ހިޔާ މަޝްރޫއު އަނިޔާއަކަށް ބަދަލު ކުރީ މި ސަރުކާރުން: ޑރ. މުއިއްޒު

ޕެޓިޝަން ކޮމެޓީގައި ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއު އަނިޔާއަކަށް ބަދަލު ކުރީ މި ސަރުކާރުން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވީ ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭގޮތުން، ޕެޓިޝަން ކޮމެޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައިއެވެ.

އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ނުހިންގާ ވަރަށް މިދިޔަ ސަރުކާރުގައި ވަނީ ހައުސިން މަޝްރޫއުތައް ހިންގާފައި ކަމަށާއި، އޭގެ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ނިމިފައި ކަމަށެވެ.

"ދެން އެ މަޝަރޫއުތައް އަނިޔާއަކަށް ބަދަލުކުރީ މި ސަރުކާރުން. އަނިޔާއަކަށް ވާ ގޮތަށް ކަންތައްތައް ގެންދިޔައީ މި ސަރުކާރުން. މި ސަރުކާރުގެ ކުންފުނިތަކުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ އިންޓްރެސްޓް ރޭޓްތައް ހުންނާނީ ހަތަރު ޕަސެންޓަށް ވުރެ ދަށުގައިކަން ފާހަގަކޮށް ޑރ. މުއިއްޒު ވިދާޅުވީ، ފްލެޓްތަކުގެ އަގު ބޮޑުކޮށްގެން މިސަރުކާރުން ދެނީ އަނިޔާއެއް ކަމަށެވެ.

"އިންޓަރެސްޓް ރޭޓް މިހާރު މި ބޭފުޅުން ކޮންމެވެސް ސަބަބަކާ ހުރެ ގެންގުޅެނީ 6.8 ނޫނީ 6 ޕަސެންޓްގައި. އެހެންވީމަ އަގު ބޮޑުވާނެ ނޫންތޯ. އަގުބޮޑުކޮށްގެން ރައްޔިތުން އަތުން 8،500 ރުފިޔާ މި ނަގަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ އަގު ބޮޑުކޮށްފައިވާތީ، އެކަމުގެ ހުރިހާ ތަކުލީފްތަކެއް އުފުލަމުން ދަނީ ރައްޔިތުން ކަން ޑރ. މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ފްލެޓްތަކުގެ ފިނިޝިން ނިންމުމަށްފަހު އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށް ކަމަށެވެ.

"އޭރު ނިންމާފައި އޮންނާނީ ފަސް އޮޕްޝަނަކަށް ޑިޒައިންތައް ނިންމާފައި އެޗްޑީސީގެ ފަރާތުން އިތުރު 43 މިލިއަން ޑޮލަރުގެ ލޯނެއް ވެސް އޮތީ ހަމަޖެހިފައި އެކަމަށް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރުގެ އިކޮނަމިކް ޕޮލިސީއާ ކަންކަން ހުރި ގޮތުން ބޭރުގެ ފަރާތްތަކަށް އިތުބާރު ނެތުމުން، 43 މިލިއަން ރުފިޔާގެ ލޯނު ގެއްލުނީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ. ކުރީ ސަރުކާރުގެ ބޮލުގައި އެކަން އެޅުވުމަށްފަހު، މިސަރުކާރުން ހުރިހާ ތަކުލީފެއް ޖައްސާފައިވަނީ ރައްޔިތުންނަށް ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އެއީ ވަރަށް ރީތިކޮށް ނިންމަން އޮތް މަޝްރޫއެއް ކޮންމެ މީހަކު ބޭނުންވާ ގޮތަށް ތަން ނިންމާފައި ހަވާލުކުރެވޭ ގޮތަށް އޮތް މަޝްރޫއެއް،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކުރިން ކަނޑައަޅާފައި އޮތް ގޮތަށް 5،800 ރުފިޔާ ކުލީގެ ގޮތުގައި ނެގުމަށްފަހު 20 އަހަރު ފަހުން އެކަމުގެ ފައިދާ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުރާނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

comment ކޮމެންޓް