އދ. ގައި ދިވެހިންގެ އަޑު ގުގުމާލައިފި، ކުޑަ ގައުމެއް ނޫންކަން މުޅި ދުނިޔެ ހެކިވޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ، ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) -- ފޮޓޯ/ ރައީސް އޮފީސް

ރެއަކީ މުޅި ދިވެހި ގައުމަށް ވެސް ވަރަށް ހާއްސަ ރެޔެކެވެ. ބައިނަލްއަގްވާމީ އެންމެ ބޮޑު މައިދާނުގައި ދިވެހީންގެ ބަސް އެއްވެސް ހުރަހެއް ނެތި ދުނިޔެއަށް އިއްވުމުގެ ފުރުސަތު ލިބިގެންދިޔަ ރެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ 76ވަނަ އާންމު މަޖިލީހުގައި ރޭ ދެއްކެވި ވާހަކަފުޅުން ދޭހަވެގެން ދިޔައީ ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހީންނަށް އެއްވެސް ހުރަހެއް ނެތި ބަސް އިއްވުމުގެ ފުރުސަތު އޮތްކަމެވެ.

މިނިވަން ދައުލަތެއްގެ މަގާމު ރާއްޖެއަށް ލިބުނީ މީގެ 56 އަހަރު ކުރިންނެވެ. ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހު ރާއްޖެ އދ.ގެ މެމްބަރު ގައުމަކަށްވުމާއެކު ދިވެހީންނަށް ވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ބަސް އިއްވުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް އެއީ އެތައް ގޮންޖެހުންތަކެއް ހުރަސްކުރުމަށްފަހެވެ.

ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅުން ވެސް ހާމަވީ މި ވާހަކައެވެ.

"އެއާއެކު އެކަން ހާސިލުވެދާނެ ކަމުގެ ޔަގީންކަމެއް އެ ދުވަހަކު ނެތް. އެއީ، އިސްތިއުމާރީ ބާރުތައް ލޫދެމުންދިޔަ ދަނޑިވަޅު. ގައުމުތައް ވީއްލި މިނިވަންވަމުންދިޔަ، ފަހުގެ ތާރީހު ދެއްކި އާ ޒަމާން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހީން މި މަގާމު ހޯދީ ދިވެހީންގެ އަމިއްލަ ހިތްވަރާއި މިންނަތުންނެވެ. ކުދި ގައުމުތަކުގެ މައްޗަށް ބޮޑެތި ގައުމުތަކުން ފޯރުވި ނުފޫޒުގައި ނުޖެހި އދ.ގެ ސަފަށް ދިވެހީން އެރީ ވަރުގަދަ އަޒުމަކާއެކުއެވެ.

"މިއީ ގައުމު ކުޑަޔަސް، ދިވެހިން ކުޑަނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު. މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި މަތިވެރި ޝަރަފެއް،" - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -

ރައީސް ސޯލިހުގެ ވާހަކަފުޅު ރޭ ދިވެހީންނަށް އެންމެ ބޮޑަށް ހާއްސަވެގެން ދިޔައީ ދިވެހިބަހުން އެމަނިކުފާނުގެ ތަގުރީރުކުރެއްވުމުންނެވެ. އެއާއެކު މިއީ ވެސް ދިވެހީންގެ ގަދަރާއި އަގު ބައިނަލްއަގްވާމީ މުޖުތަމައުގައި ހިފެހެއްޓިފައި އޮތްކަން ދޭހަވެގެން ދިޔަ ކަމެކެވެ. އަދި ދިވެހީންނަށް ފުރުސަތު އޮތްކަން ހާމަވެގެންދިޔަ ކަމެކެވެ.

"މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މި މަޖިލީހުގެ ރިޔާސަތާ މުހާތަބުކޮށް އަޅުގަނޑު މި ވާހަކަދައްކަނީ ދިވެހިންގެ މާދަރީ ބަހުން،"

"ދިވެހީންނަށް އަސަރުގަދަ އަދި އެންމެ ފޮނި ބަހަކަށްވި ދިވެހިބަހުން. މި މަޖިލިހުގެ ރިޔާސަތަށް އެންމެ ފަހި، ފަސޭހަ އަދި ފަރިތަ ބަހުން،" ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިއީ އދ.ގެ މަޖިލީހެއްގައި ދިވެހިބަހުން ތަގުރީރުކުރެވުނު ފުރަތަަމަ ފަހަރެއް ނޫނެވެ. އެންމެ ފުރަތަމަ އދ.ގެ މަޖިލީހެއްގައި ދިވެހިބަހުން ތަގުރީރުކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމެވެ. އެއީ މީގެ 15 އަހަރު ކުރިން، 2006ވަނަ އަހަރުގެ ސެޕްޓެމްބަރު 18ވަނަ ދުވަހެވެ.

ސެޕްޓެމްބަރު 18، 2006: ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު އދ.ގައި ތަގުރީރުކުރައްވަނީ -- ފޮޓޯ/ ރައީސް މައުމޫނު

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އާދެވުމަކީ ކުޑަ ކާމިޔާބީއެއް ނޫނެވެ. އެއީ ދުނިޔޭގައި ދިވެހިންގެ މަގާމު ހާމަވާކަމެކެވެ. ރޭގެ ޖަލްސާގައި ދިވެހީންނަށް ލިބުނު އެންމެ ބޮޑު ފަހުރަކީ އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ދިވެއްސެއްގެ ބެއްލެވުމުގެ ދަށުން ކުރިއަށްދިއުމެވެ. އދ.ގެ 76ވަނަ އާންމު މަޖިލީހުގެ ޖަލްސާތައް ފެށިފައިވާއިރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މިއީ ދިވެހީންނަށް ލިބުނު ފަހުރެއްގެ ގޮތުގައި ރައީސް ސިފަކުރައްވައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. މަޖިލީހުގެ، ޖަލްސާގައި ތަގުރީރުކުރައްވަނީ، ރިޔާސަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ވ) -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ރައީސް ސޯލިހު ވަނީ ރާއްޖެއަށް އެ މަގާމު ދެއްވީތީ ހުރިހާ ގައުމުތަކަކަށް ޝުކުރު އަދާކުރައްވާފައެވެ.

"އާންމު މަޖިލީހުގެ ރިޔާސަތު ދިވެހިރާއްޖެއަށް ދެއްވުމުގައި، ތިޔަ ކުރެއްވި އިތުބާރަށް މުޅި ބައިނަލްއަގްވާމީ މުޖުތަމައަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މި އިއްޒަތްތެރި މަޖިލީހުގެ މަސައްކަތަށް ކާމިޔާބީއަށް އެދެން،" ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ރޭ ރައީސް ތަގުރީރު ކުރައްވާފައިވާއިރު ރައީސްވަނީ ވަރަށް ގިނަ ދާއިރާތަކަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭގެ ތެރޭގައި ތިމާވެއްޓާއި ޓެރަރިޒަމްގެ ނުރައްކަލުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ހުރިހާ ސިފައެއްގައި ޓެރަރިޒަމް ކުށްވެރިކުރާކަމަށެވެ.

"ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ، ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތްކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ އަގީދާ ގަބޫލުކުރާ ގައުމެއްކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ރާއްޖެ ވެސް ސަލާމަތް ނުވިކަމަށެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ މުޅި ދުނިޔެ ވެސް އެކަމާ ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެއްކަމަށެވެ.

"ދިވެއްސަކަށް ދިރި ނޫޅެވި، ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެކމަުގެ ޔަގީންކަމެއް ނޯންނާނެ. މި ހަގީގަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މައުސޫމް ކަރުދާސްތަކެއް އަޅުގަނޑު އަތުގައި އެބަހުރި. މިއީ އެ ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގެ ތިމާވެށި ރައްކާތެރިކޮށް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން މަސައްކަތްކުރުމަކީ މިއަދު ބޮޑުވަމުން އަންނަ ހުރިހާ ކުދިންގެ ވެސް އެދުންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކޮވިޑް19 އާއި ގުޅިގެން ވެސް ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހިން ހޯދައިފައިވާ ކާމިޔާބީ ހިއްސާކުރައްވާފައެވެ.

"އަޅުގަނޑު މިއަދު މިތާހުރެ މި ވާހަކަދައްކާއިރު ވެކްސިން ޖެހޭ އުމުރުފުރައިގެ 95 ޕަސެންޓަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަވެއްޖެ. އަދި ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 80 ޕަސެންޓަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަނަކޮށްފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖޭގައި ވިޔަފާރިތައް އަލުން ހިނގަން ފަަށާފައިވާކަމަށެވެ. އަދި ބޯޑަރު ހުޅުވާލެވިފައިވާއިރު ރިސޯޓުތައް ވެސް ހުޅުވާފައިވާއިރު މިހާރު ރާއްޖެ އޮތީ ރައްކާތެރި ހާލަތުގައިކަމަށެވެ. އެއާއެކު އެމަނިކުފާނުވަނީ މުޅި ދުނިޔެއަށް، ރާއްޖެއަށް ޒިޔާރަތްކުރުމުގެ ދައުވަތު ދެއްވާފައެވެ.

"ރާއްޖެ އޮތީ ދުނިޔެއަށް މަރުހަބާ ކިޔުމަށް ޒީނަތްތެރިވެ ތައްޔާރަށް. ވަޑައިގަންނަވާ،" - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -

ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެެމަނިކުފާނުވަނީ އުންމީދީ ވާހަކަތަކެއް ހިއްސާކުރައްވާފައެވެ. އެތައް ގޮތަކުން ހާއްސަވެގެން ދިޔަ ތަގުރީރުގައި އެމަނިކުފާނުވަނީ ދިވެހީންގެ ބަސް ބައިނަލްއަގްވާމީ ދުނިޔޭގައި އިއްވައިދީފައެވެ. އެއާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު އަދި ދިވެހިންނަކީ ބޮޑެތި ގައުމުުތަކުގެ ކުރިމަތީގައި ވެސް ފައިހަމަކުރާނެ ގައުމެއްކަން ވަރަށް ސާފުކޮށް މުޅި ދުނިޔެއަށް އަންގަވައިދެއްވާފައެވެ.

comment ކޮމެންޓް