ކުދި ގައުމުތައް ތަރައްގީވުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީއަށް ރައީސް ސޯލިހް އެދިއްޖެ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް-- ފޮޓޯ/ ރައީސް އޮފީސް

ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނެވި ތަރައްގީއެއް ގެނައުމަށް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީއަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ އދގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވުނު އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސް (އެއޯސިސް)ގެ ލީޑާސް ސަމިޓް 2021ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ގައުމުތަކުގެ ތަރައްގީގެ އިތުރުން ރައީސް ވަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، އެގައުމުތަކުގެ އިގްތިސާދު ސިންދަފާތުކުރުމަށް ޓެކްނޮލޮޖީގެ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގައުމުތަކުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށްވެސް ބައިނަލްއަގްވާމީ މުޖްތަމައުގެ އެހީއަށްއެދިފައެވެ.

ހަމައެހެންމެ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަންވެސް ރައިށސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ޤައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން މިއަދުގެ ސަމިޓުގައި ލީޑަރުން އެއްބަސްވެފައިވާ "ލީޑަރސް ޑެކްލެރޭޝަން"ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަމަށާއި، އެކަންކަން ހައްލުކުރުމަށް ތަރައްގީވެފައިވާ ގައުމުތަކުންނާއި، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކާއި، ޕްރައިވެޓް ސެކްޓަރއާއި، އަދި މަދަނީ ޖަމިއްޔާ ތަކުގެ އެއްބާރުލުމަށް ބޭނުންޖެހިފައިވާ ކަމަށް ރައިށް ވިދާޅުވިއެވެ.

ހަމައެހެންމެ މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ކަނޑުތައް ޕްލާސްޓިކް ކުނިން ތަޣައްޔަރުވުން ހުއްޓާލުމުގެ ގޮތުން ގައުމުތަކުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް ރައީސް ވަނީ އެ މަސައްކަތްތަކަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށް ޓަކައި ބައިނަލްއަގްވާމީ މުއާހަދާއެއް ގެނައުމަށްވެސް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އޭއޯއިސްގެ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނެވި ތަރައްގީއެއް ގާއިމްކުރުން އަދީ މީގެ އިތުރުންވެސް އެހެނިހެން ނާޒުކް މައްސަލަތަކާ ކުރިމަތި ލާންޖެހިފައިވާ ގައުމުތަކެއް ކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމުތަކަކީ މިފަދަ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއް ކަމަށެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންގޮސްފައެވެ.

އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާޢަތްކަމުގައިވާ 'އޭއޯސިސް' އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ.

comment ކޮމެންޓް