ޖާބިރުގެ ދަރަންޏަށް ލުޔެއް ނުދޭނަން: މަތިވެރި ކައުންސިލް

އއ. މަތިވެރި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ބޭއަދަބީ ބަސްތަކާއި އަމަލުތަކަށް ފަސްނުޖެހޭނެ ކަމަށާއި ކައުންސިލަށް ދަރާފައިވާ ދަރަންޏަށް އެކަމުގެ ސަބަބުން ކުޑަވެސް ލުޔެއް ނުދޭނެ ކަމަށް އއ. މަތިވެރީ ކައުންސިލުން ބުނެފިއެވެ.

މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭ ކަމަށާއި އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިއުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫން ކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަތިވެރީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖާބިރުގެ ބަހުރުވަ އާއި އިންޒާރު ދިވެހިންނަށް އާ ނޫން ކަމަށާއި، އެ އިންޒާރުތަކުގެ ސަބަބުން އެރަށު ރައްޔިތުންނާއި ކައުންސިލަށް ޖާބިރު ދަރާފައިވާ ދަރަންޏަށް ލުޔެއް ނުދޭނެކަމަށެވެ.

އެ ބަޔާނާ ބެހޭ ގޮތުން މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް "ސަން" އަށް ވިދާޅުވީ، ޓޫރިސްޓް ވިޔަފާރިއެއް ކުރުމަށްޓަކައި ޖާބިރު ކުއްޔަށް ނަންގަވާފައިވާ އެރަށު ދެކުނު ފަރާތު އަތިރިމަތީގެ ބިމު ކުލީގެ ޖޫރިމަނާގެ ގޮތުގައި އޭނާ ކައުންސިލަށް 4.7 މިލިއަން ރުފިޔާ ދައްކަވަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ ދައްކަން އަންގާފައި އޮތީ މިދިޔަ މަހުގެ ނިޔަލަށް ކަމަށެވެ.

އަސްލަމް ވިދާޅުވީ ޖާބިރު ކުއްޔަށް ނެންގެވި ބިމުގައި މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ފަހުން އެ މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށެވެ.

"އެތާ ހަމަ އިމާރަތް ކޮށް ހިންގާފަ، ދެން އެބޭފުޅުން އޭތި ހުއްޓާލާފަ ވަނީ،" އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ޖާބިރު މަތިވެރިއަށް ދިޔަ ދަތުރުގައި ކައުންސިލާއެކު އެވާހަކަ ނުދެކެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ފައިސާގެ މައްސަލަ ބަލައިދިނުމަށް ކައުންސިލްގެ ފަރާތުން ދައުލަތަށް ގޮވާލާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަތިވެރީ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައި ވަނީ، މުޅި ދުނިޔެއަށް ފެންނަގޮތަށް ލައިވްސްޓްރީމް ކުރަމުން ދިޔަ ޖަލްސާގައި އެރަށާ ގުޅިގެން ޖާބިރު ދެއްކެވި ވާކަތައް އެ ރަށު ރައްޔިތުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

https://sun.mv/157166

މީގެ އިތުރުން، މަތިވެރި ޓޫރިޒަމް ޒޯން-1 ގައި ތަރައްގީ ކޮށްފައިވާ ދެ ބިމަކަށް ގެއްލުން ދޭނެ ކަމަށް ވިދާޅުވެ، ޖާބިރު އިންޒާރު ދެއްވި ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ކައުންސިލްގެ ބަޔާނުގައިވެއެވެ.

އެ މައްސަލައާ ގުޅިގެން "ސަން" އިން ޖާބިރާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މައްސަލައިގައި އޭނާވެސް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

comment ކޮމެންޓް