މިނިމަމް ވޭޖުން ސިވިލްސާވަންޓުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭނެ: ވޭޖް ބޯޑު މެންބަރު

މިނިމަމް ވޭޖް ބޯޑުގެ މެމްބަރު މައުރޫފް ޒާކިރު --- ސަން ފޮޓޯ/ އަހްމަދު ސައީދު

މިނިމަމް ވޭޖުން ސިވިލް ސާވަންޓުންގެ އެއްވެސް ކަންބޮޑުވުމަކަށް ހައްލެއް ނުލިބޭނެކަމަށް މިނިމަމް ވޭޖް ބޯޑު މެންބަރަކު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ބޯޑުގެ މެމްބަރު މައުރޫފް ޒާކިރު މިއަދު "ސަން"އަށް ވިދާޅުވީ މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ހުށަހަޅާފައި ވަނީ ކުޑަ އަދަދުތަކެއް ކަމަށެވެ. އަދި އެ ބޯޑުގެ ކަންކަން ނިންމަނީ މެޖޯރިޓީއަށް ބަލައިގެންކަމަށްވުމުން މަސައްކަތްތެރިންގެ ފަަރާތުން ހުށަހަޅާ އެއްވެސް ކަމެއް ފާސްނުވާކަމަށް މައުރޫފް ވިދާޅުވިއެވެ.

"ބޯޑުގެ މެޖޯރިޓީ މި އޮންނަނީ ސަރުކާރާ ވަޒީފާ ދޭ ފަރާތަަށް. އެހެންވީމާ އެއީ ނިންމުންތައް ނިމޭ ކޮޅަކީ. މަސައްކަތްތެރިން ހުށަހެޅީ 8،900 ރުފިޔާ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިނިމަމް ވޭޖް ކަނޑައެޅުމަށް ކުރަންޖެހޭ ދިރާސާތައް މިހާރު ވަނީ ނިމިފައެވެ. ދެން އޮންނާނީ މިނިވަމް ވޭޖް ކަނޑައެޅުމެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް އެކި ތާރީޚުތައް ސަރުކާރުން ދިންނަމަވެސް އެ ތާރީޚުތައް ފަހަނައަޅައި ދިޔައިރުވެސް މިނިމަމް ވޭޖް ކަނޑައެޅިފައެއް ނުވެއެވެ.

މިނިމަމް ވޭޖް ބޯޑުގެ ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، އެ ބައްދަލުވުމުގައި މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމުގެ ޔަގީންކަމެއް އަދި ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ފަހަރެއްގަ މާދަމާ މިނިމަން ވޭޖް ކަނޑައެޅިވެސްދާނެ. ކަނޑަނޭޅިވެސް ދާނެ،" މައުރޫފް ވިދާޅުވިއެވެ.

މުސާރައާއި އިނާޔަތްތަކުގެ މައްސަލައިގައި ސިވިލް ސާވިސް މުވައްޒަފުންވަނީ އާދިއްތަ ދުވަހު ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. އަދި ހޯމަ ދުވަހު ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ވެސް ކޮށްފައިވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ ބޮޑު ޑިމާންޑަކަށް ވެފައި އޮތީ މުސާރައާއި އިނާޔަތްތައް ބޮޑުކޮށްދިނުމެވެ. އަދި މިނިމަމް ވޭޖު އަވަހަށް ކަނޑައަޅައިދިނުމެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ހުށަހެޅި އަދަދު ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއްނުވެއެވެ.

މިނިމަމް ވޭޖް ބޯޑުގެ ޗެއާމަނަކީ ގ. ސިލްވަރުގޭ މަރިޔަމް ހާލިދާއެވެ. އެ ބޯޑުގެ މެމްބަރުންނަކީ މއ. މާންދޫ، އިބްރާހިމް ނޫރައްދީނާއި ހ. ސީސްސައިޑް، މުހައްމަދު އަލީ ޖަނާހް އާއި ހއ. ހޯރަފުށީ ޗާންދަނީގޭ އަލީ އާދަމްގެ އިތުރުން ބ. ކެންދޫ، ދާއިރާ، މައުރޫފް ޒާކިރެވެ.

comment ކޮމެންޓް