ރައީސް ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކޮށްފި

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރެއްވުން -- ފޮޓޯ/ ވަކީލް ނިޝާން އިބްރާހިމް

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދާއި، ބައްޕާފުޅު އަބްދުއްސައްތާރު އުމަރު ބަރުލަމާނީ ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ މިއަދެވެ.

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް ނިޝާން އިބްރާހިމް "ސަން"އަށް ވިދާޅުވީ އެ ދެ ބޭފުޅުން އެ ޕެޓިޝަނުގައި ސޮއިކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައިކަމަށެވެ. އަދި އެއީ އެ ދެ ބޭފުޅުންނާއި އެ ޓީމާ ދެމެދު އޮތް ގާތް ގުޅުމުގެ މަތިން ކުރެއްވި ކަމެއްކަމަށެވެ.

"އަޅުގަނޑުމެެންގެ ޕެޓިޝަނުގައި އެ ދެ ބޭފުޅުން ވެސް ސޮއިކުރެއްވީ އަޅުގަނޑުމެންގެ އެދުމުގެ މަތިން، މިއީ ރައްޔިތުންނާ ގުޅުންހުރި ކަމަކަށްވުމާއެކު،" ނިޝާން ވިދާޅުވިއެވެ.

ޕެޓިޝަންގެ މަސައްކަތްކުރަމުން އަންނަ ޓީމުން މި ނިޒާމަށް ޕާޓީތަކުގެ ތާއީދު ހޯދުމަށްޓަކައި ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ފަަށައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެެވެ.

އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކަށް ވެސް ރަސްމީކޮށް މަޝްވަރާގެ ދައުވަތު ފޮނުވާފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާނީ ރާއްޖޭގެ ހުރިހާ ޕާޓީތަކަށް މަޝްވަރާގެ ދައުވަތު ފޮނުވާފައި. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހުރިހާ ޕާޓީތަކާ މަޝްވަރާކުރާނަން،" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ޕާޓީތަކާއެކު މަޝްވަރާކުރަން ނިންމީ އެއީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތަކީ ގައުމީ މަސައްކަތަކަށް ވާތީ ކަމަށެވެ.

ނިޝާން އިތުރަށް ވިދާޅުވީ ބަރުލަމާނީ ޕެޓިޝަަނަށް އެއް ލައްކަ ސޮއި ހަމަވާން ވަރަށް ކައިރިވެފައިވާކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާރު ޕެޓިޝަނަށް ސޮއި އިތުރުކުރުމަށްޓަކައި ހުޅުމާލޭގައި ޑޯޓުޑޯ ކެމްޕެއިން ކުރަމުން އަންނަކަމަށް ނިޝާން ވިދާޅުވިއެވެ.

ހަމައެއާއެކު އޭނާ ވިދާޅުވީ ޕެޓިޝަނަށް ސޮއި ހަމަ ކުރުމަށްފަހު ނިޒާމު ބަދަލުކުރުމާމެދު ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަން އަރުވާނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް މި ޕެޓިޝަނުގެ ކޮޕީއެއް ހުށަހަޅާނެކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

comment ކޮމެންޓް