ހިއުމެނިޓޭރިއަން ފޮރެންސިކް އެކްޝަން: އިސްލާމް ދީނުގެ އަލީގައި 1

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާސާތަކުން އެނގޭގޮތުގައި ދުނިޔޭގައި ހިނގާ އެންމެހައި ދެކޮޅުވެރިކަމާއި އަރާރުންތައް ހިނގަމުންދާ ބައްރުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންގެ ހިއްސާ އާއިއެކު އެޒޯންތަކުގައި ދިރިއުޅެމުންދަނީ މުސްލިމުންނެވެ. "ހިއުމެނިޓޭރިއަން ފޮރެންސިކް އެކްޝަން" އަކީ؛ ފޮރެންސިކް ސައިންސް އިންސާނިއްޔަ މަސައްކަތްތަކުގައި ބޭނުންކުރުމެވެ. ޚާއްޞަކޮށް ކާރިސާތަކާއި، ޙާދިސާތަކާއި، ދެކޮޅުވެރިކަމާއި އަރާރުމާއި އަދި ކުށުގެ ޖަރީމާތްތައް ހިންގާ ޙާލަތްތަކުގައި ބޭނުންކުރުމެވެ.

މި ބަހާއި، މި މަސައްކަތުގެ ގޮފި އުފެދިގެން އައިސްފައިވަނީ 1980 ގެ އަހަރު ތަކުގައި އާޖެންޓީނާގެ ސިފައިން އެޤައުމުގައި ހިންގި ޖަރީމާތްތައް ތަޙްޤީޤްކުރި "އާޖެންޓީން ފޮރެންސިކް އެންތްރޮޕޮލޮޖީ ޓީމް" އިން ކުރި މަސައްކަތުގެ ތެރެއިންނެވެ. މިމަސައްކަތުގެ ދާއިރާއަކީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރސީ) އިން ތަރައްޤީކޮށްފައިވާ، ބައިނަލް އަޤުވާމީ އިންސާނީ ޙައްޤުތަކާއިގުޅޭ ޤާނޫނުތަކުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ މަސައްކަތުގެ ދާއިރާއެކެވެ.

އެހެންކަމުން ހިއުމެނިޓޭރިއަން ފޮރެންސިކް އެކްޝަންގެ މައިގަނޑު މަޤްޞަދަކީ؛ އިންސާނީ ކަރާމަތް ޙިމާޔަތް ކުރުމާއި، ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޖިނާއީ އަދި މަދަނީ ޒިއްމާ އުފުލަންޖެހޭ ފަރާތްތަކުގެ މައްސަލަތަކަށް ބޭނުންވާ ހެކި ޤަރީނާ ހޯދައި ދިނުމެވެ. އެއީ މަރުވެފައިވާ ފަރާތުގެ ވަނަވަރު ދެނެގަނެ، މަރުވި ގޮތާއި ސަބަބު ހޯދައި، ޢަދުލު އިންސާފު ޤާއިމްކުރުމަށް އެހީތެރިވެދީގެންނެވެ. މިދެންނެވި މަސައްކަތްތަކާއި މަޤްޞަދުތަކަށް ބަލާއިރު، އިސްލާމް ދީނުގެ އެންމެ މަތީ މަޤްޞަދުތަކާއި ހިއުމެނިޓޭރިއަން ފޮރެންސިކްގެ މަޤްޞަދުތަކުގައި އަރާރުމެއް ނެތެވެ. އަދި ކިއެއްތަ! އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް ހިއުމެނިޓޭރިއަން ފޮރެންސިކްގެ ދައުރު ނުހަނު ބޭނުންތެރިއެވެ.

މާތް ﷲ އިންސާނާ ޚަލްޤުކުރައްވާ، މާތްކުރައްވާ ބިން އާރާސްތުކުރުމަށް އެކަނލާގެ ފޮނުއްވި ޚަލީފާއެއްކަމުގައި ލެއްވެވިއެވެ. އެހެންކަމުން އިންސާނާ ދިރިހުރިކަމުގައިވިޔަސް އަދި މަރުވިޔަސް އެއިންސާނާއަށް މާތްކަމާއި އިޙުތިރާމް ދޭންޖެހެއެވެ. މިކަން ބަޔާންކުރައްވައި، ޢާއިޝަތުގެ ފާނުން ރިވާކުރެއްވި ޙަދީސެއްގައި ވެއެވެ. "މަރުވެފައިވާ މީހެއްގެ ކަށި ބިންދުމަކީ، ދިރިހުރި މީހެއްގެ ކަށި ބިންދުންފަދަ ކަމެކެވެ." މިޙަދީސް އިން މަރުވެފައިވާ މީހާގެ ކަރާމަތް ޙިމާޔަތްކުރުމުގެ އަސާސް ބަޔާންވެއެވެ. ނަމަވެސް ހުޅަނގުގެ ބައެއް މީހުންގެ ނަޒަރުގައި މުސްލިމުންތިބީ ހިއުމެނިޓޭރިއަން ފޮރެންސިކްގެ ދާއިރާގައި ފަހަތު ފަޔަށް ބުރަވެފައެވެ. އެއީ، މިދެންނެވި ޙަދީސްގެ އަލީގައި މަރުވުމަށްފަހު، މަރުގެ ޙާދިސާ ހިނގި ގޮތާއި މަރުވި ސަބަބު ދެނެގަތުމަށް ކުރަންޖެހޭ ތަޙްލީލާއި ތަޙްޤީޤު (ފޯސްޓް މޯޓަމް އެގްޒަމިނޭޝަން ނުވަތަ އޮޓޮޕްސީ) ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ނޫން މަކެއްކަމަށް ބުނާބުނުމަށް ބިނާކޮށްގެންނެވެ.

ހަމައެފަދައިން އައި.ސީ.އާރ.ސީ އިން ބަޔާންކުރާގޮތުގައި، މުސްލިމު މުޖްތަމަޢު ތަކުގައި، މިދެންނެވި ޙަދީޘް ސަލްބީގޮތުން ފަހުމުވުމާއި، އާދަކާދަައާއި ޘަޤާފަތުގެ ސަބަބުން ނުކުންނަ ނުވަތަ ފާހަނގަވާ މައްސަލަތަކާއި ގޮންޖެހުންތައް އެބަހުއްޓެވެ. މަރުވާ މީހުން ހޯދުމާއި، ކޮނެގެން ނެގުމާއި، އެއްތަނުން އަނެއް ތަނަށް ނުވަތަ އެއްޤައުމުން އަނެއް ޤައުމަށް ގެންދިއުމާއި، އަވަހަށް އަދި އެކަކަށްވުރެ ގިނަމީހުން އެއްވަޅެއްގައި ވަޅުލުމާއި، ކަނޑުގައި ވަޅުލުމާއި، އޮޓޮޕްސީ ހެދުންފަދަ ކަންކަމުގައި މުސްލިމުންގެ ފަރާތުން ގޮންޖެހުން ކުރިމަތިވެއެވެ. އެހެންކަމުން މިދެންނެވި ކަންކަން ތަންފީޒުކުރުމުގައި އިސްލާމް ދީނުގައި ހުރަހެއްވޭތޯބަލައި، މިކަންކަން ކުރުމުގެ އުޞޫލުތަކުގެ މައްޗަށް މިލިޔުމުގައި އަލިއެޅުވިގެންދާނެއެވެ.

އިސްލާމް ދީން ޙިމާޔަތްކޮށް އިސްލާމީ ރިސާލަތު ކުރިއެރުވި އަބުޠާލުން ޝަހީދުވެދިޔަ ހަނގުރާމަތަކާއި ޙާދިސާތަކަށް ނަޒަރު ހިންގަވާށެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެ ފުރަތަމަ ދުނިޔޭގައި "ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން" (ޑީވީއައި) ޓީމެއްގެ ގޮތުގައި ޙަރަކާތްތެރިވީ އަންހެން ޞަޙާބިއްޔަ ބޭކަބަލުންނެވެ. ޖެނީވާ ކޮންވެންޝަންތައް އައީ މާފަހުންނެވެ.

މަރުވެފައިވާ މީހުން ހޯއްދަވައި، ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ހިނގި ހަނގުރާމަތަކުން ފެނެއެވެ. އިންސާނީ ކަރާމަތުގެ އަސާސްތަކަށް ބަލާއިރު، އިންސާނާ މަރުވުމަށްފަހުވެސް، ޖަނަވާރާއި، ދޫނި ސޫއްޕާސޫއްޕައް ދޫނުކޮށް، އެމީހެއްގެ ޢާއިލާއާއި އެމީހަކު ޙަވާލުކުރުމަކީ މުހިއްމުކަމެއްކަން ރަސޫލާއާއި، އެކަލޭގެފާނުންގެ ޞަޙާބީންގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން އެނގި ހާމަވެއެވެ. ބާރުވެރިކަން ދައްކައި އަނިޔާވެރިވުމަކީ، ޢަރަބިންގެ ތެރޭގައި އެދުވަސްވަރު ޢާއްމުވެފައިވާ ކަމެއްކަމުން، ހަނގުރާމައިގައި މަރުވާ މީހުންނާމެދު އެމޭރުމުން ޢަމަލުކުރައްވަން އުޅުނުނަމަވެސް، ރަސޫލާ ވަނީ އެކަން ކުއްވެރިކުރައްވާ މަނާކުރައްވާފައެވެ.

އައްރުބައްޔިޢު ބިންތު މުޢައްވިޛި ބުނި ޢަފްރާ އަކީ، ރަސޫލާގެ އަރިހުގައި ހަނގުރާމަތަކަށް ވަޑައިގެން، މީހުންނަށް ފަރުވާދެއްވައި، މަރުވާ މީހުންނާއި ޒަޚަމްވާ މީހުން ހޯއްދަވައި މަދީނާއަށް ގެންގޮސް ޢާއިލާއަށް ޙަވާލުކުރުމުގެ މަސައްކަތް އެންމެ އިސްސަފުގައި ކުރެއްވި އަންޞާރިއްޔަ ބޭކަނބަލެކެވެ. އަލްޤަހުޠާނީއާއި އަލްދާވޫދީ ވިދާޅުވާ ގޮތުގައި މިޤަވާޢިދަކީ ކާރިސާތަކުގައި ނުވަތަ ހަނގުރާމަތަކުގައި އިންސާނީ އަދި ބައިނަލްއަޤުވާމީ ޤާނޫނު މިއަދު ދަންނަ އަސާސީ އުޞޫލެއްގެ އަސްލު ވުޖޫދުވުމެވެ. އެއީ މަރުވާ މީހުންހޯދައި ޒަޚަމްވާ މީހުންނަށް ފަރުވާ ފޯރުކޮށްދީ ކަށަވަރުކުރަންޖެހޭ އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތެވެ. މިޒަމާނުގައި މިފަދަ ކާރިސާ ތަކުގައި މީހުންގެ ވަނަވަރު ހޯދުމުގައި ޢަމަލުކުރާމޭރުމުން، އެޒަމާނުގައި މީހުންގެ ވަނަވަރު ދެނެގަތުމަށް ބޭނުންކުރީ ހަމަލޮލުން ފެންނަންހުންނަ، އަންނައުނާއި، ތަފާތު ނިޝާންތަކެވެ. ނުވަތަ މާއްދީ ހެކިތަކަށެވެ.

ތާރީޚީ ހެކިތައް ދައްކާ ގޮތުންވެސް މުސްލިމުންވަނީ މިކަމުގައި ކުރިއަރައިގެން ގޮސްފައެވެ. އައްނުޢުމާނު އާއި އަލްޤުރުޠުބީ ބަޤަރާ ސޫރަތުގެ 273 ވަނަ އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައި ވެއެވެ. "އެއުރެންގެ ޢަލާމާތްތަކުން ތިބާއަށް އެއުރެން އެނގޭނެތެވެ." މިގޮތުން މުސްލިމުންގެ ބިމުގައި ވަނަވަރު ނޭގޭ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެނަމަ އަދި އޭނާ ޚިތާނު ކޮށްފައިނުވާނަމަ، އެމީހާ މުސްލިމުންގެ ބިމުގައި ވަޅުލުމުގެ ބަދަލުގައި ޤައުމުތަކުގެ މެދުގައި ހެދިފައިވާ ޤާނޫނޫތަކާއި އެއްގޮތަށް އޭނާގެ މައްސަލަ އިތުރަށް ބަލައި ތަޙްޤީޤު ކުރަން ޖެހޭނެއެވެ. މިތަނުގައި މަރުވެފައިވާ މީހާގެ ވަނަވަރު ދެނެގަތުމުގެ މައްޗަށްވަނީ އަހައްމިއްޔަތުކަން ދެއްވާފައެވެ. އަދި އެކަން ކުރުމުގައި ޢަމަލުކުރާނެގޮތް ބަޔާންކުރައްވާފައިވުމުގެ އިތުރުން، އެކަމުގައި ބައްލަވާނެ މިންގަނޑުތައް ވަނީ ބަޔާންކުރައްވާފައެވެ.

މިގޮތުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނާނެ އޭނާގެ ހެދުމާއި، ބެލްޓާއި، ޚިތާން ކޮށްފައިވުން ނުވަތަ ނުވުންފަދަ ކަންކަން ބަޔާންކޮށްފައިވާކަން ފާހަނގަކުރެވެއެވެ. މިއީ މިޒަމާނުގައި، ޕޯސްޓް މޯޓަން އެގްޒަމިނޭޝަން ގައިވެސް ބަލާ އަދި އިންޓަޕޯލް އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކުރޮސް (އައި.ސީ.އާރު.ސީ) އިން ޑިޒާސްޓަރ ވިކްޓިމް އައިޑެންޓިފިކޭޝަން (ޑީ.ވީ.އައި) ގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް އަދި މީހަކުގެ ވަނަރު ދެނެގަތުމުގައި ކަނޑައެޅިފައިވާ ވަސީލްތަކުގެ ގިންތި ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އިތުރު އެކަލޭގެ ފާނުން ކަނޑައެޅުއްވި އަނެއް ޤަވާއިދަކީ، މީހުން ވަޅުލުމުގެ އުޞޫލު ކަނޑައެޅުއްވުމެވެ. މިގޮތުން މުސްލިމަކު މަރުވެއްޖެނަމަ، އޭނާ ވަޅުލުމަކީ ކިފާޔަތުގެ ފަރުޟެކެވެ. އެކަން ނުކޮށްފިނަމަ، މުޅި މުސްލިމު މުޖްތަމަޢު ފާފަވެރިވެއެވެ. އަދި އެކަކު އެކަން އަދާކުރުމުންވެސް އެންމެންގެމަތިން އެފަރުޟު އަދާވީއެވެ. ޢާއްމު އުޞޫލަކީ ކޮންމެ މީހަކުވެސް ވަކިވަޅެއްގައި ވަޅުލުމެވެ. ޟަރޫތަރެއް މެދުވެރިވެގެން ނުވަތަ ވަރަށް ދަތި ޙާލަތުގައިމެނުވީއެވެ. މުސްލިމުންނާއި ކާފަރުންވެސް މިއުޞޫލުން ވަޅުލެއްވެވިއެވެ.
އެއްފަހަރެއްގައި، ބައެއްގެ އިސް ލީޑަރަކު ހަނގުރާމައިގައި މަރުވިއެވެ. އެމީހާގެ ހަށިގަނޑުގެ ބަދަލުގައި އަގެއް އެމީހުން ހުށަހެޅުއްވިއެވެ. ނަމަވެސް ރަސޫލާ އެއްޗެއްގައި ނުހިއްޕަވައެވެ. އެމީހާގެ ހަށިގަނޑު އެމީހުންނާއި ޙަވާލުކުރެއްވެވިއެވެ. މިކަމުން އަނެއްކާވެސް އިންސާނީ ހައްޤުގައި އާޤަވާޢިދެއް އެކަލޭނގެފާނުން ތަޢާރަފު ކުރެއްވީއެވެ.

އެއީ ހަނގުރާމައާއި އަރާރުންތަކާއި ކާރިސާއާއި ކުށްތައް ތަޙްޤީޤުކުރާ ޙާލަތުގައިވެސް މީހުންގެ ހަށިގަނޑު ވިއްކުމާއި ޢާއިލާތަކަށް މަޙްރޫމުކުރުން މަނާކުރެއްވުމެވެ. ވީއެންމެ އަވަހަކަށް ހަށިގަނޑު ޢާއިލާއާއި ބަދަލަކާއިނުލައި ޙަވާލުކުރުމުގެ އުޞޫލެެވެ. މަރާމެދު ކުރެވޭ ތުހުމަތެއް އޮވެގެން ނުވަތަ ކުށެއްގެ ތަޙްޤީޤަށްޓަކައި ނުވަތަ މައްޔިތާގެ ވަނަވަރު ދެނެގަތުންފަދަ ކަންކަމުގައި ވަޅުލުން ފަސްކުރުންނޫން ޙާލަތްތަކުގައި ވީއެންމެ އަވަހަކަށް މައްޔިތާ ވަޅުލުމަކީ މުސްތަޙައްބު ވެގެންވާ ގޮތެވެ.

އިންސާނީ ބޮޑެތި ކާރިސާ ތަކާއި ހަނގުރާމަ ތަކުގައި މިއަދު ޢަމަލުކުރާ އިތުރު އުޞޫލެއް ރަސޫލާ އެންގެވިއެވެ. އެއީ ހަނގުރާމައިގައި މަރުވާ މީހުންގެ ފަރާތުން ލިބޭ ތަކެއްޗާމެދު ޢަމަލުކުރާނެގޮތް ބަޔާން ކޮށްދެއްވުމެވެ. މިތަކެތީގެ އެހީގައި މީހުންގެ ވަނަވަރު ހޯދައި ދެނެގަތުމެވެ. ޚަނީމާ މުދަލުގެ ގޮތުގައި ނުބެލެވޭ އެމީހާގެ ތަކެތި އެމީހާގެ ޢާއިލާއަށް ޙަވާލުކުރުމަކީ އިރުޝާރު ދެވިފައިވާ ކަމެކެވެ. ޣަނީމާ މުދަލާމެދު ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "(غنيمة) މުދަލަށް خيانة ތެރިވުމަކީ، ނަބީބޭކަލަކަށް އޮތްކަމެއް ނޫނެވެ. އަދި، މުދަލަށް خيانة ތެރިވާ މީހާ އެމީހަކު خيانة ތެރިވި ތަކެއްޗާއިގެން قيامة ދުވަހުން (އެކަލާނގެ حضرة އަށް) އަންނާނެތެވެ. ދެން، ކޮންމެ نفس އަކަށްމެ އެ نفس އެއް ހޯދިކަމެއް (ގެ ޖަޒާ) ފުރިހަމަޔަށް ލިބިދެއްވާނެތެވެ. އެއުރެންނަށް ބޭއިންސާފު ނުކުރައްވާ ގޮތުގައެވެ." (އާލު ޢިމްރާން، 161)

ކުރިން ފާހަނގަކުރިފަދައިން ޢާއްމު ޤަވާޢިދަކީ، ކޮންމެ މައްޔިތަކުވެސް ވަކިން ވަޅެއްގައި ވަޅުލުމެވެ. ނަމަވެސް އިންސާނީ ބޮޑެތި ކާރިސާތަކާއި އަރާރުންތަކުގައި ވަރަށް ގިނަ އަދަދަކަށް މީހުންމަރުވުމުގެ ސަބަބުން ހިއުމެނިޓޭރިއަން ފޮރެންސިކްގެ ދާއިރާގައި މަސައްކަތްކުރާހިނދު، މިދެންނެވި އުޞޫލުން ޢަމަލުކޮށް މީހުން ވަޅުލުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. މިފަދަ ޙާދިސާއެއް ކީރިތިރަސޫލާގެ ޙަޔާތުގައި ހިނގާފައިވެއެވެ.

އެއީ އުޙުދު ހަނގުރާމައިގައި ޝަހީދުވި 70 ޞަހާބީން ވަޅުލުމުގައި މުސްލިމުންނަށް ދިމާވި ދަތިތަކެވެ. ބިންގަނޑު ހަރުކަމުން 70 ވަޅު ކޮނުމަށް މުސްލިމުންނަށް ދަތިވުމުން، ރަސޫލާއަށް މުސްލިމުން މިކަމުގައި ޢަމަލުކުރާނެ ގޮތަކާމެދު ދެންނެވިއެވެ. އެކަލޭގެފާނުން ޙަދީސް ކުރެއްވިއެވެ. ފުންކޮށް ވަޅުގަނޑުކޮނެ، ކޮންމެ ވަޅެއްގައި 2 ނުވަތަ 3 ބޭފުޅުންގެ ހަށިކޮޅު ވަޅުލައްވަވާށެވެ. މިއަދުގެ ޙާލަތްތަކަށް ބަލާއިރު ކާރިސާތައް މެނޭޖުކުރުމުގައި، ދީނާއި އާދަކާދައާއި ޢާއިލީ ޝުޢޫރުތަކަށް ރިޢާޔަތްކޮށް މަރުވާމީހުންނާމެދު ޢަމަލުކުމުގެ އުޞޫލުތައް ހެދުމަކީ މުހިއްމުކަމަކަށްވާތީ، އައި.ސީ.އާރ.ސީ އިން މިކަމުގައި އިސްދައުރެއް އަދާކުރެއެވެ. ނަމަވެސް މިވަގުތު ހުރި އުޞޫލުތައް ވަރަށް ޢާއްމެވެ. ޚާއްޞަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައް ތަފްޞީލްނުވެއެވެ. އިސްލާމީ އުޞޫލު ތަކަށްބަލާއިތު، ފިޤުހު ޢިލްމުވެރިންވަނީ މިކަންކަމާގުޅޭ ވަރަށްގިނަ ތަފްޞީލްތައް ދެއްވާފައެވެ.

ކުރިން ފާހަނގަކުރިފަދައިން ފިޤުހު ޢިލްމުވެރިން މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެގޮތާމެދު ތަފްޞީލުކޮށް ވާހަކަދައްކަވާ ޙުކުމްތައް ވަނީ ނެރެދެއްވާފައެވެ. މިގޮތުން އިސްލާމް ދީނުގައި ޢަމަލުކުމަށް އޮންނަ ޢާއްމު އުޞޫލާއި ޚާއްޞަ ޙާލަތްތަކުގައި ޢަމަލުކުރާނެގޮތް ބަޔާންކުރައްވައެވެ. މިގޮތުން ކަނޑުމަތީގައި މަރުވާ މީހުންނާމެދު އެކި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްވަނީ ބަޔާންކުރައްވާފައެވެ. މިގޮތުން އުޅަދެއްގައި މަރުވާ މީހާގެ ހަށިގަނޑު ކުނިނުވެ ހިކި ފަސްގަނޑަކަށް ގެންދެވޭނަމަ، އެ މުއްދަތައް މައްޔިތާ ބޭއްވިދާނެއެވެ. ނަމަވެސް މައްޔިތާގެ ހަށިހަނޑު ކުނިވާނަމަ، ލަނކުޑިފަދަ އެއްޗެއްގައި އައްސައި މައްޔިތާގެ ހަށިގަނޑު ދޫކޮށްލުން ހުއްދައެވެ. ރަށަކަށް މައްޔިތާގެ ހަށިގަނޑު ގެންދެވެން އޮތްނަމަވެސް، އެރަށުގައިއުޅެނީ މުސްލިމުންގެ ޢަދުއްވުންކަމަށްވާނަމަ، ބަރު އެއްޗެއްގައި މައްޔިތާގެ ހަށިގަނޑު އައްސައި ކަނޑަށް ދޫކޮށްލުން މިޙާލަތުގައި ހުއްދަވެދެއެވެ. މިއެންމެހައި ޙާލަތްތަކުގައި މައްޔިތާ ވަޅުލަންވާނީ ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ކުރުމަށްފަހުއެވެ. ނަމަވެސް ހަނގުރާމައިގައި ޝަހީދުވާ މީހުން ހިނަވައި، ކަފުންކޮށް، ނަމާދުކުރުން އިސްތިސްނާވެގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް