކައި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް