ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގޮވައިލައި، މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު ފަޒުލް ރަޝީދު -- ފޮޓޯ/ މަޖިލިސް

ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލާ, މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެންބަރު އަހުމަދު ފަޒުލް ރަޝީދު ހުށަހެޅުއްވި މި ގަރާރަކީ ފެލިދޫ ގިރާ ސަރަހައްދު އާދަޔާ ހިލާފަށް ގިރެމުން ދާތީ، ގިރާ ސަރަހައްދު ހިމާޔަތް ކުރުން އަވަސްކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރުމަށް ހުށަހެޅި ގަރާރެކެވެ.

ގަރާރު ހުށަހަޅުއްވަމުން ފަޒުލް ވިދާޅުވީ ފެލިދޫ އާދަޔާ ހިލާފަށް ގިރަމުން ދިޔުމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތުން އޭގެ ދަތިތަކާ ކުރިމަތިލާންޖެހޭއިރު، ތިމާވެށީގެ ގޮތުން ވެސް ރަށަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.

ފަޒުލް ހުށަހެޅުއްވި ގަރާރުގައިވާ ގޮތުން އެ ރަށް ގިރުމުގެ ސަބަބުން ރަށު ހޮސްޕިޓަލާ އާންމުން ދިރިއުޅޭ ގޭގެއަށް ވެސް ދަނީ އޭގެ ނޭދެވޭ އަސަރު ކުރަމުންނެވެ.

ގަރާރަށް ބަހުސް ކުރައްވަމުން ފަޒުލް ވިދާޅުވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މި އަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުގައި ވެސް ހިމަނައިފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގެ މަސައްކަތުގެ ތެރެއިން ސާވޭއެއް ވެސް ފެށިފައިނުވާ ކަމަށެވެ.

"އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރު މި މައްސަލައަށް އެދެވޭ ހައްލެއް ނައިސް އިތުރަށް ގިރަމުން ގޮސް، ހޮސްޕިޓަލުގެ އިންފާރާ ހަމައަށް، ސުކޫލުގެ އިންފާރާ ހަމައަށް ގިރާ ކައިރިވެފަ މިއޮތީ. ވަރަށް ނާޒުކު ހާލަތެއްގައި ފެލިދޫ ރައްޔިތުން ދިރިއުޅެމުން މި އަންނަނީ،" ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ ފެލިދޫ އަކީ ޓޫރިޒަމަށް ހާއްސަ ރަށެއް ނަމަވެސް ރަށުގެ ޓޫރިސްޓުންނަށް ހާއްސަކޮށްފައި އޮތް ގޮނޑުދޮށް ވެސް އެއްކޮށް ގިރާލާފައިވާ ކަމަށެވެ.

"ޓުރިސްޓު ބީޗު ގިރާލާފައި އޮތް އިރުގައި ރަށުގެ ވަށައިގެން ހުރި ރުށްތަކާއި ގަސްތަކާއި ހަމައިން ހޭޅިފަށް އެއްކޮށް ކަހަލަ ގޮތަކަށް މިހާރު މިއޮތީ ވީރާނާ ވެގެން ގޮސްފަ. ގިރައިގެން ގޮސްފަ،" ފަޒުލް ވިދާޅުވިއެވެ.

ފެލިދޫ އިންތިހާއަށް ގިރަމުން ދިޔުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ނަފްސާނީ ގޮތުން ވެސް ގެއްލުން ވަމުން އަންނަ ކަމަށް ފަޒުލް ވިދާޅުވިއެވެ.

comment ކޮމެންޓް