ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބުރިޖުގައި އެކްސިޑެންޓެއް ހިނގައި، މީހެއްގެ ފައި ބިނދިއްޖެ

ހުޅުމާލޭ ފޭސް2 އަށް އަރަން އޮންނަ ބްރިޖްގައ ހިނގި އެކްސިޑެންޓް -- ސަން ފޮޓޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބުރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ފައި ބިނދިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ދެވަނަ ފިޔަވަހީގެ ބުރިޖަށް އަރާ ހިސާބުގައި ކަމަށެވެ. އަދި އެ ހާދިސާގައި އަނިޔާވީ ދެ ފިރިހެނުންނަށް ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:20ހާ އިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ސައިކަލު ކޮންޓްރޯލުން ނެއްޓި، ޑިވައިޑަރެއްގައި ޖެހިގެން ކަމަށެވެ.

ހުޅުމާލޭ ފޭސް2 އަށް އަރަން އޮންނަ ބްރިޖްގައ ހިނގި އެކްސިޑެންޓް -- ސަން ފޮޓޯ

"ސަން"އަށް އެނގިފައިވަ ގޮތުގައި އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެކަކުގެ ފައި ވަނީ ބިނދިފައިއެވެ. އަދި އެމީހުންނަށް ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެކްސިޑެންޓެއްވެގެން މިއަދު މެންދުރު އެ ހޮސްޕިޓަލަށް 31 އަހަރުގެ، ބަންގްލަދޭޝްގެ ފިރިހެނަކު ގެންދިޔަ ކަމަށެވެ.

ނަމަވެސް އެ މީހާއާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް