އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލްކުރުމުގައި ފޮރެންސިކް ބައިލޮޖީގެ ދައުރު

ކީރިތި ޤުރްއާން--

އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ޟަރޫރަތްތަކާއި (އެސެންޝިއަލްސް)، ބޭނުންތަައް ނުވަތަ ޙާޖިއްޔާތުތަކާއި (ނީޑްސް)، ފުރިހަމަކޮށްދޭ ކަންތައްތައް ނުވަތަ ތަޙްސީނިއްޔާތު (ލަގްޒަރީސް) ހިމެނެއެވެ. އިސް ފަސްކުރުމުގެ ތަރުތީބުން ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ މިކަންކަމުގެ ތެރެއިން އެންމެ މަތީ ދަރަޖަ ދެއްވާފައިވަނީ، ދީން ޙިމާޔަތްކުރުމަށެވެ. ދެން ނަފުސު ނުވަތަ ފުރާނަ ސަލާމަތްކުރުމާއި، ބުއްދި ސަލާމަތްކުރުމާއި، ނަސްލު ރައްކާތެރިކުރުމާއި، މުދާ ސަލާމަތްކުރުމެވެ. މިދެންނެވި "ޟަރޫރިއްޔާތުލްޚަމްސަ" އާދެ! "ފަސް ޟަރޫރަތް" ރައްކާތެރިކޮށް ޙިމާޔަތްކުރުމުގައި ފޮރެންސިކް ބައިލޮޖީގެ ދައުރުވަނީ ފާޅުކަންބޮޑު ގޮތެއްގައި ސާބިތުކޮށްދީފައެވެ.

ޒަމާނީ ކުރިއެރުންތަކާއެކު ފޮރެންސިކް ހެކީގެ ދައުރު ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ބޮޑުވަމުންނެވެ. ފޮރެންސިކް ހެކީގެ ޒަރީޢާއިން ދެނެގަނެވޭ އަދި ސާބިތުކުރެވޭ ކުށްތަކުގެ ނިސްބަތްދަނީ މަތިވަމުންނެވެ. ޚާއްޞަކޮށް ފޮރެންސިކް ބައިލޮޖީ ނުވަތަ ޑީއެންއޭ ގެ ޒަރީޢާއިން ނަފުސު ނުވަތަ ފުރާނަ ސަލާމަތްކުރުމުގެ ދާއިރާ ދަނީ ފުޅާވަމުންނެވެ. ލިޔެކިއުންތަކާއި މައްސަލަތައް މުރާޖަޢާކޮށްގެން ކުރެވުނު ތަޙްލީލުގެ ނަތީޖާއަކީ؛ ފޮރެންސިކް ބައިލޮޖީގެ ދައުރު އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލްކުރުމުގައި ނުހަނު ބޮޑުކަން އެނގުމެވެ. އަދި ފޮރެންސިކް ހެއްކަކީ "ބައްޔިނާ" ގެ މާނައިގައި ހިމެނޭ، ކުށްތައް ސާބިތުކުރުމުގައި ބޭނުންކުރެވޭނެ ހަރުދަނާ ޤަރީއެެއްކަމެވެ.

އިންސާނީ މުޖްތަމަޢު ދުވަހެއް ދުވަހަކަށްވުރެ ކުރިއަރައި ކަންކަންދަނީ ބޮޑުވެ އުނދަގޫ ވަމުންނެވެ. މީހުންގެ ދިރިއުޅުމަށް ޓެކްނޮލޮޖީންކުރާ ނުފޫޒާމެދު ދެބަސްވެވޭކަށްނެތެވެ. ޓެކްނޮލޮޖީން އެތަކެއް ފަސޭހަތަކެއް ލިއްބައިދޭއިރު، އެއިން މައްސަލަތައްވެސް ކުރިމަތިކުރުވައެވެ. އެހެންކަމުން ތިލަފަތްހަމަ ޓެކްނޮލޮޖީގެ ވަސީލަތް ޤާއިމްކުރަންވާނީ، އިންސާނުންގެ ކަރާމަތާއި، އިންސާނީ އަގު އުފުލުމަށްޓަކައެވެ. ފޮރެންސިކް ސައިންސްގެ ދާއިރާއަކީ މިގޮތުން ކުރިއަރައިދިޔަ އެއް ދާއިރާއެވެ. ޢުމަރު ބުން އަބްދުލްޢަޒީޒު ވިދާޅުވި ބަސްފުޅެއްގައި ވެއެވެ. "މީސްތަކުންގެ ނުބައިކަމާއި ސުންޕާކަން އިތުރުވެގެންދާ މިންވަރަކަށް އެކަންކަން ޙައްލު ކުރާނޭ ޙުކުމްތަކާއި ޤަވާޢިދުތައް ކަނޑައަޅަން ޖެހެއެވެ.“

ޒަމާންތަކަށްފަހު މިއަދު އެންމެންނަށްވެސް އެނގޭނެފަދައިން ފޮރެންސިކް ސައިންސްގެ ސަބަބުން ޢަދުލު އިންސާފުގެ ދާއިރާއަށް ވަނީ ބޮޑު ފައިދާތަކާއި ކުރިއެރުން ގެނެސްދީފައެވެ. އެއީ މައްސަލަތައް ޙައްލުކުރުމާއި، ކުށްތައް ސާބިތުކުރުމުގައެވެ. އެހެންކަމުން ޝަރީޢަތްތައް ކުރުމުގައި އިސްކަމެއް ފޮރެންސިކް ހެއްކަށްވަނީ ދެވިފަައެވެ. މިފަދަ ހެކި ނުލިބޭނަމަ، ވަރަށްގިނަ ކަންކަމަކީ ޙާޤީޤަތްނޭގޭ ކަންކަމަށް މިއަދު ވީހެވެ. ހަމައެފަދައިން އިސްލާމީ ޝަރީޢަތް ބާރުއަޅަނީ ފަރުދުންނާއި، މުޖްތަމަޢަށް ފާއިދާހުރި ކަންކަމުގައި ހިފުމަށެވެ. އެއީ ފަރުދުންނާއި މުޖްތަމަޢުގެ މަޞްލަޙަތު ރައްކާތެރިކޮށް ދުނިޔެ އާރާސްތު ކުރުމަށްޓަކައެވެ.

އިސްލާމީ ޝަރީޢަތުގެ މަޤްޞަދާމެދު އަލިއަޅުވާލުމުގެ ބޭނުމަކީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކުގެ ބޭނުމާއި ސަބަބާމެދު ވާހަކަދައްކާ އެކަންކަން ދެނެގަތުމަށެވެ. މިގޮތުން ޤަރީނާ (ސާކަމްޓެންޝިއަލް އެވިޑެންސް) އަކީ؛ އިސްލާމް ދީނުގެ އެންމެ ކުރީކޮޅުގައި މުސްލިމުން ބޭނުންކުރި ހެއްކެކެވެ. ކުރުކޮށް ދަންނަވާނަމަ، ޤަރީނާއަކީ، ބައްޔިނާގެތެރޭގައި ހިމެނޭ، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ރައްކާތެރިކުރުމަށްޓަކައި ބޭނުންތެރި އެއްޗެކެވެ. ޚާއްޞަކޮށް ޝަރީޢަތުގެ އެންމެ މަތީ މަޤްޞަދުތައްކަމަށްވާ؛ ދީން ޙިމާޔަތްކުރުމާއި، ފުރާނަ ސަލާމަތްކުރުމާއި، ނަސްލު ރައްކާތެރިކުރުމާއި، ބުއްދި ސަލާމަތްކުރުމާއި މުދާ ޙިމާޔަތްކުރުމަށްޓަކައެވެ. ސުވާލަކީ، ފޮރެންސިކް ސައިންސް ނުވަތަ ފޮރެންސިކް ބައިލޮޖީގެ ޒަރީޢާއިން އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލްކުރަނީ ކޮންގޮތަކުންތޯ އުފެދޭ ސުވާލެވެ. އާދެ! މިސުވާލަށް ޖަވާބެއް ހޯދުން މުހިއްމެވެ.

ފޮރެންސިކް ސައިންސަކީ؛ ޤާނުނީ މައްސަލައެއްގައި އުފެދޭ ސުވާލަށް ސައިންޓިފިކް ތަހްލީލްގެ އަލީގައި ޙައްލުކޮށް ޖަވާބު ހޯދައިދިނުމެވެ. މިތާނގައި ފޮރެންސިކް ބައިލޮޖީގެ މާނައަކީ؛ ޙަޔަވީ މާއްދާއެއް ތަޙްލީލްކޮށްގެން ޤާނޫނީ މައްސަލައެއްގެ ތަޙްޤީޤުގައި ބޭނުންކުރުމެވެ. ފޮރެންސިކް ބައިލޮޖީގެ ދާއިރާތަކުގެ ގޮފިތައް ވަރަށް ގިނައެވެ. މީގެތެރޭގައި ޕެތޮލޮޖީ، އެންތްރޮޕޮލޮޖީ، އެންޓޮމޮލޮޖީ، އޮޑޮންޓޮލޮޖީ، ސިރޮލޮޖީ އަދި ފިންގަޕްރިންޓް ތަޙްލީލް ހިމެނެއެވެ.

އިސްލާމް ދީނަށް ނަޒަރު ހިންގާއިރު، ފޮރެންސިކް ބައިލޮޖީގެ މިސާލުތައް އިސްލާމް ދީނުގެ އެންމެ ކުރީ ޒަމާނުގައިވެސް ފެނެއެވެ. ޤުރުއާނާއި ސުންނަތުން މަދުންނަމަވެސް މިކަމާގުޅޭ މިސާލުތައް ފެންނަން އެބަހުއްޓެވެ. ޤުރުއާނުގައިވާ ޔޫސުފުގެ ފާނުންގެ ވާހަކައިގައި (ޔޫސުފު، 26-29) ޒަމާނީ ފޮރެންސިކް ތަޙްޤީޤެއް ހިނގާނެ ގޮތާއި، ތަޙްޤީޤުގައި ބޭނުންކުރާނެ އިފްތިރާޟްތަކާއި (ހައިޕޮތެސިސް) ޝަރީޢަތަށް ބޭނުންވާނެ ހެކިތަކާއި އަދި ޙުކުމް ބަޔާން ވެގެންވެއެވެ.

މިސާލަކަށް ބަލާނަމަ؛ ފޮރެންސިކް ހެއްކާއި ތަހްޤީޤާއިގުޅޭ ވާހަކަ ޔޫސުފު ސޫރަތުގެ 18 ވަނަ އާޔަތުގައި އައިސްފައިވެއެވެ. އަދި ހަމަ އެހެންމެ އެސޫރަތުގެ 27 ވަނަ އާޔަތާއި 94 ވަނަ އާޔަތުގައިވެސް މިކަންކަމާއިބެހޭގޮތުން ބަޔާންވެގެންވެއެވެ. މިއާޔަތްތަކުގައި ބަޔާންވެގެންއެވަނީ؛ ފިއުމް ކުރުމާއި، ވަސް ދެނެގަތުމާއި، ހެދުން އިރައިގެންދިއުމާއިބެހޭ ވާހަކަތަކެވެ. އެއީ ކުށެއް ހިނގުމުން އެކުށުގެ ވާޤިޢާތައް އަލުން ރާވައި އަތުރާލަދޭފަދަ މޭރުމަކުންނެވެ. އަދި ދޮގު ލޭ ޔުސުފުގެފާނުން ވަޅަށް ވައްޓާލެއްވި ޙާދިސާގައި މަތިއެޅުމަށް ބޭނުން ކުރެވުނުކަމުގެ ވާހަކައެވެ. ރަސޫލުﷲ (ޞޢވ) ގެ ޒަމާނުގައި ބަދުރު ހަނގުރާމައިގައި އަބޫޖަހުލު ޤަތުލުވުމާއިގުޅިގެން އަފްރާ ދެ ކުއްޖަކު އެކަމަށް ދަޢުވާކޮށް ރަސޫލުﷲ (ޞޢވ) ގެ އަރިހަށް އައެެވެ. އެކަލޭގެފާނުން ޙަދީސްކުރެއްވިއެވެ. ތިޔަ ދެކުދިންގެ ކަނޑި ދައްކަވާށެވެ. އެތަނުން އެއްކުއްޖެއްގެ ކަނޑީގެ މިޔައިގައި ލޭހުރުމުން، އެކުއްޖާގެ ވާހަކަ ރަސޫލުﷲ (ޞޢވ) ތެދުކުރައްވައި ޤަބޫލުފުޅު ކުރެއްވިއެވެ.

މިޒަމާނުގައި ބޭނުންކުރެވޭ ފޮރެންސިކް ހެކީގެ ނަޒަރިއްޔާތުތައް ޞަހާބީން ބޭނުން ކުރެއްވިއެވެ. ޢުމަރުގެ ފާނުންގެ ޚިލާފަތުގައި އަންހެނަކު ޖިންސީ ކުށުގެ ޝިކާރައަކަށް ވެއްޖެކަމުގެ ޝަކުވާ ހުށަހެޅުއްވިއެވެ. އެކަނބުލޭގެ ހެދުމުގައި ހުރީ އެޢަމަލު ހިންގި މީހާގެ މަނި ކަމަށް ދައުވާކުރިއެވެ. ޢަލީގެ ފާނުން ތުހުމަތު ކުރެވުނު މަނި ހޫނުފެންހުރި އެއްޗަކަށް ލިއެވެ. އިސާހިތަކު ހުދު ކުލައިގެ އެތިއެތި ކޮޅުތަކެއް ފެންގަނޑު ތެރޭގައި އުފެދުނެވެ. ދެން އޭގެ ވަސް ބެލުމަށްފަހު އެއީ ކުކުޅުބިހުގެ ލޮދިކަމަށް ޢަލީގެ ފާނުން ނިއްމެވިއެވެ. އާދެ! އެއީ އިންސާނެއްގެ މަނި ނޫންކަމަށް ކަނޑައެޅުއްވިއެވެ. މިއިޖްރާއަތަކީ، މިޒަމާނުގައި ފޮރެންސިކް ސައިންސް ގައި ޑީއެންއޭ ތަޙްލީލްކުރުމުގައިވެސް ބޭނުންކުރެވޭ އުޞޫލުތަކުގައި އެކުލެވޭފަދަ އިޖްރާއަތެކެވެ.

މާޗް 1990 ގައި ވެސްޓް ވާޖީނިއާގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރުމަށްފަހު މަރާލެވިފައިވެއެވެ. ޑައުން ބުރޫސް ނަމަކަށްކިޔާ 21 އަހަރުގެ މިއަންހެންކުއްޖާގެ ހަށިގަނޑު ފެނުނީ އެކުއްޖާގެ ގެއިންނެވެ. ކުށުގެ ވެށިން ލިބުނީ ވަރަށް މަދު މއުލޫމާތެކެވެ. ނަަމަވެސް ކައިރިން ފެނުނު ބާލީހެއްގައި ލޭ ތިއްކެއް ހުއްޓެވެ. ޕޯސްޓްމޯޓަމް އެގްޒަމިނޭޝަންގެ އަލީގައި އަންހެންކުއްޖާގެ ފައިން މަނި ފެނިފައިވެއެވެ. ސިރޮލޮޖީ ޓެސްޓުން އެނގުނު ގޮތުގައި ތުހުމަތުކުރެވުނު ރޮބަޓް ނައިޓް ނަމަކަށްކިޔާ މީހެއްގެ ލޭގެ ގުރޫޕާއި މަނިން ފެނުނު ގުރޫޕާއި ދިމާވެއެވެ. އޮގަސްޓް 07 ވަނަ ދުވަހު ކުރެވުނު މީހާގެ ފިންގަޕްރިންޓާއި ކުށުގެ ވެށިން ފެނުނު ފިންގަޕްރިންޓާއި އަޅާބެލުމުން އެ ދެ ފިންގަޕްރިންޓަކީ އެކެއްގެ ފިންގަޕްރިންޓްކަން ކަށަވަރުވިއެވެ. ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި ވަޅި ކުށުގެ ވެށިން ފެނިފައި ނުވިނަމަވެސް، ކުށުގެވެށިން ފެނުނު ބާލީހުގައިހުރި ލޭ ތިއްކަކީ ވަޅިން ނަގުލުވި އެއްޗެއްކަން ޑީއެންއޭ ތަޙްލީލްއިން ހާމަވިއެވެ. ސިރޮލޮޖީ، ފިންގަޕްރިންޓް، ޑީއެންއޭ ތަޙްލީލްތަކުގެ އަލީގައި ލިބުނު ހެކިތަކުން ޤާތިލަކީ ކާކުކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވިއެވެ.

ދެވަނައަށް ބަޔާންކުރާ މައްސަލައަކީ؛ 1901 ވަނަ އަހަރުގައި ޖަރުމަނުގައި "ދި މޭޑް ކާޕެންޓާ" ގެ ނަމުން ނަންދެވިފައިވާ މައްސަލައެވެ. މިމައްސަލައިގައިވެސް ފޮރެންސިކް ސިރޮލޮޖީގެ ތަޙްލީލްތައް ވަރަށްގިނައިން ކުރެވުނެވެ. އެތަޙްލީލްތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވުނު ފަރާތުގެ މައްޗަށް ދައުވާ އުފުލި، ޝަރީޢަތްކުރެވި، ކުށް ސާބިތުވިއެވެ. މިމައްސަލަ ހިނގި ދުވަސްވަރު ކަށަވަރު ނުކުރެވިހުރި ކަންކަން ދެނެގަނެވި ހާމަވީ ޒަމާންތަކާއެކު ސައިންސަށް އައި ކުރިއެރުމުގެ ތެރެއިންނެވެ. މިގޮތުން ތުހުމަތުކުރެވުނު ފަރާތުގެ އަންނައުނުން ފެނުނު ތުހުމަތުކުރެވޭ ތިކިތަކަކީ ލޭ ނޫންކަމަށާއި، އެއީ ގަހުގެ ދިޔައިން އުފެދުނު ތިކިކަމަށް ދަޢުވާކުރިނަމަވެސް ފަހުން އެއީ ލޭގެ ތިކިތަކެއްކަން ތަހްލީލްތަކުން ކަށަވަރުވިއެވެ. އަދި އެއީ ޖަނަވާރެއްގެ ލޭ ނޫންކަމަށާއި އެކަމަކު އެއީ އިންސާނެއްގެ ލޭ ކަން ކަށަވަރުކުރެވުނެވެ.

ތިންވަނައަށް ބަޔާންކުރާ މައްސަލައަކީ؛ 1930 ގެ އަހަރުތަކުގައި އެމެރިކާގައި އުޅުނު ނުރައްކާތެރި ތަންތަން ލޫޓުވައި މީހުންމެރި ޖޯން ޑިލިންގާ ނަމަކަށްކިޔާ މީހެއްގެ މައްސަލައެވެ. ފުރަތަމަ ފަހަރަށް މިމީހާ ބޭންކެއް ލޫޓުވާލީ އޭނަގެ އުމުރުން 22 އަހަރުގައެވެ. 1 އަހަރުގެ ތެރޭގައި 10 މީހުން މަރާ އެތަށް ބޭންކެއް ލޫޓުވައި ތަންތަން ހުޅުޖަހާފައިވެއެވެ. އެއީ އެމެރިކާގެ މިޑްވެސްޓަންގައެވެ. އޮހައިއޯ އާއި އިންޑިއާނާގައިވެސް މިފަދަ އެތައް ޖަރީމާއެއް މިމީހާ ހިންގާފައިވެއެވެ. 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަންޖެހުނުނަމަވެސް 8 އަހަރުފަހުން ދޫކޮށްލުމުންވެސް ދިޔައީ ކުށްތަކަށް އަރައިގަންނަމުންނެވެ. ޗިކާގޯއަށް ދިއުމަށްފަހު، އިނގިލީގެ ނިޝާންތައް (ފިންގަޕްރިންޓް) އެސިޑް ބޭނުންކޮށްގެން ނައްތާލުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ފިންގަޕްރިންޓްގެ ޒަރީޢާއިން މީނާ އަރައިގަނެފައިވާ ކުށްތަކާއި ގުޅުވައި މީނަގެ މައްޗަށް ޝަރީޢަތްކުރެވި ޙުކުމްކުރެވުނެވެ.

މިބަޔާންކުރެވުނު މައްސަލަތައް ހާމަކޮށްދޭގޮތުގައި ފޮރެންސިކް ބައިލޮޖީގެ ދައުރު އިންސާނީ ދަރިފަސްކޮޅު ޙިމާޔަތްކުރުމަށާއި، އިންސާނީ ކަރާމާތް ނަގަހައްޓާ، މުދާ ޙިމާޔަތްކުތަރުމަށް ވަރަށްވެސް ބޮޑެވެ. މިމައްސަލަތަކުން އެނގޭގޮތުގައި މަނި، ލޭ އަދި ފިންގަޕްރިންޓް ފަދަ ހަޔަވީ މާއްދާ ތަކަކީ އިހުޒަމާނުއްސުރެ ކުށްތައް ތަޙްޤީޤުކުރުމުގައި ބޭނުންކުރެވުނު މާއްދާތަކެވެ. ފޮރެންސިކް ސިރޮލޮޖީއާއި ބައިލޮޖީގެ ތަފާތު ތަޙްލީލްތައް އެކި ދުވަސްވަރުގައި ވަނީ ބޭނުންކުރެވިފައެވެ. ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި، ކުށުން ބަރީޢަވެގެންވާމީހާ ތުހުމަތުން ނެރުމަށްޓަކައެވެ. ޒަމާންތަކާއެކު ޙަޔަވީ މާއްދާއަކީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ނުވަތަ އެހެން އެއްޗެއްގެ ލެއެއްތޯ ބެލުން ފަދަ ނުވަތަ ލޭގެ ގުރޫޕް ބެލުންފަދަ ތަޙްލީލްތައްކުރެވި، ޒަމާންތަކާއެކު ސައިންސާއި ޓެކްނޮލޮޖީ ތަރައްޤީވެ މިއަދުވަނީ ޑީއެންއޭ ތަޙްލީލްކުރުމުގެ ޤާބިލްކަން ލިބިފައެވެ. ނަމަވެސް މިއިން ކޮންމެ ވަސީލަތަކީ އެއިރަކަށް ބޭނުންތެރި، ބޭނުންކުރެވުނު ވަސީލަތެކެވެ.

ބަޔާންކުރެވިދިޔަ ފޮރެންސިކް ބައިލޮޖީގެ ދައުރަށް ބަލައި ނަޒަރު ހިންގާއިރު، އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ފުރާނަ ސަލާމަތްކުރުމާއި، މުދާ ޙިމާޔަތްކުރުމުގައި ފޮރެންސިކް ސިރޮލޮޖީ އާއި ޑީއެންއޭ ތަޙްލީލްއާއި ފިންގަޕްރިންޓް ތަޙްލީލު އަދާކުރާ ދައުރާއި، ފޯރުކޮށްދޭ އެހީތެރިކަން ބޮޑުކަން ހާމަވެއެވެ. ނަމަވެސް މިފައިދާތައް އެންމެ ރަނގަޅުގޮތުގައި ހޯދުމަށްޓަކައި ފޮރެންސިކް ހެއްކާއި، ޒަމާނީ ހަރުދަނާ ޤަރީނާއާއި، ޝަރީޢަތުގެ މަޤްޞަދުތަކާއިހުރި ގުޅުމާމެދު ތަފްޞީލީ ދިރާސާތައްކުރެވި ކަމާގުޅުންހުރި ފަރާތްތަކަށް މިފަދަ ޒަމާނީ ހެކި ބޭނުންކުރަންވީ ހެޔޮގޮތް އެނގުމަކީ މުހިއްމުކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް