އަލީ ވަހީދު ރާއްޖެ ގެނެވޭނީ އިނގިރޭސިވިލާތުން ޑީޕޯޓް ކުރުމުން: ސީޕީ ހަމީދު

ސީޕީ ހަމީދު ވިދާޅުވީ، އަލީ ވަހީދު ރާއްޖެ ގެނެވޭނީ އިނގިރޭސިވިލާތުން ޑީޕޯޓް ކުރުމުން ކަމަށް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުން ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ގެނެވޭނީ އޭނާ މި ވަގުތު ހުންނެވި އިނގިރޭސިވިލާތުން ޑީޕޯޓް ކޮށްލުމުން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ދެ މަހާއި 12 ދުވަހަށެވެ. މިދިޔަ މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެ ހުކުމް ކޮށްފައިވަނީ، ޗިޓް ރައްދުވުމުން ވެސް އަޑުއެހުމަށް ވެސް ހާޒިރުވެފައި ނުވާތީއެވެ.

އަލީ ވަހީދަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހޯދައިގެން ގެނެސްދިނުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ފުލުހުންގެ މުއައްސަސާގައި އެދިފައެވެ.

"ޝަރީއަތަށް ހާޒިރުނުވުމުގެ އެ ހުކުމް ތަންފީޒުކުރުމަށްޓަކައި އަޅުގަނޑުމެނަށް ހަމަ އެކަނި ހޯދޭނެ މަގަކީ އިނގިރޭސިވިލާތުން އެބޭފުޅާ ޑީޕޯޓް ކުރައްވައިފިއްޔާ އަޅުގަނޑުމެނަށް އެކަން ކުރެވިދާނެ،" ސީޕީ ހަމީދު ވިދާޅުވި އެވެ.

އަލީ ވަހީދަށް ކޮށްފައިވާ ހުކުމުގެ ބާވަތުން އޭނާ ރާއްޖެ ގެނައުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ސީޕީ ހަމީދު ވިދާޅުވީ، އެފަދަ ހުކުމް ކޮށްފައިވާ ފަރާތްތައް އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުމުގެ އެއްބަސްވުމެއް ދެ ގައުމު ދެމެދުގައި ހަދާފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އަލީ ވަހީދަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށް އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ދެން އޭގެ ވަރަށް ބޮޑަށް ބަރޯސާ ވާނެ އިނގިރޭސި ސަރުކާރުން އަޅުގަނޑުމެނަށް ފޯރުކޮށްދޭނެ އެހީތެރިކަމަށް. އެއީ ޓްރިޓީއެއް ފަދަ އެއްބަސްވުމެއް ނޯންނާތީވެ،" ސީޕީ ހަމީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުކުރެވޭތީ އިނގިރޭސި ސަރުކާރުގައި ދަންނަވައިގެން، އެގައުމުގެ ފުލުހުންނާއި ދިވެހި ފުލުހުންނާ އޮންނަ ގުޅުމާއި އިންޓަޕޯލްގެ ޗެނަލްތަކުގެ ތެރެއިން ކަންތައްތަކެއް ކުރެވިދާނެ ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި އެކަމުގައި ވެސް ފުދޭވަރަކަށް ގިނަ ގާނޫނީ މަސައްކަތް ހިމެނޭ ކަމަށް ސީޕީ ވިދާޅުވި އެވެ.

"ޕްރޮސިކިއުޓާ ޖެނަރަލްއާ މަޝްވަރާކޮށްގެން ޝަރީއަތަށް ހާޒިރުކުރުމަށް ދެން އިތުރަށް އެޅޭނެ ފިޔަވަޅަކީ ކޮބައިތޯ ބަލަމުން ދާނީ،" ސީޕީ ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

comment ކޮމެންޓް