ފިޔަވައްޗަށް ވަން މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވާން ޝުޖާއުއަށް އަންގައިފި

މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ބައެއް ކަމުގައިވާ ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހަމަނުޖެހުން ހިނގި ވަގުތު އެތަނުގެ ތެރެއަށް މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަން މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިިއެވެ.

އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ސޮއި ކުރައްވައި، ޝުޖާއުއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިން ދިރިއުޅެމުންދާ ފިޔަވަތި މަރުކަޒުގައި މި މަހުގެ ސަތާރަ ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ދިރާސާ ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ހާދިސާ ހިނގި ވަގުތު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހީމް ސުޖާއު އެ ސަރަހައްދަށާއި އެ މަރުކަޒަށް ވަދެފައިވާ ކަމަށެވެ.

އަދި އެ ތަނުގައި ތިބި ކުދިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް އާއްމު ފަރާތްތައް ވެއްދުމުގައި ޝުޖާއު އެހީތެރިވެދީފައިވާ ކަމުގެ މައުލޫމާތު އެ ކޮމިޓީއަށް ލިބިފައިވާތީ އެ މައްސަލަ އެލްޖީއޭ އިން ބަލައިދިނުމަށް، ރައްޔިތުންގެ މަޖިލީހުން އެދިފައިވާ ކަމަށެވެ.

ވިމާ މިކަމުގައި ކަންހިނގި ގޮތާއި މި ކަމާގުޅޭ ގޮތުން ފާހަގަ ކުރަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ލިޔުމުން، މި މަހުގެ 26 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެލްޖީއޭއަށް ފޮނުވުމަށް ދަންނަވާ ކަމަށް އެ ސިޓީގައި ވެއެވެ.

އެލްޖީއޭ އިން ފޮނުވި ސިޓީއާ ބެހޭގޮތުން ސުޖާއު ވިދާޅުވީ ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވައްޗަށް ގަވާއިދާ ހިލާފަށް ވަތް ކަމަށްބުނެ، އެލްޖީއޭ އިން އޭނާއަށް ފޮނުވި ސިޓީ ލިބިފައިވާ ކަމަށެވެ.

ސުޖާއު ވިދާޅުވީ އަފްޝަން ލަތީފްގެ ކިބައިން އެދެނީ ލިޔުމުން ބަޔާން ހޯދުމުގެ ބަދަލުގައި އެލްޖީއޭއަށް ހާޒިރު ކޮށްގެން ބަޔާން ނެގުމަށް ކަމަށެވެ. 7/2010 އިން އޭނާއަށް މައްޗަށް ލާޒިމުކުރާ ކަންކަން ކުރުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

ސުޖާއު ފިޔަވައްޗަށް ވަން މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހެޅީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒެެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ހާދިސާ ހިގައިގެން އުޅުނު ވަގުތު ޝުޖާއު ފިޔަވަތި ތެރެއަށް ވަދެގެން އުޅުނު ކަމަށާއި، އެވަގުތު ބޭރުގައި ތިބި ބައެއް އާއްމު ރައްޔިތުން އެތަނަށް ވައްދަން ސުޖާއު މަސައްކަތް ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަން ހިނގައި ދިޔަގޮތް ބެލުމަށް ޓަކައި އެލްޖީއޭއަށް އެންގުމަށް މެމްބަރު މުމްތާޒް ހުށަހެޅުއްވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތި މައްސަލަ އިތުރަށް ގޯސްވެ، އެ ތަނުގައި ތިބި ކުދިންތަކެއް ފުރާޅުމައްޗަށް އަރައި މަގުމަތީގައި ތިބި މީހުންނާއި ދިމާލަށް ހަޑިހުތު އެއްޗެހިގޮވާ، އަދި އިމާރާތުގެ ބައެއްގައި އަލީފާން ރޯކުރިއެވެ.

ސުޖާއު "ސަން"އަށް ވިދާޅުވީ ފިޔަވަތީގައި ދިމާވާ މައިގަނޑު އެއް މައްސަލައަކީ ތަނުގެ ޖާގައަށްވުރެ، ކުދިންގެ އަދަދު ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ފިޔަވަތީގެ ޖާގަ އަކީ 80 ކުދިންނެވެ. ނަމަވެސް އެ ތަނުގައި މިވަގުތު ވެސް 109 ކުދިން އެބަތިބި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިޔަވަތި ހާއްސަކޮށްފައިވަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށެވެ. ނަމަވެސް އެ ތަނުގައި އެއަށްވުރެ ބޮޑެތި ކުދިން ވެސް އެބަތިއްބެވެ.

ފިޔަވަތީގައި ތިބި ކުދިންގެ ތެރޭގައި ނަފުސާނީ ބަލި ކުދިން ވެސް ތިބިއިރު، އެކުދިންނަށް ދޭން ޖެހޭ އެކަށީގެންވާ ފަރުވާ ނުދެވޭ ކަމަށް ވެއެވެ.

comment ކޮމެންޓް