ހިއުމެނިޓޭރިއަން ފޮރެންސިކް އެކްޝަން: އިސްލާމް ދީނުގެ އަލީގައި 2

ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ނުވަތަ އޮޓޮޕްސީ އަކީ މަރުވެފައިވާ މީހެއްގެ ހަށިގަނަޑުގެ ބައިތައް ތަޢުލީމީ، ޢިލްމީ އަދި ޤާނޫނީ މަޤްޞަދަށްޓަކައި ފެޅުމެވެ. މިކަން ހުއްދަވުމާއި ނުވުމާމެދު ބަހުސްކުރެވުނު ނަމަވެސް އިސްލާމީ ތާރީޚްގެ ކުރީކޮޅުގެ ޢިލްމުވެރިން އޮޓޮޕްސީގެ މަސައްކަތް ކުރެއްވިއެވެ. މަރުވާ މީހުން ދެނެގަތުމާއި، އޮޓޮޕްސީ ހެދުމުގެ ބޭނުމާމެދު ނަޒަރު ހިންގުމުން މިކަމަކީ ހުއްދަވާނޭ ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް އެހީތެރިވެދޭނެއެވެ.

ޢަރަބި ބަހުގައި "ތަޝްރީޙް" މިބަސް ބޭނުންކުރަނީ އޮޓޮޕްސީގެ މާނައިގައެވެ. ނަމަވެސް ޢަރަބިބަހުގައި ތަޝްރީޙް ޢާއްމު ބަހުން މާނަކުރާނަމަ ނުވަތަ ޢާއްމުންނަށް މިބަހުންް ދޭހަވާ މާނައަކީ ފަޅައި ފޮތިފޮތި ކުރުމެވެ. މީހުންގެ ދީނާއި، އާދަކާދައާއި ސަޤާފަތާއި ނަފްސާނީ ގޮތުން މިދެންނެވި ބަހުގެ ސަބަބުން ސަލްބީ (ނެގަޓިވް) ގޮތެއްގައި އޮޓޮޕްސީ ހެދުން ޤަބޫލުކުރުމަށް އަސަރުކުރުވާކަމަށްވެއެވެ. ނަމަވެސް މިކަމަކީ ދީނީ ގޮތުން ބަލާއިރު ފިޤްހީ ޤަވާޢިދުތަކަށް ބިނާކޮށް ތަޢުލީމާއި ޢިލްމާއި ޤާނޫނީ މަޤްޞަދަށްޓަކައި ޢިލްމުވެރިން ހުއްދަ ކުރައްވާފައިވާ ކަމެކެވެ.

އޮޓޮޕްސީ ހުއްދަކުރައްވައި ނެރެދެއްވާފައިވާ ފަތުވާތައް ބިނާކުރައްވާ މައިގަނޑު ފިޤްހީ ޤަވާޢިދުތަކަކީ؛ "ޢާއްމު މަޞްލަޙަތު ފަރުދީ މަޞްލަޙަތައްވުރެ އިސްކުތަންޖެހޭނެ" ކަމަށް އޮންނަ ޤާވާޢިދާއި، "ޟަރޫރަތް ހުއްދަ ނޫން ކަންކަން ހުއްދަ ކޮށްދޭ" ކަމަށް އޮންނަ ޤަވާޢިދާއި، "ދެގެއްލުމެއް ކުރިމަތިވެއްޖެނަމަ، އޭގެ ތެރެއިން ކުޑަ ގެއްލުން އިޚްތިޔާރުކުރުން ހުއްދަވާނެ" ކަމަށް އޮންނަ ފިޤްހީ ޤަވާޢިދެވެ.

މިގޮތުން އޮޓޮޕްސީ ހަދަންޖެހޭނީ ޢާއްމު މަޞްލަޙަތައްޓަކައެވެ. ޖިނާއީ ތަޙްޤީޤުތަކަށް އޮޓޮޕްސީ ހެދުމުގެ މަޤްޞަދަކީ ޢަދުލު އިންޞާފު ޤާއިމްކޮށް ނުބައި ކަންކަމުން މީހުން ދުރުކުރުމެވެ. މިއީ ޢާއްމު މަޞަލަޙަތެކެވެ. މީހަކު ރައްދުގައި ބުނެފާނެއެވެ. ޢާއިލާގެ މަޞްލަޙަތެއް މިކަމުގައި އެބައޮތެވެ. އެއީ ހަށިގަނޑު އެމީހުންނާއި ޙަވާލުކުރުމާއި އަވަހަށް މީހާ ވަޅުލުމެވެ. މިއީ ދީން ބާރުއަޅާ ކަމެކެވެ. ތެދެކެވެ. ނަމަވެސް މިތަނުގައި ވިސްނަންވީ އިސްކުރަންޖެހޭނީ ފަރުދީ ނުވަތަ ޢާއިލީ މަޞްލަޙަތަށްވުރެ ޢާއްމު ނުވަތަ މުޖްތަމަޢުގެ މަޞްލަޙަތެވެ. އެހެންވެ، ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ހަދަންޖެހެނީއެވެ. ކުރިން ދެންނެވި ފިޤްހީ ޤަވާޢިދުތައް މިމޭރުމުން ޓެސްޓް ކޮށްފިނަމަ، ނުކުންނާނެ ނަތީޖާއަކީ ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ހެދުމުގައި ފައިދާ ބޮޑުކަމާއި، ޢާއްމު މަޞްލަޙަތު މިކަމުގައިވާ ކަމެވެ.

ނަމަވެސް ސައިންސާއި ޓެކްނޮލޮޖީ ވަރަށްބޮޑަށް ކުރިއަރާފައިވާއިރުވެސް އެންމެ އިހުޒަމާނުގައި އޮޓޮޕްސީ ހަދާ އުޞޫލުން އަދި މިކަމުގައި އެއް އިޖްރާއަތްތަކަށް ޢަމަލުކުރަނީ ކީއްވެތޯއެވެ. މެޑިކަލް ސައިންސް އާއި ފޮރެންސިކް ސައިންސަށް އައި ބޮޑު ކުރިއެރުމާއެކު މި އުޞޫލުތަކާއި އިޖްރާއަތަށް ބަދަލު އަންނަން ނުޖެހޭތޯއެވެ. ދީނީ އުޞޫލުތަކަށް ރިޢާޔްތަކުރެވިފައިވާ، ޓެކްނޮލޮޖީއަށް ބަރޯސާވާ، ހަށިގަނޑަށް ގެއްލުމެއް ނުދީ ނުވަތަ ނުފަޅައި ނުވަތަ އޮޓޮޕްސީ ހެދުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަށް ފަޅައިގެން އޮޓޮޕްސީ ހެދޭނެ ނިޒާމެއް މިއަދު ވުޖޫދުވެފައިނެތީ ކީއްވެތޯއެވެ. މިއީ ދިރާސާކޮށް ޖަވާބު ހޯދަންޖެހިފައިވާ ސުވާލުތަކެވެ.

މިތަނުގައި ދެތިން ޙަޤީޤަތެއްވެސް ދަންނަވާލާނަމަވެ. އޮޓޮޕްސީ ހެދުމާއި ދެކޮޅު ހަދަނީ ހަމައެކަނި ދީނީ ސަބަބަކާހުރެ ނޫނެވެ. އަދި މުސްލިމުންގެ ތެރެއިން ބައެއް މީހުން މިކަމަށް ދެކޮޅުހަދާމޭރުމުން ޔަހޫދީންނާއި ނަޞާރާއިންވެސް ދެކޮޅުހަދައެވެ. ދެވަނަ ޙާޤީޤަތަކީ؛ ހުޅަނގާއި އެމެރިކާގެ ޤައުމުތަކުގައިވެސް އޮޓޮޕްސީ ހަދާ ނިސްބަތް ފާއިތުވި އަހަރުތަކުގައި އަންނަނީ ވަރަށް ބޮޑަށް ދައްވަމުންނެވެ. ތިންވަނަ ޙަޤީޤަތަކީ؛ ބައެއް ޤައުމުތަކުން ފޮރެންސިކް ރޭޑިއޯލޮޖީގެ ޒަރީޢާއިން ހަށިގަނޑު ފަޅައިގެން އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ބޭނުންކުރަން ހުއްދަދީ އެކަން ފަށާފައިވާކަމެވެ. ކުރިއަށްއޮތް ކައިރި މުސްތަޤުބަލެއްގައި ސްކޭން ކުރުމުގެ ޓެކްނޮލޮޖީ ކުރިއަރައި އޮޓޮޕްސީ ކުރުމުގެ އިޖްރާއަތުގެ ވައްޓަފާޅި ފޮރެންސިކް ރޭޑިއޯލޮޖީއަށް ވަރަށް ބޮޑަށް ނުވަތަ އެއްކޮށް ބަރޯސާވާނެކަމަށް ދިރާސާތަކުގެ އަލީގައި ލަފާކުރެވެއެވެ.

ދީނާއި، ސަޤާފަތާއި އާދަކާދައާއި އަޚްލާޤީ އަގުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާއި މުޢާމަލާތްކުރާ ގޮތާއި ދޭދޭ ފަރުދުންގެ މެދުގައި ހިނގާ މުޢާމަލާތްތައް ތަފާތުވެދެއެވެ. މިސާލަކަށް؛ ހުޅަނގުގެ އާދަކާދައާއި މުސްލިމުންގެ އާދަކާދަތައް އަދި ދޭދޭ ފަރުދުންގެ މެދުގައި މުޢާމަލާތްކުރުމުގައި ތަފާތުތައް ހުންނަނީ މިދެންނެވި ސަބަބަށްޓަކައެވެ. ޙަޤީޤަތުގައި މިމޭރުމުންބަލާއިރު، ހުޅަނގުގެ ވިސްނުންތަކާއި އާދަކާދައާއި ސަޤާފަތް އިސްލާމް ދީނުގެ އުޞޫލުތަކަށް އަޅައިބަލާއިރު މާބޮޑަށް ހަރުކަށިވެފައި ހުރީ ހައްދު ފަހަނަޅާފައެވެ. އެއީ އިސްލާމް ދީނަކީ ބިމުގައި މިވަގުތު އޮތް ހަމައެކަނި ﷲ އެންގެވި ސީދާ ދީންކަމަށްވާތީއެވެ. އަދި އިސްލާމް ދީނުގައި އެންމެހައިކަންކަމުގެ އަސާސްތައް އެކުލެވިގެންވުމާއި، ފުރިހަމަ ކަމަށްޓަކައެވެ. މިގޮތުން ހިއުމެނިޓޭރިއަން ފޮރެންސިކުގައި ދެޖިންސާއި ގުޅުންހުރި ގޮންޖެހުންތައް ޢަމަލީ ކަންކަމުގައި ދިމާވެއެވެ. އިސްލާމީ ނަޒަރުންނާއި ތަހްޒީބީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ ރަނގަޅު އުޞޫލުތަކަށް ބަލާއިރުވެސް މިކަމުގައި ފުށުއެރުމެއް ނެތެވެ.

ޢަމަލީ މައިދާނުގައި މައްސަލަތައް ދިމާވަނީ ޞިއްޙީ އަދި ފޮރެންސިކްގެ ފަންނީ އަޚްލާޤާއި ދީނީ އުޞޫލުތަކާއި ލާމެހިފައިނެތުމުންނެވެ. މިކަން ޙައްލުކުރެވޭނެ އެއްގޮތަކީ ޞިއްޙީ ނުވަތަ ފޮރެންސިކް ޚިދުމަތުގެ ފަންނުވެރިންނަށް ފޯރުކޮށްދޭ އިލްމު އިސްލާމް ކުރުމެވެ. ދެވަނަ ގޮތަކީ؛ ޞިއްޙީ ނުވަތަ ފޮރެންސިކް ދާއިރާތަކުގެ ފަންނުވެރިންނާއި ދީނީ ޢިލްމުވެރިން މިކަމުގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ރަނގަޅު މިންގަޑުތައް ކަނޑައެޅުމެވެ. މިގޮތުން މުސްލިމު އަންހެނާގެ ހަށިގަނޑު ނަގައި ބަލައިފާސްކުރަންޖެހެނީ ޢާއްމު އުޞޫލުންނަމަ، މުސްލިމް ފަންނީ އަންހެން ޚިދުމަތްތެރިއެކެވެ. މުސްލިމް އަންހެން ޚިދުމަތްތެރިއެއް ނެތްނަމަ، އިތުބާރުކުރެވޭ މުސްލިމް ފިރިހެން ޚިދުމަތް ތެރިއެކެވެ. އެފަދަ މީހަކު ނެތް ޙާލަތުގައި މުސްލިމް ނޫން އަންހެން ޚިދުމަތްތެރިއެކެވެ. މިދެންނެވި ފަރާތްތައްވެސް ނެތް ޙާލަތުގައި މުސްލިމް ނޫން ފިރިހެން ޚިދުމަތްތެރިއެއް މުސްލިމް އަންހެނާއި ނަގައި ބަލާފާސްކުރުން ހުއްދަވެދެއެވެ. ތަފާތު ޖިންސުގެ މީހަކު އަނެއް ޖިންސުގެ މީހެއްގެ ހަށިގަނޑު ނަގައި ބަލާފާސްކުރާއިރު، މަޙްރަމަކު ހުރުން ލާޒިމްވެދެއެވެ. އެއީ އެކަހެރިވުމުގެ ސަބަބުން ހިނގާފާނެ ނުބައިކަމަކުން ދުރުކުރުމަށްޓަކައެވެ. މިތަނުގައިވެސް ފާހަނގަކޮށްލަން މުހިއްމު ނުކުތާއެއް އެބައޮތެވެ. އެއީ ހިއުމެނިޓޭރިއަން މަސައްކަތްކުރާއިރު، ވަރަށް ދަތި އުދަގޫ ޙާލަތްތައް ކުރިމަތިވެދާނެއެވެ. މިފަދަ ޙާލަތްތަކުގައި ކުރީގައި ބަޔާންކުރެވުނު ފިޤްހީ ޤަވާޢިދުން އެހާލަތައް ރިޢާޔަތްކޮށް، ޢަމަލުކުރުމަށް އެންމެ އެކަށޭނެގޮތް ހުއްދަކުރުވައެވެ.

އިންޓަނޭޝަނަލް ހިއުމެނިޓޭރއަން ލޯ އާއި އިސްލާމީ އުޞޫލުތަކަށް ބަލާއިރު، މަރުވާމީހާގެ ޙައްޤަށްޓަކައި ވަޅުލާފައިވާ މީހާ ކޮންމެހެން ކޮނެގެން ނަގަންޖެހޭ ޙާލަތެއްގައިމެނުވީ ނެގުމެއް ހުއްދަ ނުކުރެއެވެ. މީހެއްގެ ހަށިގަނޑު ވަޅުލާފައިވަނިކޮށް ކޮނެގެން ގަބުރު ނެގުން ހުއްދަވަނީ ސަބަބު ތަކަށްޓަކައެވެ. އިސްލާމީ އުޞޫލުތަކުގެ އަލީގައި ވަޅުލާފައިއޮތް ގަބުރު ނެގި ޙާލަތްތައް މަދުންނަމަވެސް ފެނެއެވެ.

އަނަސް އިބުނު މާލިކް ރިވާކުރެއްވިއެވެ. މަދީނާއަށް ރަސޫލާ ހިޖްރައަށް ވަޑައިގެން ކަދުރު ރުއްތައް ކަނޑުއްވައި މިސްކިތް އެޅުއްވިއިރު އެތަނުގައިހުރި ގަބުރުތައް ކޮނެގެން ނެންގެވިއެވެ. ޖާބިރު އިބްނު ޢަބްދުﷲ އިބްނު ޢަމްރުގެ ބައްޕާފުޅު އުޙުދު ހަނގުރާމައިގައި ޝަހީދުވެ، ފަސްދާނުލެވުނީ އެހެންމީހަކާއެކު އެއްވަޅެއްގައެވެ. މިކަމާމެދު އެކަލޭގެފާނުން ހިތާމަފުޅުކުރެއްވިއެވެ. އަދި ހަމަސް ދުވަސްފަހުން އެކަމަށް ހުއްދަ ލިބުމުން އެކަލޭގެ ފާނުންގެ ބައްޕާފުޅުގެ ގަބުރު އޮތް ވަޅުކޮނެގެން ގަބުރު ނަންގަވައި ފަސްކިލޯމީޓަރު ދުރުގައި މަދީނާގައި ވަކިވަޅެއްގައި ފަސްދާނުލެއްވެވިއެވެ. މިޞްރުގެ ކުރީގެ މުފްތީ ޝެއިޚް މަޚްލޫފު މިއުޞޫލަށް ޢަމަލުކުރަން ހުއްދަ ކުރައްވައި ނެރުއްވި ފަތުވާގައި ވިދާޅުވެފައިވެއެވެ. "އުސްމާނީ ޚިލާފަތުގެ އެންމެ ފަހު ސުުލްޠާން ޢަބްދުލްމަޖީދާއި އެކަލޭގެފާނުންގެ އަނބިކަބަލުން ފުރަތަމަ ފަސްދާނުލެވުނީ ފުރާންސް ގައެވެ. ނަމަވެސް ފަހުން އެދެބޭފުޅުންގެ ގަބުރު ކޮނެގެން ނަގައި މިޞްރުގައި ފަސްދާނުލުމަށްޓަކައި ގެންދެވުނެވެ."

ހިއުމެނިޓޭރިއަން ފޮރެންސިކް އެކްޝަނާއި ބެހޭ ބައިނަލް އަޤުވާމީ އުޞޫލުތައް ހުންނަ ޠަބީޢަތުގެ ގޮތުންނާއި އުޞޫލުތައް ޢާއްމުވުމާއި، ޚާއްޞަ ޙާލަތްތަކުގައި ޢަމަލުކުރުމުގެ އުޞޫލުތަކާއި މިންގަނޑުތައް ތަފާތު ދީންތަކާއި ސަޤާފަތްތަކަށް ރިޢާޔަތްކޮށްގެން ހެދިފައިނެތެވެ. އައި.ސީ.އާރ.ސީ ފަދަ ޖަމާޢަތްތަކުން މަސައްކަތްކުރުމުގެ އުޞޫލުތައް ފުރަތަމަ ހެދުމުގައި މުސްލިމުންގެ ދައުރު ނެތްކަން ފާހަނގަވެއެވެ. މިފަދަ ޖަމާޢަތްތަކުން ހަދާ އުޞޫލުތައް ޝާމިލް (އިންކްލޫސިވް) އަދި ފުރިހަމަ ނޫންކަން އެފަރާތްތަކުންވެސް ފާހަނގަކުރެއެވެ. އެހެންކަމުން އިންސާނީ ކާރިސާތަކުގައި ޢަމަލުކުރުމުގައި ގޮންޖެހުންތައް ދިމާވެއެވެ. ވަސީލަތްތަކާއި ތަމްރީނާއި ނިޒާމް ޤާއިމްވެފައި ނެތުމުގެ ސަބަބުންވެސް މެއެވެ.

ދީނާއި، ސަޤާފަތާއި އިޖްތިމާޢީ މިންގަނޑުތަކުގެ މައްޗަށް ރިޢާޔަތްކުރުމެއްނެތި ޤާއިމްކުރެވޭ ނިޒާމްތަކެއްނަމަ، ދީނީ ޢިލްމުވެރިންނާއި ސިޔާސީ ލީޑަރުންނާއި ފަންނީ އަޚްލާޤުތަކުގެ މާހިރުން ގުޅިގެން ތަފާތު އިޚްތިޔާރުތައް (އޮޕްޝަންސް) އެކުލެވޭ މިދެންނެވި ކަންކަމުގެމައްޗަށް ރިޢާޔަތްކުރެވޭ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްކުރުން މުހިއްމެވެ.

ޑިޒާސްޓާ ވިކްޓިމް އައިޑެންޓިފިކޭޝަން ގެ ޙާލަތެއްގައި ޢަމަލުކުރާނެ އުޞޫލާއި އިޖްރާއަތެއް ނެތި އެކަމަށް ތަމްރީންނުވެ ތިއްބާ އަދި އެމަސައްކަތް ކުރުމަށް ބެނުންވާ ވަސީލަތްތަކާއި ނިޒާމް ޤާއިމްނުކޮށް އޮތުމަކީ ކާރިސާއެއްގެ މައްޗަށް ކާރިސާއެއް އުފެދިދާނެކަމަކަށްވާތީ ދިވެހިރައްޖޭގައި މި ނިޒާމް ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަކަށް ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.

މީގެ މިސާލެއްގެ ގޮތުން 23 މެއި 2017 ގައި ފިލިޕީންގެ ސަރުކާރުން އެޤައުމުން ވަކިވެގަތުމަށް މަސައްކަތްކުރާ މުސްލިމް ޖަމާޢަތުގެ ވެރިޔާ އަބޫ ސައްޔާފު ހައްޔަރު ކުރުމަށް ފެށި މަސައްކަތް ދިގުލައިގެންގޮސް މަރުވި 6000 އަށްވުރެ ގިނަމީހުންގެ އިންސާނީ ކާރިސާ މެނޭޖްކުރުމުގައި ދިމާވި މައްސަލަތައް ބައްލަވާށެވެ.

ހިއުމެނިޓޭރިއަން ފޮރެންސިކުގެ ދައިރާގެ އިތުރުން ކުޑަކުދިންނާއި އަންހެނުންނާއިމެދު ކުރެވޭ ކުށްތަކާއި، ޖިންސީ އަދި ޖިސްމާނީ އަނިޔާގެ ތަޙްޤީޤްތަކަށްޓަކައި ޤާއިމްކުރަންޖެހޭ ފުރިހަމަ މެޑިކަލް ލީގަލް ސިސްޓަމެއް ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ލާމެހިފައިވާ ގޮތެއްގެމަތިން ޤާއިމްކުރުމަކީ މުހިއްމު ކަމެކެވެ. ތުހުމަތު ކުރެވޭ މަރުތަކާއި، ތަފާތު ކުށްތަކުގައި ޝިކާރައަކަށްވާ ފަރާތްތަކަށް ޢަދުލު އިންސާފު ޤާއިމްކުރުމުގައި މިފަދަ ނިޒާމެއް އޮތުމަކީ އެންމެ އަސާސީ އެއްކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް