ސާފް 2008 ގެ ހަނދާންތައް: ޖަވާ ފައިނަލް ބަލަން ދިޔައީ އެފްއޭއެމަށް ފިލައިގެން

މާޗް 7، 2017: ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕް ޓީސީއިން ކާމިޔާބު ކުރުމާ ގުޅިގެން އެފްއޭމް ކުރިމަތީގައި އެ އިދާރާއިން އިންތިޒާމް ކޮށްގެން ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ވެގެން ދިޔައީ ދިވެހީންގެ އެތައް ބަޔަކަށް ބަޔާންކޮށްދޭން ނޭނގޭ ފަދަ އިހުސާސުތަކެއް ކުރެވުނު ކަމަކަށެވެ. ހާއްސަކޮށް ފުޓުބޯޅައިގެ ތެރޭގައި އޭރު އެތަކެއް އަހަރުވެފައިތިބި އެތައް ބަޔަކު ތިބީ އެފަދަ ކާމިޔާބަކަށް ކަރު ހިއްކައިގެންފައެވެ.

އެގޮތުން 1999 ވަނަ އަހަރުން ފެށިގެން ފުޓުބޯޅައިގެ ތެރޭގައި އުޅެމުން އައި މިހާރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އަށް ކުރެވުނު ތަޖުރިބާ ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ އެދުވަހުގެ ހަނދާންތައް އާ ކޮށްލުމުން އަދިވެސް "ރޮވޭ ވަރު"ވާ ކަމަށެވެ.

އޭރު އެފްއޭއެމްގެ ވަރަށް އާދައިގެ ވަޒީފާއެއްގައި މަސައްކަތް ކުރި ޖަވާ ފުޓުބޯޅައިގެ ތެރެއަށް ވަނީ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭރުގެ 19 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމަށް ވެސް ކުޅުނު ޖަވާއަށް އަނިޔާގެ ސަބަބުން މާ ގިނަ ދުވަހަކު ޕްރޮފެޝަނަލް ލެވެލެއްގައި ކުޅެވޭ ގޮތް ނުވި ނަމަވެސް ފުޓުބޯޅައިގެ އިދާރީ މަސައްކަތުން ކުރިއަށްދާން އޭނާ އަޒުމް ކަނޑައެޅިއެވެ. ފުޓުބޯޅަ ނުކުޅެވުމުގެ ހިތާމަ ވެސް ޗެލެންޖަކަށް ނަގައި އެދުވަހު ކަނޑައެޅި އަޒުމާ އެކު މިހާރު އޭނާ އަކީ އެފްއޭއެމްގެ އިދާރީ އެންމެ އިސް މުވައްޒަފެވެ.

"އަޅުގަނޑު 1999 ގައި އެފްއޭއެމްއާ ގުޅި 2008އާ ހަމައަށް ވަރަށް ގާތްކޮށް މުބާރާތްތަކުގައި ބަލިވަމުން ދިޔައީ. އެހެން ނަމަވެސް އަބަދުވެސް ވިސްނަނީ [އޭގެން މުބާރާތަކުން] މޮޅުވާނެ ކަމަށް. އެހެންވީމަ 2008ގެ ވާހަކަ މިހެން ދެއްކިޔަސް އަޅުގަނޑުގެ ލޮލުން ކަރުނަ އާދޭ،" 2008 ގެ ކާމިޔާބީގެ ހަނދާންް އައު ކުރަމުން ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވި ގޮތުގައި ތަށި ލިބުމުން ކުރެވުނު އިހުސާސްތަކާއި، އެ ދުވަހު އުޅެވުނު ގޮތަކީ އޭނާއަށް ބުނެދޭން ދަތި އިހުސާސްތަކެއް ކުރެވުނު ވަގުތުތަކެއް ކަމަށެވެ.

އެފްއޭއެމުގައި އުޅެމުން މެޗު ބެލީ ވަގަށް ލަންކާއަށް ގޮސް

"އަޅުގަނޑު ލަންކާއަށް ދިޔައީ ވެސް ވެރިންނާ ވަގަށް. އޭރުގައި ކޮންގްރެސްއެއް އޮތުމާއެކު ނުދާށޭ ބުނި ކަމުގައި ވިޔަސް ފައިނަލް މެޗު އޮތުމުން ނުވެސް ބުނެލާ ދިޔައި،" 2008 ވަނަ އަހަރުގެ މުބާރާތުގެ ހަނދާންތައް އައު ކުރަމުން ޖަވާ ވިދާޅުވީ މިފަދައިންނެވެ.

ރާއްޖެއިން ބައިނަލް އަގުވާމީ މައިދާނެއްގައި ތަށި އުފުލާލުމަކީ އެންމެ ކުޑައިރުން ފެށިގެންވެސް ދެކޭ ހުވަފެނެއް ކަމަށް ޖަވާ ވިދާޅުވި އިރު، ލަންކާގައި އޮތް ފައިނަލަށް ގޮސް އެފްއޭއެމްގެ ސްޓާފުންނަށް ލިބޭ ވީއައިޕީ ޕާސް ވެސް ލިބިފައި ނުވެއެވެ. އެހެންކަމުން އެހެން މީހުންނެކޭ އެއްގޮތަށް އެދުވަހުގެ މެޗު ބެލީ ޓިކެޓް ގަނެގެން ކަމަށް ޖަވާ ވިދާޅުވިއެވެ.

"ދެން އެގަޑީގައި މުޚްތާރު ނަސީރު ގޯލު ޖެހީމަ މިހާރު ހިތަށް އަރުވާލިޔަސް ރޮވޭ ގޮތްވޭ. އެއީ އަޅުގަނޑަށް ނޭނގެ އުޅެވުނު ގޮތް ވެސް. އަނެއް ދުވަސް ވީމަ މި އެނގުނީ އަޑުވެސް ނެތްކަން،"

ޖަވާ ވިދާޅުވިގޮތުގައި މެޗު ބަލާ ގަޑީގައި ވަރަށް ބޮޑަށް ހާސްވެ މެޗު ބަލަން އުނދަގޫވާގޮތް ވެސް އޭނާއަށް ވެއެވެ. އޭގެ މިސާލަކަށް އޭނާ ދެއްކީ އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފްގެ ފައިނަލެވެ.

"2018 ގައި އަޅުގަނޑު ހުރީ ހިންގުމުގެ އެންމެ މަތީ މަގާމުގައި. ދެން އަޅުގަނޑަކީ ވަރަށް ހާސްވާ މީހެއް މެޗު ބަލާއިރު. އެ ފަހަރު ވެސް ވަރަށް ގިނައިން އަޅުގަނޑު ބޭރަށް ނުކުންނަން ޖެހުނު މެޗު ބަލަން ނުހުރެވިގެން،"

އެފްއޭއެމްގެ ތެރޭގައި އުމުރުގެ ބޮޑުބައި ހޭދަކުރި ޖަވާއަށް މިފަހަރުގެ ސާފް މުބާރާތަކީ ކުރީ ދެފަހަރާއި ޚިލާފަށް ތަފާތު މުބާރާތެކެވެ. އޭނާގެ ހިންގުންތެރިކަމުގައި ރާއްޖޭގައި ބާއްވާ މުބާރާތަށް ފުރިހަމަ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ޖަވާ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް