މަތިވެރިއަށް އެރުމާއެކު ޖާބިރަށް ހަމަލާދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަންނަވަނީ

އއ. މަތިވެރިއަށް އެރުމާއެކު ރައްޔިތުންގެ މަޖިލީހުގެ ކާށިިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އެ ރަށު ރައްޔިތުންގެ ބަޔަކު ހަމަލާ ދީފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޖާބިރުއަށް ހަމަލާދީފައިވަނީ މިއަދު އިރުއޮއްސިގެން ދިޔަ ވަގުތެވެ. އަދި މި ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ އެ ރަށުގެ ޒުވާނުންތަކެއްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއީ ކައުންސިލްގެ ރައީސަށް ޖާބިރު ދިން ބަހުގެ ހަމަލާތަކަކާ ގުޅިގެން އެ ކަމުގެ ބޭނުމުގައި އެއީ. ކައުންސިލް ރައީސަށް ޖާބިރު ފޮނުވި އޯޑިއޯތަކަކާ ގުޅިގެން މަތިވެރީ އެމްޑީޕީން އޭގެ ބަދަލު ހިފުމަށް ކުރިކަމެއްކަމަށް އެނގެނީ،" އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ޖާބިރު މަތިވެރީގައި ހުންނެވިއިރު މިވަގުތު އޭނާ ހުންނެވީ އެ ރަށު ޕޮލިސްޓޭޝަނުގައި ފުލުހުންގެ ހިމާޔަތުގައެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަން ފުލުހުންވަނީ ބުނެފައެވެ. އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖާބިރާއި ރަށުގެ ބައެއް ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގައިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މަތިވެރި ކައުންސިލްގެ ރަައީސް އަހުމަދު އަސްލަމް "ސަން"އަށް ވިދާޅުވީ ޖާބިރަށް އެއްވެސް މިންވަރަކަށް އަނިޔާއެއް ދީފައިނުވާކަމަަށެވެ. އަދި އެ ފަދަ އެއްވެސް އަމަލެއް ނުހިންގާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ނޫން. އެފަދަ އެއްވެސް އަމަލެއް ނުހިނގާ. އެފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން،" އަސްލަމް ވިދާޅުވިއެވެ.

comment ކޮމެންޓް