އދ. ގެ އާންމު މަޖިލީހުގައި ތަގްރީރުކުރަން ތާލިބާނުންވެސް ބޭނުންވޭ

ތާލިބާނުން އދ. އަށް ކަނޑައެޅި މަންދޫބު ސުހައިލް ޝާހީން

އދ. މަޖިލިސް (ސެޕްޓެމްބަރު 22) : އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި އަފްޣާނިސްތާނުގެ ފަރާތުން ތަގްރީރު ކުރުމުގެ ފުރުސަތު ދިނުމަށް އެދި އެގައުމުގެ މިހާރުގެ ސަރުކާރު ކަމަށްވާ ތާލިބާންގެ ސަރުކާރުން އދ.ގެ ސެކްރެޓޭރިއަޓް އަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރައްވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަނީ ޑުޖަރިޗް ވިދާޅުވީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި އަފްޣާނިސްތާނުގެ ފަރާތުން ތަގްރީރު ކުރުމުގެ ފުރުސަތު ދިނުމަށް އެދި ތާލިބާން ސަރުކާރުގެ ޚާރިޖީ ވަޒީރު އަމީރު ޚާން މުއްތަގީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރެޝް އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމުގައެވެ.

އެސިޓީގައި މިހާރު އަފްޣާނިސްތާނުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބަކީ މުހައްމަދު ސުހައިލް ޝާހީންކަމާއި އަފްޣާނިސްތާނުގެ ވައްޓާލި ސަރުކާރު (ގައުމުން ފިއްލެވި އަޝްރަފް ޣަނީގެ ސަރުކާރު) ގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނެވި ދާއިމީ މަންބޫދު ޣުލާމް އިސްހާގްޒާއީ އަކީ އަފްޣާނިސްތާނު ތަމްސީލުކުރުމުގެ ހައިސިއްޔަތެއް މިހާރު އޮތް ބޭފުޅެއް ނޫންކަން ބަޔާން ކުރައްވާފައިވާކަން ޑުޖަރިޗް ފާހަގަ ކުރެއްވިއެވެ.

ސުހައިލް ޝާހީން އަކީ ގަތަރުގައި ހުންނަ ތާލިބާންގެ ސިޔާސީ އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި އިނގިރޭސިބަހުން ފަސޭހައިން ވާހަކަ ދައްކަވާ ބޭފުޅެކެވެ. އަނެއްކޮޅުން އަފްޣާނިސްތާނުގެ ވައްޓާލި ސަރުކާރުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޣުލާމް އިސްހާގްޒާއީ ވެސް ވަނީ، އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުން އެދި ގުތަރެޝް އަށް ސިޓީއެއް ފޮނުއްވާފައިވާކަން ޑުޖަރިޗް ހާމަކުރެއްވިއެވެ.

ދުނިޔޭގެ ގައުމުތަކުން އދ. އަށް ކަނޑައަޅާ މަންދޫބުން ގެ ކަންތައް ބަލަހައްޓަނީ އެކަމާބެހޭގޮތުން އދ. ގައި އޮންނަ ޚާއްސަ ކޮމިޓީއަކުންނެވެ. މިކޮމިޓީގައި މިހާރު ހިމެނެނީ ރަޝިއާ، ޗައިނާ، އެމެރިކާ، ސްވިޑްން، ދެކުނު އެފްރިކާ، ސިރަލިއޯން، ޗިލީ، ބޫޓާން،އަދި ބަހާމާސް ގެ މަންދޫބުންނެވެ. އަފްޣާނިސްތާން ތަމްސީލް ކުރާނެ ފަރާތަކާބެހޭގޮތުން މިކޮމީޓީން އަދި ގޮތެއް ނިންމާފައިނުވާކަން ޑުޖަރިޗް ފާހަގަ ކުރެއްވިއެވެ.

އދ. ގައި ތާލިބާނުންގެ ސަރުކާރުގެ މަންދޫބު ތަމްސީލް ކުރުމާބެހޭގޮތުން މިދެންނެވި ކޮމިޓީގެ ފަރާތުން ވަކިގޮތެއް ނިންމާނީ މި މައްސަލާގައި ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށާ އާންމު މަޖިލީހުގެ 76 ގެ ޖަލްސާތައް މިމަހުގެ ފަހުކޮޅު ނިމޭއިރު މިކަމުގައި ކޮމިޓީއަށް ވަކިގޮތެއް ނުނިންމިއްޖެނަމަ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު އަފްޣާނިސްތާނަށް ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް ޑިޕްލޮމޭޓުން ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، ތާލިބާން ޖަމާއަތުގެ އަތްދަށަށް އަފްޣާނިސްތާން ދިޔުމާއެކު އަފްޣާނިސްތާނުގައި އެމެރިކާ ގާއިމްކުރި ސަރުކާރު ވެއްޓި އެސަރުކާރުގެ ރައީސް އަޝްރަފް ޣަނީ ގައުމުން ބޭރަށް ފިއްލަވާފައެވެ. މިގޮތަށް އޮއްވައި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް އިއްޔެވަނީ ފެށިފައެވެ.

އާންމު މަޖިލީހުގެ ޖަލްސާތައް އިއްޔެއިން ފެށިގެން މިމަހުގެ ނިޔަލަށް ކުރިޔަށްދާއިރު މިޖަލްސާތަކުގައި ދުނިޔޭގެ ގައުމުތަކުގެ ރަސްރަސްކަލުން، އަމީރުން، ރައީސުން، ބޮޑުވަޒީރުން، ހާރިޖީ ވަޒީރުން އަދި މަންދޫބުން ތަގްރީރު ކުރައްވަމުން ގެންދަވާނެއެވެ. އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި އަފްޣާނިސްތާނު ތަމްސީލް ކުރާނެ ފަރާތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. ދުނިޔޭގެ އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރަށް އަދި އިއުތިރާފް ވެފައެއް ނުވެއެވެ. ނަމަވެސް ބައެއް ޝަރުތުތަކަކާއެކު އެސަރުކާރަށް އިއުތިރާފްވާނެކަމުގެ އިޝާރާތްތައް ދުނިޔޭގެ އެތަށް ގައުމަކުންވަނީ ދީފައެވެ.

comment ކޮމެންޓް