އެމެރިކާއާއި ރަޝިއާގެ ލަޝްކަރުތަކުގެ އިސް ކޮމާންޑަރުން ކުއްލި ގޮތަކަށް ބައްދަލުކުރައްވައިފި

އެމެރިކާއާއި ރަޝިއާގެ ސިފައިންގެ އިސްވެރިން ހެލްސިންކީގައި ބައްދަލުކުރައްވަނީ

ހެލްސިންކީ (ސެޕްޓެމްބަރު 23): އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މާކް މިއްލޭ އާއި ރަޝިއާގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ވެލަރީ ގްރަސިމޯވް ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައި ކުއްލި ގޮތަކަށް ބައްދަލު ކުރައްވައިފިއެވެ.

މިއީ 2019 ވަނައަހަރަށްފަހު މިދެބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިއީ ކުރިން އިއުލާން ކުރުމަކާ ނުލައި ދެބޭފުޅުން ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށް މުރާސިލުން ބުނެއެވެ. މި ބައްދަލުކުރެއްވުން ހަ ގަޑީއިރަށް ދިގު ދެމިގެން ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.

ހެލްސިންކީގައި ޖެނަރަލް މިއްލޭ އާއި ޖެނެރަލް ގްރަސިމޯވް ކުރެއްވި މަޝްވަރާތަކުގެ ބޭނުމާއި އޭގެ ތަފްސީލް ރަޝިއާއިންވެސް އަދި އެމެރިކާއިންވެސް ހާމަކޮށްފައެއް ނުވެއެވެ. މަޝްވަރާތަކަށްފަހު އެދެބޭފުޅުންވެސް އެކަމާބެހޭ އެއްވެސް މައުލޫމާތެއް ނޫސްވެރިންނަށް ދެއްވާފައެއް ނުވެއެވެ.

އެމެރިކާއާއި ރަޝިއާގެ ސިފައިންގެ އިސްވެރިން ސީދާ ގޮތެއްގައި ބައްދަލުކުރައްވާފައި މިވަނީ އެމެރިކާއިން ރަޝިއާއާ މެދު ވާދަވެރިކަމަށްވުރެ ބޮޑަށް ދުޝްމަންކަމެއް ގެންގުޅެން ފަށާފައިވާ ދުވަސްވަރެއްގައެވެ. އެމެރިކާއިންވަނީ އެގައުމު ބޭނުންވާ ކަންކަންތައް ރަޝިއާގެ ކިބައިން ހާސިލް ކުރުމަށް ރަޝިއާއަށް މަޖްބޫރު ކުރުމަށްޓަކައި ރަޝިއާއާ ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް އަޅާފައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް އެމެރިކާ އެދުނު ކަންމަކަށް ރަޝިއާ އިޖާބަ ދީފައެއް ނުވެއެވެ

އަނެއްކޮޅުން ރަޝިއާގެ ހަތިޔާރު ގަންނަ އެހެން ގައުމުތަކާ ދެކޮޅަށްވެސް އެމެރިކާ ގެންދަނީ އެކަން ނުކުރުމަށް ފާޅުކަންބޮޑު ގޮތެއްގައި ބާރުއަޅަމުންނެވެ. އަދި ބާރުއަޅައިގެން ސުލްހަވެރި ގޮތުގައި ރަޝިއާގެ ހަތިޔާރު ގަތުން ހުއްޓާނުލާ ގައުމުތަކާ ދެކޮޅަށް ބިރުދެއްކުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންފަދަ ހަރުކަށި އަމަލުތައްވެސް އެމެރިކާ ދަނީ ހިންގަމުންނެވެ.

މިއީ ދުނިޔެއަށް ބާރާއި ނުފޫޒު ފޯރުވުމަށްޓަކައި ބައިނަލްއަގްވާމީ މުޖްތަމައުގައި ފުލުހެއްގެ ދައުރު އަދާކުރުމަށް އެމެރިކާ ކުރާ މަސައްކަތްތަކަށް ޗައިނާގެ ކުރިއެރުންތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާ ދުވަސްވަރެކެވެ. މީގެއިތުރުން މިއީ އަފްޣާނިސްތާނާއި އިރާގު ފަދަ ގައުމުތަކުގައި އެމެރިކާއަށް އަސްކަރީގޮތުން ބޮޑެތި ނާކާމިޔާބީ ތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއްވެސް މެއެވެ.

މީގެތެރެއިން އެންމެ ބޮޑު ނާކާމިޔާބީ އަކީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތް ބަލިކުރުމަށް 20 އަހަރުވަންދެން އެމެރިކާ ކުރި ހަނގުރާމަ އެމެރިކާއަށް ކާމިޔާބު ނުކުރެވުމާއި ތާލިބާނުން ނައްތާލުމަށް އެމެރިކާ ހޭދަކުރި ދެ ޓްރިލިޔަނެއްހާ ޑޮލަރު ބަރުބާދު ވެގެންދިޔުމާއެކު ނިކަމެތި ގޮތަކަށް އެމެރިކާ އަފްޣާނިސްތާނުން ފައިބަން ޖެހުމެވެ. މިއާއެކު އަފްޣާނިސްތާނުގައި އެމެރިުކާ ގާއިމްކުރި ގޮނޑިކޮއްކޮ ސަރުކާރުވެސްވަނީ ވެއްޓިފައެވެ. އަދި އެމެރިކާ ބިނާކުރި އަފްޣާން ސިފައިންގެ ލަޝްކަރުވެސްވަނީ ރޫޅިގެން ގޮސްފައެވެ.

އިރާގަށް ބަލާއިރުވެސް އިރާގުގެ ޖަމާއަތްތަކުގެ ހަމަލާތައް މެދުނުކެނޑި އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުވާތީ އެމެރިކާވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން މި އަހަރު ނިމުމުގެ ކުރިން އެގައުމުން ބޭލުމަށް ނިންމާފައެވެ.

އަނެއްކޮޅުން ސޫރިޔާގެ ރައީސް ބައޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމުގައިވެސް އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ. ސޫރިޔާގައި އެމެރިކާ ގޭ ރޭވުންތައް ނާކާމިޔާބު ކޮށްލާފައިވަނީ ރަޝިއާއާއި އީރާނުންނެވެ. އަނެއްކޮޅުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވައި އަދި އެމެރިކާ ބޭނުންވާ ކަންތައްތަކަށް އެއްބަސްވުމަށް އީރާނަށް މަޖްބޫރު ކުރުމަށް އެމެރިކާ ރޭވި ރޭވުންތަކާ ކުރި މަސައްކަތްތައްވެސް ވަނީ ނާކާމިޔާބުވެފައެވެ.

އަނެއްކޮޅުން އދ. ގެ ސަލާމަތީ މަޖިލީހުގައި ޗައިނާއާއި ރަޝިއާ ގެންދަނީ އެމެރިކާ ގެ ރުހުމާ ދެކޮޅަށް ވީޓޯގެ ބާރުވެސް ބޭނުންކުރަމުންނެވެ. މިއީ މީގެ އަށެއްކަ އަހަރުކުރިން އެމެރިކާއަށް އޮތް ގޮންޖެހުމެއް ނޫނެވެ.

comment ކޮމެންޓް