އެވިޑްގެ ހޮސްޕިޓަލިޓީ ޕްރޮގްރާމް އިފްތިތާހު ކުރަން ފަޅު ރަށަކަށް

ގދ. ހައޮޑިގަލާ -- ފޮޓޯ ހައޮޑިގަލާ ފޭސްބުކް

އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން، އެ ކޮލެޖުން އަލަށް ފަށާ ހޮސްޕިޓަލިޓީ ޕްރޮގްރާމް ގދ. ހައޮޑިގަލާގައި އިފްތިތާހު ކުރަން އެ ކޮލެޖުން ނިންމައިފިއެވެ.

އެވިޑް ކޮލެޖުގެ އަހަރީ ދުވަހަކީ މިމަހުގެ 12 ކަމަށްވި ނަމަވެސް އެ ދުވަސް ބޮޑުކޮށް ފާހަގަ ކުރަން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް، ގދ. ތިނަދޫގައެވެ.

އެވިޑުން ބުނީ އަންނަ ހޯމަ ދުވަހަކީ ބައިނަލްއަގުވާމީ ފަތުރުވެރި ކަމުގެ ދުވަހަށް ވުމާއެކު، އެ ކޮލެޖުން އެ ދުވަހު ކުރިއަށްގެންދާ ހަކަރާތްތައް ފަތުރުވެރި ކަމުގެ ދުވަހާ ގުޅުވާލަން ވަނީ ނިންމާފައިއެވެ.

އެހެންކަމުން ކޮލެޖްގެ ފަރާތުން، ތިނަދޫ ކައިރީ އޮންނަ ހައޮޑިގަލާއަށް ޕިކްނިކް ދަތުރެއް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދަތުރުގެ ތެރެއިން ހޮސްޕިޓަލިޓީ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ އިތުރުން، ހާއްސަ ހަރަކާތެއްގެ ގޮތުން ރަށް ސާފު ކުރަން ވެސް ވަނީ ރާވާފައިއެވެ.

އެވިޑުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ކޮލެޖުގެ އެންމެ ސީނިއާ މުވައްޒަފުން ހިމެނޭ ގޮތަށް، 35އަށް ވުރެ ގިނަ މުވައްޒަފުން ތިނަދުއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެވިޑުން ބުނީ މިފަހަރު އަހަރީ ދުވަސް ތިނަދޫގައި ފާހަގަ ކުރަނީ އެރަށަކީ މާލެ ފިޔަވާ އެ ކޮލެޖްގެ ކެމްޕަސް އެންމެ ފުޅާކޮށް ކުރިއަށް ގެންދާ އެއް ރަށަށް ވާތީއެވެ.

އެގޮތުން އަހަރީ ދުވަހުގެ ހާއްސަ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ އެވިޑް ތިނަދޫ ކެމްޕަސް ކުރިމަތީގައި އޮންނަ، ތިނަދޫ ރަސްމީ ބޯޅަ ދަނޑުގައި އަންނަ އާދިއްތަ ދުވަހުއެވެ.

އެ ޖަލްސާގައި، އެރަށް އާބާދުވި ފަހުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވި 60ށް ވުރެ ގިނަ މީހުންނަށް ހާއްސަ ޝަރަފެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށާއި ގއ. އަދި ގދ.ގެ ރަށްރަށަށް ކޮލެޖުގެ ތައުލީމު ފުޅާކޮށް، އެ ރަށްރަށުގައި މަތީ ތައުލީމުގެ ފުރުސަތުތައް ހުޅުވާލުމާ ބެހޭ ގޮތުން މީހުންނަށް މައުލޫމާތު ދޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މި ދަތުރުގެ ތެރެއިން އަންގާރަ ދުވަހު، އެ އަތޮޅުގެ ގައްދޫ އާއި ފަރެސްމާތޮޑާގެ އިތުރުން ފިޔޯރީ އަދި ރަތަފަންދޫ އަށް ކޮލެޖްގެ ސީނިއާ މުވައްޒަފުން ދަތުރުކޮށް، ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ތިނަދޫގައި ހިންގާ ހާއްސަ ހަކަރާތްތަކުގެ ތެރެއިން، ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް:

* ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުމުގެ ހަރަކާތް

* ޒުވާނުންނާއި ބެލެނިވެރިންނަށް (އެދުވަހު ހެނދުނު) ބޭއްވޭ ހަރަކާތް

* ބެލެނިވެރިންނަށް ބާއްވާ ހާއްސަ ސެޝަން

* ކުޑަކުދިންނާއި ބެލެނިވެރިންނަށް ބާއްވާ ހާއްސަ ހަރަކާތް

* އާއްމުކޮށް ހުޅުވާލައިގެން ބާއްވާ ދިވެހި ބަހުގެ ހާއްސަ އިލްމީ ސެޝަން

* ސްޓްރެޓަޖިކް ޕްލޭންގެ ހުނަރުތައް ދަސްކޮށްދޭ ސެޝަން

މީގެ އިތުރުން އެވިޑްގެ ޕްރޮގްރާތްމައް ޕްރޮމޯޓް ކުރުމަށް ބާއްވާ ހަކަރާތެއް އަންނަ އަންގާރަ ދުވަހު އޮންނާނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދިނެވެ.

މި ޕްރޮގްރާމްގައި ހިމެނޭ މައިގަނޑު ހަރަކާތްތައް ތިނަދޫގައި ލައިވްކާސްޓް ކުރާ ގްރޫޕެއް މެދުވެރިކޮށް ލައިވްސްޓްރީމް ކުރަން ހަމަޖެހިފައި ވާކަމަށް އެވިޑުން ބުންޏެވެ.

ހަމައެއާއެކު، އެވިޑުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަތައް މާދަމާއިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް މާލޭގައިވެސް ބާއްވާނެ ކަމަށް އެވިޑުން ބުންޏެވެ.

comment ކޮމެންޓް