ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުނު ނަމަވެސް ޓްރޫޑޯއަށް ބޮޑުވަޒީރުކަން ކަށަވަރުވެއްޖެ

ޖަސްޓިން ޓްރޫޑޯ

އޮޓަވާ (ސެޕްޓެމްބަރު 22) : ކެނެޑާގައި ބޭއްވި އާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބޭކަން ނަތީޖާއިން ހާމަވެއްޖެއެވެ.

ކެނެޑާގެ އިންތިޚާބާ ބެހޭ އިދާރާއިން ހާމަކުރި އާންމު އިންތިޚާބުގެ ނަތީޖާގައިވާގޮތުން މިއިންތިޚާބުގައި އެއްޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބިފައިވަނީ މިހާރުވެސް އެގައުމުގައި ވެރިކަންކުރާ ލިބަރަލް ޕާޓީއަށެވެ. އެއީ ބޮޑުވަޒީރު ޖަސްޓިން ޑްރޫޑޯގެ ޕާޓީއެވެ. ޕާލަމެންޓްގައި ހިމެނޭ 338 ގޮނޑީގެ ތެރެއިން އެޕާޓީ ވަނީ 155 ގޮނޑި ކާމިޔާބުކޮށްފައެވެ.

ލެބެރަލް ޕާޓީއާ އެންމެ ގާތުން ވާދަކުރި އިދިކޮޅު ކޮންޒަވެޓިވް ޕާޓީއަށް 122 ގޮނޑި ލިބުނުއިރު ކެނެޑާގައި ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ގޮތުގައި ބެލެވޭ ނިޔު ޑިމޮކްރެޓިކް ޕާޓީއަށް ލިބިފައިވަނީ 26 ގޮނޑިއެވެ. ކެނެޑާގެ ޕާލަމެންޓްގެ އަޣްލަބިއްޔަތަކީ 170 ގޮނޑިކަމުން އަޣްލަބިއްޔަތު ހޯދުމަށް ލިބަރަލް ޕާޓީއަށް ބޭނުންވަނީ އެންމެ 15 ގޮނޑިއެވެ. މި 15 ގޮނޑި ހޯދުމަށްޓަކައި ލިބަރަލް ޕާޓީން ކޯލިޝަން ހަދާނެކަމަށް ބެލެވިފައިވަނީ ނިޔު ޑިމޮކްރެޓިކް ޕާޓީއާއެވެ.

މިކަމަށް އެޕާޓީގެ ލީޑަރު އަދި ކެނެޑާގެ މިހާރުގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ މިހާރު ވަނީ އިޝާރާތްވެސް ކުރައްވާފައެވެ. ލިބަރަލް ޕާޓީއާ ފިކުރުގެ ގޮތުން އެންމެ ގާތް ޕާޓީއަކީވެސް ނިޔު ޑިމޮކްރެޓިކް ޕާޓީއެވެ. ނިޔު ޑިމޮކްރެޓިކް ޕާޓީ އާ ކޯލިޝަން ހެދުމުން ޓްރޫޑޯ އަށް ބޮޑުވަޒީރުކަމުގައި ދެމިހުންނެވޭނެއެވެ. އެހެންކަމުން ޑްރޫޑޯގެ ލިބަރަލް ޕާޓީއަށް ކެނެޑާގެ އާންމު އިންތިޚާބު ކާމިޔާބު ނުކުރެވުނު ނަމަވެސް ކޯލިޝަން ހަދައިގެން ބޮޑުވަޒީރުކަމުގައި ދެމިހުންނެވުމުގެ ޓްރޫޑޯ އަށް ލިބިވަޑައިގަންނަވާނެއެވެ.

ނަމަވެސް ނިޔު ޑިމޮކްރެޓިކް ޕާޓީ އާ ކޯލިޝަން ހެދުމަށްޓަކައި އެޕާޓީއަށް ބައެއް ދޫތައް ދިނުމަށާއި އެޕާޓީގެ ކޭންޕޭން ވައުދުތައް ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނަން ޓްރޫޑޯއަށް ޖެހިވަޑައިގަންނަވާނެއެވެ. މިއީ ކޮވިޑް- 19 ގެ ސަބަބުން އިގްތިސާދީ ހީނަރުކަން ތަހައްމަލްކުރާ ކެނެޑާގެ ބަޖެޓަށް ބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ލިބަރަލް ޕާޓީއަކީ ކެނެޑާގައި އެންމެ ގިނަދުވަހު ވެރިކަންކުރި ޕާޓީއެވެ. އެ ޕާޓީ ކެނެޑާގައި ވެރިކަންކުރާތާ ގާތްގަނޑަކަށް 70 ވަރަކަށް އަހަރު ވެފައިވާއިރު ދޭތެރެއަކުން ކޮންޒަވެޓިވް ޕާޓީވެސް ވެރިކަން ކޮށްފައިވެއެވެ. އަދި މިފަހަކަށް ލެބެރަލް ޕާޓީއަށްވެސް ރައްޔިތުންގެ ތާއީދު ކުޑަވަމުން ގޮސްފައިވާތީ ލެބަރަލް ޕާޓީ ވެރިކަންކުރަމުން ގެންގޮސްފައިވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް