ރޯގާ ޖެހިއްޖެ ނަމަ 24 ގަޑިއިރު ތެރޭގައި ހައްލު!

ކިނބިހި އެޅުމާއި ކަރުގައި ރިއްސުމާއި، ލޮލުން ފެން އައުމާއި ކެއްސުމަކީ ރޯގައިގެ އަލާމަތްތަކެވެ.

ދިފާއީ ނިޒާމު ބަލިކަށިވުމުގެ ސަބަބުން ހަށިގަނޑަށް ވަންނަ ނުރައްކާތެރި ވައިރަސް އިން ރޯގާ ޖެހުމަށް މަގުފަހި ކުރުވައެވެ. ބައެއްފަހަރު ސައިނަސް ފަދަ ބަލި ޖެހުމުގެ ސަބަބުން ވެސް ރޯގާ ޖެހޭ ގޮތް މެދުވެރިވެއެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި ރޯގާއިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަންކަމެވެ.

ހޫނު ފެނުގައި ފެންވެރުމަކީ ރޯގާ ފިލުވުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަމެވެ. ހެނދުނު ހޭލާއިރު ރޯގާ ޖެހިފައި ހުރުމުން ނޭފަތަށް ވަރަށް އުނދަގޫ ވާނެއެވެ. އެހެންކަމުން ހޫނު ފެނުގައި ފެންވެރުމުން ފަސޭހައިން ނޭވާލުމަށް އެހީތެރިވެ، ރޯގާ ރަނގަޅު ކޮށްދެއެވެ.

ހެނދުނު ހޫނު ފެނުން ފެންވެރުމަށްފަހު، އެލްޑަބެރީ ސިރަޕް ބުއިމަށް ވެސް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

އެހެން ދުވަސްތަކުގެ ހެނދުނުގެ ނާސްތާއާ ހިލާފަށް ޔޯގަޓް އާއެކު ހޫނު ކަޅުސައި ތައްޓަކަށް ލުނބޯ ހުތް ކޮޅެއް ފެލާލައިގެން ބުއިމަކީ ރޯގާއަށް ފަރުވާ ހޯދުމަށް އެހީވެދޭ ކަމެކެވެ. އަދި ބިސް ފެނުކެއްކުމަށްފަހު ކެއުމަށް ވެސް ސިއްހީ މާހިރުން ލަފާދެއެވެ.

ރޯގާ ޖެހުމުން އާންމުކޮށް ހުންނަނީ ކާހިތް ނުވެފައެވެ. ނަމަވެސް ރޯގާ ޖެހިފައި ހުންނައިރު ވިޓަމިން ސީ ލިބޭ މޭވާތަކުގެ ތެރެއިން އޮރެންޖާއި ދޮންކެޔޮ ކެއުމަކީ ރޯގާއިން ސަލާމަތްވުމަށް އެހީވެދޭނެ ކަމެކެވެ.

ބައެއްފަހަރު ރޯގާ ޖެހުމުން އެއްވެސް ކަމެއް ކުރާނެ ހިތްވަރު ގައިގައި ނުހުރެއެވެ. ވަރުބަލިކަން މާ ބޮޑަށް އިހުސާސް ކުރެވެއެވެ. އެހެންކަމުން ފަސޭހައިން ކުރެވޭ ލުއި ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މާގިނަ ވަގުތު އެއް ތަނެއްގައި އޮންނަ ނަމަ، ބަލީގެ ބިރުވެރިކަން އިތުރަށް ބޮޑުވާތީއެވެ.

ރޯގާއަށް ހައްލު ހޯދުމަށް ނޭސަލް ސްޕްރޭ ޖެހުން މުހިއްމެވެ. މި ސްޕްރޭ ޖެހުމަށް އެންމެ ރަނގަޅު ވަގުތަކީ ނިދުމުގެ ކުރިން ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އޭރުން ފަސޭހައިން ނިދާލައި، 24 ގަޑިއިރު ތެރޭގައި ރޯގާ ރަނގަޅު ކޮށްދިނުމަށް އެހީވެދޭނެއެވެ.

comment ކޮމެންޓް