ހެއްކާބެހޭ ބިލުގައި މަސްދަރު ހާމަކުރަން ޖެހޭ މާއްދާއެއް އޮތުމުން އެމްއެމްސީގެ ކަންބޮޑުވުން

މީޑިއާ ކައުންސިލް -- ފޮޓޯ/ އެމްއެމްސީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް ލިޔެފައި އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްއެމްސީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ކަމަށާއި މީގެ ތެރޭގައި ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލު ފާޅު ކުރުމާއި، ޝާއިއު ކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭ ކަމަށެވެ.

މި ގޮތުން ޝާއިއުކުރާ، ނުވަތަ ފަތުރާ، ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމުގައި ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުލާގައި މިހާރު އޮތް ހެއްކާއިބެހޭ ބިލްގެ 136 ވަނަ މާއްދާގެ (ށ)ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ ދެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާ ކަަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ކައުންސިލުން ދެކޭ ގޮތުގައި މި މާއްދާ މިގޮތަށް އޮވެ، ބިލް ފާސްވެއްޖެނަމަ ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މި މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ހުޅިވިގެންދާނެ ކަމަށެވެ.

އަދި މިފަދައިން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމުގައި ވެސް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއިބެހޭ ބިލުން ވެސް ފާހަގަ ކުރެވުނު ކަންކަން އުނި ކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މިޖިލީހަށް ގޮވާލާ ކަމަށެވެ.

މީގެ އިތުރުން މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީއާ ބައްދަލު ކުރުމަށާއި އަދި މިކަން އިސްލާހް ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަށް މިއަދުގެ ކައުންސިލް ޖަލްސާގައި ފާސްކޮށްފައިވާ ވާހަކަ ނޫސްވެރިންނާއި މީޑިއާގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް