ގަމުގައި ބިދޭސީއަކު މަރާލިކަން ދިވެއްސެއްގެ މައްޗަށް ސާބިތުވެއްޖެ، ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ!

ލ. ގަމުގައި ބިދޭސީއެއް މަރާލި ކަން ސާބިތުވެފައިވާ އަލީ ހަމްޒާ ----

މީގެ ހަ އަހަރު ކުރިން ލ. ގަމުގައި ބިދޭސީއަކު މަރާލި ކަމުގެ ކުށް ދިވެއްސެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.

އެ ކުށް ސާބިތުވީ، ލ. ގަން ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށެވެ.

ދައުލަތުން ހަމްޒާގެ މައްޗަށް ކުރި ހަތިޔާރު ބޭނުންކޮށްގެން، ގަސްތުގައި މީހަކު މެރުމުގެ ދައުވާގައި ބުނެފައިވަނީ އޭނާ ޖޫން ނުވައެއް، 2015 ވަނަ ދުވަހުގެ 22:00 އެހާކަންހާއިރު، ބާންދު ޝަހުމިޔާ ކިޔާ މީހަކަށް ހަމަލާ ދިން ކަމަށެވެ.

އެގޮތުން ލ. ގަން ރަންދާނުގެ ފެންޑާގައި ބާންދު ޝަހުމިޔާ ނިދާފައި އޮއްވައި، ދިގު މިނުގައި ތިން ފޫޓު ހުންނަ ލަކުޑި ފަތިބުރިއަކުން އޭނާގެ މޫނުގައި ހަމްޒާ ޖެހި ކަމަށާއި އޭގެ ސަބަބުން ބާންދު ޝަހުމިޔާ މަރުވެފައިވާ ކަމަށް ދައުވާގައިވެއެވެ.

އެ މައްސަލާގައި ބާންދު ޝަހުމިޔާ މަރާލިކަމަށް ތަހުގީގު މަރުހަލާގައި ހަމްޒާ އިއުތިރާފުވިއެވެ. އަދި އެކަން އޭނާ ކުރި ގޮތުގެ ތަފްސީލާއި ސަބަބު ވެސް އޭރު ކިޔައިދިނެވެ. ނަމަވެސް ކޯޓު މަރުހަލާގައި ހަމްޒާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

ކަން ހިނގާދިޔަ ގޮތް:

އެއާ އެކު އެ މައްސަލަ ތަހުގީގު ކުރި ފުލުހުން ވަނީ އަލީ ހަމްޒާއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދީފައިއެވެ.

އެ މައްސަލަ ތަހުގީގު ކުރި ފުލުސް މީހާ ބުނީ، އެ މައްސަލައިގެ ތުހުމަތުގައި ހަމްޒާ ހައްޔަރު ކުރީ، ބާންދު ޝަހުމިޔާގެ ފޯނު ޓްރޭސް ކޮށްގެން ލިބުނު މައުލޫމާތުން، ބިދޭސީ މީހާ މަރާލުމުގައި ހަމްޒާ ބައިވެރިވިކަމަށް ތުހުމަތު ކުރެވުމުން ކަމަށެވެ.

އެގޮތުން ފޯނު ޓްރޭސް ކޮށްގެން ބެލި އިރު، ބާންދު ޝަހުމިޔާގެ ފޯނު ފެނިފައި ވަނީ ބިދޭސީއެއްގެ އަތުން ކަމަށާއި، އެއީ އެމީހާއަށް ވިއްކި ފޯނެއް ކަމުގައި ބުނުމުން، އިތުރަށް ހޯދި ހޯދުމުން ބާންދު ޝަހުމިޔާގެ ފޯނު ވިއްކުމުގައި ހަމްޒާ ބައިވެރިވިކަން އެނގުނު ކަމަށް ހެކިބަސް ދެމުން ފުލުސް މީހާ ބުންޏެވެ.

އެ މައްސަލާގައި ހަމްޒާ ހައްޔަރު ކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން، ބާންދު ޝަހުމިޔާ މަރާލި ގޮތް މުއްދަތު މަޖިލީހުގައި އާއި ފުލުހުންގެ ތަހުގީގުގައިވެސް ކިޔައިދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ފުލުސް މީހާ ބުނީ ތަހުގީގު ކުރިއަށްގެންދިޔައީ ހަމްޒާ އަށް ލިބެންޖެހޭ ހައްގުތައް ރަނގަޅަށް ކިޔައިދީފައި ކަމަށާއި އެއްވެސް މަޖުބޫޫރެއް ކުރުވާފައި ނުވާނެ ކަމަށެވެ.

ފުލުސް މީހާ ބުނީ ބިދޭސީ މީހާ މަރާލި ދުވަހު ހަމްޒާ ޑަންލޮޕް ބޭނުން ކުރުމަށް ފަހު، ޑަންލޮޕް ދަޅާ އެކު ބިދޭސީ މީހާ ނިދާފައި އޮތް ގޭގެ ފާރުމަތިން އެ ގޭ ތެރެއަށް ފުންމާލި ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

އެ ގޭ ތެރެއަށް ފުންމާލި އިރު ބިދޭސީ މީހާ ނިދާފައި އޮއްވައި ފެނުނު ކަމަށާއި، ދެން ޑަންލޮޕް ދަޅު ބެހެއްޓުމަށް ފަހު ލަކުޑި ބުރިއަކުން ބިދޭސީ މީހާގެ މޫނު މަތީގައި ތިން ފަހަރު ޖެހި ކަަމަށާއި، އެއަށް ފަހު ފާރުމަތިން ފުންމާލައިގެން ދިޔައީ ކަމަށް ހަމްޒާ ބުނި ކަމަށް ހެކިވެރިޔާ ޝަރީއަތުގައި ކިޔައިދިނެވެ. އަދި ލަކުޑިބުރި ފަޅު ގެ އެއްގެ ތެރެއަށް އެއްލާލި ކަމަށްވެސް ހަމްޒާ ތަހުގީގުގައި ބުނި ކަމަށް ފުލުސް މީހާ ބުންޏެވެ.

ހަމްޒާގެ މައްޗަށް ކުށް ސާބިތުވެ، މަރުގެ ހުކުމުން ސަލާމަތްވި

"އަލީ ހަމްޒާގެ އަމަލުގައި ދެކޮޅުވެރިކަމެއް އޮތްތޯ ބަލާއިރު މީނާ ދީފައިވާ އިއުތިރާފް ބަޔާނުން ބާންދް ޝަހުމިޔާއާ މެދު ދެކޮޅުވެރިކަމެއް އޮތްކަން އެނގެން ނެތަތީއާ ގަތްލް އަމްދުގެ ރުކުންތައް މީނާގެ އަމަލުގައި ފުރިހަމަ ނުވާތީ އަލީ ހަމްޒާ ކުޅަ ގަތުލް، ގަތުލް އަމްދުގެ ތެރޭގައި ހިމެނިގެން ނުދާނެ ކަމާއި އެފަދަ މަރު ވަންނަ ހުށީ ފިގުހް އަމްދުގެ ތެރެއަށް،" މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

ކަން އެހެން ހުރުމުން އަލީ ހަމްޒާގެ އަމަލުތަކުން ގަސްތުގައި މީހަރު މަރާލި ކަމުގެ ރުކުންތައް ހަމަ ނުވި ނަމަވެސް އޭނާގެ އަމަލުތަކުގެ ސަބަބުން މީހަކު މަރުވެފައިވާކަން ސާބިތުވާ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ.

އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އަލީ ހަމްޒާ ދީފައިވާ އިއުތިރާފް ބަޔާނުގައި އޭނާ ބާންދް ޝަހުމިޔާގެ ބޮލުގައި ޖަހާފައިވަނީ 'ޖެހުމުގެ ގަސްތު' އޮވެގެން ކަމަށް ބުނެފައިވާކަން ގާޒީ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އޭނާގެ އަމަލުގައި މަރާލުމުގެ ގަސްތު ނެތްކަން އެނގެން އޮތް ކަމަށެވެ.

"އެހެންވީމަ އަލީ ހަމްޒާގެ މައްޗަށް ސާބިތުވެގެން މިދިޔައީ އިސްލާމީ ޝަރީއާގައި މި އޮންނަ ތިން ވައްތަރުގެ ގަތުލުގެ ތެރެއިން ދެވަނަ ބަޔަށް. އެއީ ސިބްހުލް އަމްދަށް،" ގާޒީ ވިދާޅުވި އެވެ.

ވާރިސުން ބޭނުން ވަނީ މަރުގެ ދިޔަ، އެކަމުގައި ޝައްކުތަކެއް!

އެ މައްސަލައާ ގުޅިގެން ބާންދް ޝަހުމިޔާގެ ވާރިސުންގެ ބަޔާން މީގެ ކުރިން ބަންގަލަދޭޝް ހައި ކޮމިޝަން މެދުވެރިކޮށް ނަގާފައިވާ ކަން ގާޒީ ފާހަގަކުރެއްވިއެވެ.

ވާރިސުންގެ ބަސް ކަމަށް ބުނެ ބަންގުލަދޭޝް ހައި ކޮމިޝަނުން މީގެ ކުރިން ސިޓީއެއް ފޮނުވާފައިވާ ކަން ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ވާރިސުންގެ ބަސްކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

"އެ ސިޓީގައި އޮތީ މަރުވި މީހާގެ އާއިލާގެ ފަރާތުން ބޭނުންވަނީ މި މައްސަލާގައި މަރުގެ އަދަބު ދިނުމުގެ ބަދަލުގައި އެކަށީގެންވާ މާލީ ބަދަލެއް ކަމަށް،" ވަކީލް ވިދާޅުވިއެވެ.

އެއީ ސީދާ ވާރިސުންގެ ބަސް ކަމެއް ނުވަތަ އާއިލާގެ ބަސް ކަމެއް ބުނަން ނޭނގޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެހެން ކަމުން ދައުލަތުން ވަނީ ވާރިސުންގެ ބަސް ހޯދުމަށް އިތުރު ފުރުސަތު ދިނުމަށް އެދިފައިއެވެ. އެކަމަށް ގާޒީ ދެއްވީ 20 ދުވަހެވެ. އެއީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލީ ހަމްޒާ ބަންދުގައި އެތައް ދުވަހެއް ހުރުމުން މައްސަލަ އިތުރަށް ދިގުލައިގެން ދިޔަ ނުދިނުމަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް