ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ؟: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. 76ވަނަ މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގްވާމީ މުޖުތަމައުގައި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމަކީ ދިވެހީންގެ ނިންމުންކަމަށާއި، ދުނިޔެއިން ފަލަސްތީނު ބަަލައިގަތުމަށް ނުކުޅެދެންވީ ސަބަބަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލު އުފައްދަވައިފިއެވެ.

މިހާރު ކުރިއަށްދާ އދ.ގެ 76 އާންމު މަޖިލީހުގެ، ޖަލްސާގައި ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅުވައި، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެ ގައުމުގެ ހައްގުގައި ވަކާލާތުކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބެންޖެހޭކަމަށެވެ.

"މިއަދު މިތާ ހުރެ މި ވާހަކަ އަޅުގަނޑަށް ދެއްކޭ ސަބަބެއް އެބަ އޮތް. އެއީ ދުނިޔެއިން އަޅުގަނޑުމެން ދިވެހިރާއްޖެ ބަލައިގެންފައިވުން. މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއިން އުނިވާ އެއްޗަކީ ކޮބައިތޯ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ތަމްސީލްކުރައްވަނީ ދިވެހީންކަމަށެވެ. ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ވަކާލާތުކުރުމަށް އަބަދުވެސް ދިވެހީން ތިބޭނެކަމަށެވެ. އަދި އެއީ ދިވެހިންގެ ނިންމުން ކަމަށެވެ.

"އެބަޔަކު އަޅުގަނޑު މިތާ ހުރެ ތަމްސީލްކުރާ ދިވެހީން ބޭނުންވަނީ އދ.އިންނާއި މުޅި ދުނިޔެއިން މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަތުން. އެ މީހުންނަށް އެ މީހުންގެ މިނިވަންކަމާއި، ހައްގުތަކާއި، އިމްތިޔާޒާ އިހްތިޔާރުތައް ދޫކޮށްލުން،" ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސްވަނީ އަފްގާނިސްތާނުގެ ހާލަތާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރައީސް ވިދާޅުވީ އަފްގާނިސްތާނު މިއަދު އޮތް ހާލަތާމެދު ދިވެހީން ކަންބޮޑުވާކަމަށެވެ. އަދި އެ ގައިމުގެ ރައްޔިތުންގެ ހައްގުތައް ދަމަހައްޓާ ކަށަވަރުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެކަމަށް އެ ގައުމުގައި އިންތިހާބަކުން ހޮވޭ ސަރުކާރެއް އޮތުން މުހިންމުކަމަށެވެ.

''މި ކަންކަން ކަށަވަރުވެފައި އޮތުމަށްޓަކައި ރައްޔިތުން އިންތިހާބުކުރާ ސަރުކާރެއް އެ ގައުމުގައ އޮތުން މުހިންމު. މި މަގުން ގިޮސް އަފްގާނިސްތާނަކި ދުނިޔޭގެ ގައުމުތަކާއި ގުޅުން ބަދަހި ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި އަމާން ގައުމަކަށް ވެވިދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ކަންކަން އިސްލާހުކުރުމަށްޓަަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެންމެ ވަރުގަދަ ތަނަކީ އދ. ކަމަށެވެ.

"ބައިނަލްއަގްވާމީ ގުޅުންތަކުން ހާސިލްވާ ކޮންމެ ކާމިޔާބީއެއް ތަމްސީލްކޮށްދެނީ އދ.އިން. ސުލްހަވެރި ހައްލާއި މަސަލަސްކަމުގެ ސައްލާ އުފެދެނީ މި މަރުކަޒުން،" ރައީސް ވިދާޅުވިއެވެ.

އެއާއެކު ރައީސްވަނީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖެއަށް ހަވާލުކޮށްދެއްވީތީ ދުނިޔޭގެ ހުރިހާ ގައުމަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އދ،ގެ މަސައްކަތްތަކަަށް ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

އދ.ގެ އާންމު މަޖިލީހުގައި މިރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި، ކޮވިޑް19ގެ އިތުރުން ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ. އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާފައިވަނީ ދިވެހިބަހުންނެވެ.

އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މި 76ވަނަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

comment ކޮމެންޓް