އިސްލާމީ ޤަޟާއީ ނިޒާމުގައި ފޮރެންސިކް ހެއްކާއި ޑީއެންއޭ 2

ފޮޓޯ: ގެޓީ އިމޭޖްސް

ޝަރުޢީ ޤަޟާއީ ނިޒާމަކީ އަބަދުވެސް ތަރައްޤީ ކުރަންޖެހޭ ނިޒާމެކެވެ. ޑީއެންއޭ ވެގެން ގޮސްފައިވަނީ ބައޯޓެކްނޮލޮޖީގެ ދާއިރާއިން ހޯދުނު އެންމެ ބޮޑު އެއްކުރިއެރުމަށެވެ. ޤުރުއާނާއި ސުންނަތުގައި މިފަދަ ހެކިތަކުގެ ޙުއްޖިއްޔަތާމެދު ސާފު ޞަރީޙަ ބަސްފުޅެއް ވާރިދުވެފައިނުވެއެވެ. އެއީ އެޒަމާނުގައި މިފަދަ ހެކި ވުޖޫދުވެފައި ނުވާތީއެވެ. ނުވަތަ ހޯދިފައި ނުވާތީއެވެ. މިފަދަ ހެކިތައް މީހުންގެ ހެކިބަހުން ސާބިތުކުރުމަށްވުރެ މާ އިތުބާރުހުރިގޮތުގައި ބައެއް މައްސަލަތައް ސާބިތުކުރުމަށް ބޭނުން ހިފާފައިވެއެވެ. އެހެންކަމުން ޑީއެންއޭ ހެކި ނަސަބު ސާބިތުކުރުމަށް އަދި އެކަން ކަށަވަރުކުރުމަށް ވަކި މިނިވަން ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ. މިގޮތުން ޤިޔާފާއިން ނަސަބު ސާބިތުކުރަންޖެހޭ ޙާލަތްތަކުގައާއި، ދަރި ނަފީކުރާ ލިޢާނުގެ ޙާލަތުގައި ޑީއެންއޭ ބޭނުންކުރެވިދާނެއެވެ.

އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު ޖަރީމާތަކުގެ ތެރޭގައި ޒިނޭ ހިމެނޭއިރު ޒީނޭ ސާބިތުވެއްޖެނަމަ، އެކަމުގެ ޢުޤޫބާތްވެސް އެހާމެ ބުރަވެފައި ބޮޑެވެ. ޒިނޭގެ ޢުޤޫބާތެއްގެ ގޮތުގައި މިއަދުވެސް ބައެއް ޤައުމުތަކުގައި ރަޖަމުގެ އަދަބު ތަންފީޒު ކުރެއެވެ. މިފަދަ މައްސަލަތަކުގައި އީޖާބީ ގޮތެއްގައި ޑީއެންއޭ ބޭނުންކުރެވިދާނެއެވެ. މިސާލަކަށް؛ ޞަފިއްޔަތު ހުސައިނީގެ މައްޗަށް ނައިޖީރިއާގައި ހިންގުނު މައްސަލައަށް ބައްލަވާށެވެ. ޑީއެންއޭ އިން ކުއްޖާގެ ނަސަބު ޤަޠުޢީކޮށް ސާބިތުވިއެވެ. މީގެއިތުރުން ތުހުމަތުކުރެވުނު މީހާއާއި ދެކޮޅަށް މައްސަލަ ސާބިތުވެ ރަޖަމްކުރަން ޖެހުނެވެ. މިތަނުގައި ފާހަނގަކޮށްލަންޖެހޭ މައްސަލައަކީ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޙުއްޖިއްޔަތެއް ހުރި ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބަލައިގަންނާނީތޯއެވެ؟ ނުވަތަ ނަސަބު ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ބޭނުންކުރާނީތޯއެވެ؟ ނުވަތަ ގުޅުވާލެވޭ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ބޭނުންކުރާނީތޯއެވެ؟ އެހެންކަމުން ފޮރެންސިކް ނުވަތަ ޑީއެންއޭ ހެކި ޝަރުޢީ މައްސަލަތުގައި ބޭނުންކުރެވޭނެގޮތް ކަނޑައެޅުން މުހިއްމެވެ.

ޝަރުޢީ މިންގަނޑުން ހެއްކަށްބަލާއިރު، ހެކި ވަޒަންކުރުމުގައި އެހެއްކަކީ އިތުބާރުހުރި ޢަދުލުވެރި ހެއްކަކަށްވާންޖެހެއެވެ. އެހެންވެ ޒަމާނުއްސުރެ އިންސާނުންގެ ހެކިބަހަކީ އެންމެ އިތުބާރުކުރެވޭ ހެކިބަހަށްވަނީ ވެެފައެވެ. އެއީ މިފަދަ ހެކީގައި ޝައްކާއި ވަހުމުން ސަލާމަތްވެގެންވާކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެކަން ނައްޞުން ސާބިތުވާތީއެވެ. ނަމަވެސް ކުރިން ފާހަނގަ ކުރިފަދައިން މެޝިނަކީ ކުށެއް ހެދުމުގެ އިޙުތިމާލު އޭގެ ޠަބީޢަތުގައި އޮންނާނެ އެއްޗެކެވެ.

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މީހުންގެ ހެކިބަހާއި އިޢުތިރާފު ފަދައިން ފޮރެންސިކް ހެއްކަކީވެސް އިތުބާރުކުރެވޭ ތަފާތެއްނެތި ބަލައިގަނެވޭ ހެއްކެވެ. މިގޮތަށް ދެކިލައްވާ ޢިލްމުވެރިންގެ ތެރޭގައި އިބްނުލް ޤައްޔިމު ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުންގެ ނަޒަރުގައި ފޮރެންސިކް ހެއްކަކީވެސް "ބައްޔިނާ" ގެ މާނައިގެ ތެރޭގައި ހިމެނޭ ހެއްކެކެވެ. އެހެނީ ޤުރުއާނުގައި ވާރިދު ވެފައިވާ ގޮތުގައި "ބައްޔިނާ"ގެ މާނަކީ؛ ޙައްޤު ސާބިތު ކޮށް ބަޔާންކޮށް ދިނުމެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ފޮރެންސިކް ހެއްކަކީ ހަރުދަނާ ޤަރީނާއެކެވެ. މުޠުލަޤު ގޮތެއްގައި ފޮރެންސިކް ހެކި ބޭނުން ނުކުރެވެނީ އަންނަނިވި ސަބަބުތަކަށްޓަކައެވެ. ގޯހެއް ހެދުމުގެ އިޙްތިމާލު އޮތުމާއި، އޭގެ އިންޓަގްރިޓީ ގެއްލޭ ފަދަ ސަބަބެއް ނުވަތަ ޓެމްޕަރ ކުރުމުގެ އިޙްތިމާލް އޮންނާނެތީއެވެ. މީގެ އިތުރުންވެސް މި ހެކިތަކަކީ ޝައްކުތަކާއި ވަހުމުތައް އޭގެ ވަށައިގެންވުމުގެ އިޙްތިމާލްތަކުގެ މައްޗަށްވާ ހެއްކަކަށް ވާތީއެވެ.

މިބަޙުސުގައި ޢިލްމުވެރިންގެ ތިން މައުޤިފެއް ވެއެވެ. ފުރަތަމަ މައުޤިފަކީ؛ ޢާއިލީ ހަމަޖެހުން ދެމެހެއްޓުމަށާއި، މުޖްތަމަޢުގެ އާދަކާދަ ހިފެހެއްޓުމަށްޓަކައި ކުރީގައިވެސް ޢާއިލީ ކަންކަމުގައި ޢަމަލުކުރެވުނު އުޞޫލުތަކާއި އާދަކާދަ ދިފާޢު ކުރުމެވެ. ދެވަނަ މައުޤިފުގެ ޢިލްމުވެރިން ދެކޭގޮތުގައި ޒަމާނީ ހެކީގެ ވަސީލަތްތަކަށް ބިނާވެ، ޝަރުޢީ ޢާއިލީ މައްސަލަތައް އޭގެ މައްޗަށް ބިނާކުރުމެވެ. އެއީ އިޖްތިހާދުގެ މަގު ތަނަވަސްކޮށް ޝަރީޢާގެ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައެވެ. ތިންވަނަ މައުޤިފަކީ؛ ޒަމާނީ ހެކި ވަރަށް ވިސްނުންތެރިކަމާއެކު ތިލަފަތް ހަމަކޮށްގެން ބޭނުންކުރުމެވެ. މިގޮތުން ނަސަބު ސާބިތުކުރުމުގެ މައްސަލަތަކުގައި މިފަދަ ހެކި ބޭނުންކުރިނަމަވެސް، ޙައްދު ކަނޑައެޅިފައިވާ މައްސަލަތަކުގައި މުޠުލަޤު ހެއްގެ ގޮތުގައި މިދެންނެވި ހެކި ބޭނުން ނުކުރުމެވެ. އެހެނީ އެފަދަ މައްސަލަތައް ސާބިތުކުރުމުގެ މިންގަނޑަކީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާބިތުވުމެވެ. ހަމައެފަދައިން އަންހެންމީހާއާއި، ކުއްޖާގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި އެދާއިރާގައި ޑީއެންއޭ ހެކި ބޭނުންކުރުމެވެ.
އޮސްޓްރޭލިއަން ޖާނަލް އޮފް އިސްލާމިކް ސްޓަޑީޒްގެ ދިރާސާ މިރައުޔަށް ބޮޑަށް ބުރަވެއެވެ. މިދެންނެވުނު ދާއިރާގައި ކަންކަން ސާބިތުކުރުމުގެ ޒަމާނީ ހެކި ބޭނުންކުރުމުން އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތައް ރައްކާތެރިކުރެވޭނެ ކަމަށްޓަކަައެވެ. އަދި ޢާއިލާތަކުގެ ހަމަޖެހުމާއި މުޖްތަމަޢުގެ ދުޅަހެޔޮކަން ޤާއިމްކުރުމަށްޓަކައެވެ. އެއްވެސް ޙާލެއްގައި ބޮޑެތި އަދަބު ދިނުމަކީ އަދި އަދަބު ދެވޭ މީހުންގެ ތަފާސް ހިސާބު އިތުރު ކުރުމަކީ އިސްލާމީ ޝަރީޢާ ބާރުއަޅާ ކަމެއްނޫނެވެ. އަދި ޢިލްމުވެރިން މިމައުޟޫޢުގައި ބަލައި ދިރާސާކޮށް ހޭލާ ތިބުމަކީ މުހިއްމުކަމެއްކަމަށް މިދިރާސާ ދެކެއެވެ. އެއީ ސެކިއުލާ ވިސްނުންތަކުން މިފަދަ ޙައްސާސީ މައްސަލަތަކަށް ގޮތް ނިންމުމަށް ފުރުޞަރު ނުދިނުމަށެވެ.

ނަސްލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ޝަރީޢަތުގެ އެންމެމަތީ މަޤްޞަދުތަކުގެތެރެއިން މަޤްޞަދެކެވެ. އަދި އެއީ ޝަރުޢު އެކަމަށް ބާރުއަޅުއްވާ ކަމެކެވެ. މިގޮތުން ނަސަބު ސާބިތުކުރުމުގައި އޮތް އެންމެ ބާރުގަދަ ވަސީލަތަކީ ތަންމައްޗަށް ނަސަބު ސާބިތުކުރުމެވެ. ޞައްޙަ ކައިވެންޏެއްގެ މަތީގައި ތިނބި ދެމީހެއްގެ ދަރިއަކާމެދު ނަފީކުރުމަށް ކުރީ ޒަނާނުއްސުރެ ބޭނުންކުރަމުން އަންނަނީ ޝަރުޢުގައި އެކަމަށް ކަނޑައަޅުއްވާފައިވާ ލިޢާނުކުރުމުގެ ވަސީލަތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ ۙ إِنَّهُ لَمِنَ الصَّادِقِينَ) 24:6 މާނައީ:" އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ." އެހެންކަމުން ނަސަބު ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ހަމައެކަނި ޑީއެންއޭ ބޭނުންކުރުމަކީ ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ދާއިރާއިން ބޭރުވެ ހުއްދަ ނުދޭ ކަމެއްގެ ތެރެއަށް ވަދެގަތުމެވެ.

ނަމަވެސް 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ކުވައިތުގައި އޮތް އިސްލާމިކް އޮގަނައިޒޭޝަން ފޯ މެޑިކަލް ސައިންސަސް (އައިއޯއެމްއެސް) ގެ ކޮންފަރެންސްގައި މިކަމާއިބެހޭ ދެ ރައުޔެއް ހުށަހެޅުނެވެ. ފުރަތަމަ އަރުޔަކީ؛ ލިޢާނުގެ ބަދަލުގައި ޑީއެންއޭ ޓެސްޓް ހަދައިގެން ނަސަބު ސާބިތުކުރެވިދާނެ ކަމަށް ދެކޭ ރައުޔެވެ. މިގޮތަށް ދަލީލް ދައްކާ ބޭފުޅުންގެ ނަޒަރުގައި ޑީއެންއޭ އަކީ ކަންކަން ސާބިތުކޮށްދޭ ޤަޠުޤީ ޤަރީނާއެކެވެ. މީހުންގެ ހެކިބަހާއި އިޢްތިރާފް ފަދައިން އެއަށް ޢަމަލުކުރަންޖެހޭ އެއްޗެކެވެ. ލިޢާންގެ އާޔަތްތަކުގައި ބަޔާންވެގެންވާ "ޝަހާދާ" އާދެ! ހެކިބަސް، މީހުންގެ ހެކިބަހަށް އެކަނި ޤައިދުކޮށްގެން ނުވާނެއެވެ. އަދި ކިއެއްތަ! ޑީއެންއޭގެ ވަސީލަތް ބޭނުންކުރެވިދާނެއެވެ. އަދި މިދެންނެވި ލިޢާނުގެ އާޔަތްތުންވެސް އެފަރާތް އަމިއްލަ ނަފުސު ފިޔަވައި ހެކިދޭނެ ފަރާތްތެއް ނެތް ޙާލަތްތަކުގައި ލިޢާން ކުރަންޖެހެނީކަން ދަލީލް ކޮށްދެއެވެ. އަދި ލިޢާން ކުރަނީ ކަނޑައެޅިގެން ވަކި ގޮތަކަށް ނަސަބު ކަނޑަނޭޅޭ ޙާލަތުގައިކަމަށް ވާތީ، ޑީއެންއޭ އިން މިޒަމާނުގައި އިތުބާރާއެކު ކަނޑައެޅިދާނެތީ އެވަސީލަތް ބޭނުންކުރުމުން، ޝަރުޢުގެ މަޤްޞަދުތައް ޙާޞިލްކުރުމަށް މަގުފަހިވެގެންދެއެވެ.

ދެވަނަ ރައުޔުގެ ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޑީއެންއޭ އަކީ ހަރުދަނާ ޤަރީނާއެކެވެ. ކަންކަން ސާބިތުކޮށްދޭ ޤަޠުޢީ ހުއްޖަތެއް ނޫނެވެ. ނުވަތަ ދަލީލެއް ނުވަތަ ހެއްކެއް ނޫނެވެ. އެހެންކަމުން ލިޢާނުގެ މައްސަލަތަކާއި ނަސަބު ސާބިތުކުރުމުގެ މައްސަލަތަކުގެ ތެރެއަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގެ މައްޗަށް ޑީއެންއޭ މަތި ނުކުރެވޭނެއެވެ. އެއީ ޑީއެންއޭ ގައި ކުށާއި، ޝައްކާއި ވަހުމުގެ އިޙްތިމާލުތައް އެކުލެވިގެންވާތީއެވެ. އަދި ޝަރުޢުގައި ކަނޑައަޅުއްވާފައިވާ މަޤްޞަދުތަކާއި ޒާތީ ޢާއިލީ ކަންކަން ސިއްރު ކުރެއްވުމާއި، ރައްކާތެރި ކުރުމުގެ މަޤްޞަދުތައް ޑީއެންއޭގެ ސަބަބުން ގެއްލިގެންދާނެކަމަށްޓަކައެވެ.
ކުރިންވެސް ބަޔާންކުރެވުނު ފަދައިން މިދެންނެވި ރައުޔުތަކަށް ބަލައި މެދުމިނުގެ އައުޔެއް ޑރ. ޔޫސުފުލްޤަރުޟާވީ ވަނީ ދެއްވާފައެވެ. ލިޢާނުގެ މައްސަލައިގައި ޑީއެންއޭ ބޭނުންކުރުން ހުއްދަވާނެއެވެ. އެހެނީ އެއީ، އަންހެންމީހާ އެކަމަށް އެދޭ ޙާލަތުގައެވެ. މިގޮތުން އެކަނބުލޭގެ ޢިއްފަތްތެރިކަން މިކަމުން ސާބިތުވުމާއެކު ފިރިމީހާގެ ޝައްކު ފިލައިދާނެތީއެވެ. އަދި ހަމައެއާއެކު ނަސަބު ސާބިތުވުމާއެކު، ކުއްޖާގެ ޙައްޤުތަކާއި ޢާއިލީ ހައްޤުތައް ޙިމާޔަތް ކުރެވޭނެތީއެވެ. ނަމަވެސް މިރައުޔުގައިވެސް ޑީއެންއޭ ގެ ވަސީލަތުން ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ މައްސަލަތައް ސާބިތު ނުކުރެވޭނެކަމަށް ވިދާޅުވެފައިވެއެވެ.

ފިޤުހު ޢިލްމުވެރިންގެ ރައުޔުތަކާއި، ޤައުމުތަކުގެ ފަހުގެ ޤާނޫނުތަކަށް ބަލާއިރު ރައުޔުތަކާއި ޤާނޫނާއި ދެމެދު އަރާރުން ވެއެވެ. އެހެންވެ އަދިވެސް މުސްލިމް ގިނަ ގައުމުތަކުގައި ނަސަބު ސާބިތުކުރުމާއި ނަފީކުރުމުގެ މައްސަލަތަކުގައި ބޭނުންކުރަނީ ޒަމާނުއްސުރެ ބޭނުންކުރަމުން އައި ހެއްކެވެ. ނަމަވެސް މިމައްސަލަތަކުގައި ބައެއް ޤައުމުތަކުން ޤާނޫނީ އޮނިގަނޑުގެ ތެރެއިން ބަދަލުތައް ގެނެވިފައިވެއެވެ. މިސާލަކަށް؛ ތޫނުސް (ޓިއުނީޝިއާ) މިއީ، ޑީއެންއޭގެ ޒަރީޢާއިން ކައިވެނިންބޭރުން ލިބޭ ކުދިންގެ ނަސަބު ސާބިތުކުރާ ފުރަތަމަ ޤައުމެވެ. މިގޮތުން ނަސަބު ސާބިތުވެ، ބައްޕަގެނަން ދަރިއަށް ނިސްބަތްވީނަމަވެސް މުދަލެއް ވާރުތަ ނުވެއެވެ. ކުއްޖާގެ މަންމައަށް ފައިސާގެ އެހީއަށް ބައްޕަގެ ފަރާތުން އެދެވެއެެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މިޤާނޫނުގެ ހެޔޮ އަސަރު އެޤައުމުން ފެނެއެވެ.
ކައިވެނިންބޭރުން ލިބޭ ކުދިންގެ ނަސަބު ޑީއެންއޭ އިން ސާބިތުކުރާ ދެވަނަ ޤައުމަކީ މަޣުރިބު (މޮރޮކޯ) އެވެ. މިކަމުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް އެޤައުމުގައި 2004 ގައި ވަނީ ފާސްކޮށް ޢަމަލުކުރަން ފަށާފައެވެ. ނަމަވެސް މިޤައުމުގައި ޑީއެންއޭ ވަސީލަތް ބޭނުންކުރަނީ އެހެނިހެން ވަސީލަތްތަކުން ނަސަބު ސާބިތު ނުވާ ޙާލަތްތަކުގައި، ފަނޑިޔާރުގެ އިޚްތިޔާރުގެ ތެރެއިންނެވެ. ކުރިން ފާހަނގަކުރެވުނު ފަދައިން މީގެ އިތުރުން އަލްޖަޒާއިރު (އަލްޖީރިއާ) ގައިވެސް ޑީއެންއޭގެ ޒަރީޢާއިން ކައިވެނިން ބޭރުންލިބޭ ދަރިންގެ ނަސަބު ސާބިތުކުރެއެވެ.

އިސްލާމް ދީނުގެ މަޤްޞަދުތަކާއި އަސާސްތައް ސާބިތުވެ އޮތްކަމުގައިވިޔަސް، އެ ޝަރީޢަތަކީ އިޖްތިހާދުގެ ޒަރީޢާއިން ޒަމާންތަކާއި، ޙާލަތާއި، ތަނަށް ރިޢާޔަތްކޮށް އަލަށް އުފެދޭ މައްސަލަތަކަށް ޙައްލު ހޯދައިދޭ ޝަރީޢަތެކެވެ. އާޢިލީ ކަންކަމުގައި މިވަގުތު ޢަމަލުކުރެވޭ ބައެއް އުޞޫލުތަކަށް ބަދަލުގެނައުމުގައި އިހުގަޔާއި ފަހުގެ ސާބިތުކުރުމުގެ ވަސީލަތްތަކަށް ރިޢާޔަތްކޮށް މުޅި މުޖްތަމަޢަށާއި، ޢާއިލީ މަޞްލަޙަތައްޓަކައި ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް ގެނައުން މުހިއްމެވެ.

އިމާމުންނާއި، ފިޤްހު އިލްމުވެރިންގެ ރައުޔުތަކާއި ރަސޫލާގެ ޒަމާނުގެ މިސާލުތަކަށް ބަލާއިރު ޒަމާނީ ހެކީގެ ވަސީލަތްތައް އިސްލާމީ ޤަޟާއީ ނިޒާމުގެ އިޖްރާއަތްތަކުގެ ތެރޭގައި ބޭނުންކުރެވިފައިވެއެވެ. ހެކީގެ އިހުގަޔާއި ފަހުގެ ވަސީލަތްތަކާއި އުޞޫލުތަކަށްބަލާއިރު، ފޮރެންސިކް ހެއްކަކީ ކަންކަން ސާބިތުކުރުމުގެ ޤަޠުޢީ ޙުއްޖިއްޔަތެއްކަމަށް ބުނުމުގެ ބަދަލުގައި އެއީ ހަރުދަނާ ޤަރީނާއެއްކަމަށް ބޮޑަށް ބުރަވެވެއެވެ. ޙައްދުގެ ކުށްތައް ސާބިތުކުރުމަށް ބަރު ބުރަ މިންގަނޑެއް ޝަރުޢުން ލައްވާފައިވަނީ އެކަން ސާބިތުވުމުގެ ނަތީޖާވެސް ބުރަވެފައި ބޮޑުވަތީއެވެ. ޒިނޭގެ ޙާލަތުގައި ރަޖަމުގެ ޙައްދު އޮވެއެވެ. މިފަދަ ކުށްތަކުގައި އިސްލާމީ ޝަރީޢާ ބޮޑަށް ބާރުއަޅުއްވަނީ ފޮރުވުމާއި ސިއްރުކުރުމާއެކު ﷲ އަށް އެކަންް ދޫކޮށްލުމަށެވެ. އެއްވެސް ޙާލެއްގައި މީގެ މާނައަކީ، ޒަމާނީ ހެކީގެ ވަސީލަތްތަކުގައި ނުހިފުމަށް ބާރުއެޅުމެއްނޫނެވެ. އަދި ކިއެއްތަ! ޑީއެންއޭ ފަދަ ފޮރެންސިކް ހެކިން ކުށްތައް ސާބިތުކުރުމަށް ހަރުދަނާ އުޞޫލު ކަނޑައަޅަންވީއެވެ. ޑީއެންއޭގެ ޒަރީޢާއިން ޙައްދުތައް ކަނޑައެޅިފައިވާ ކުށްތައް ސާބިތުނުވިނަމަވެސް ނަސަބު ސާބިތުކުރުމާއި ނަފީ ކުރުމާއި، ތަޢުޒީރީ އަދަބު ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމާއި، ޚާއްޞަކޮށް ޖިނާއީ ބޮޑެތި ކުށްތައް ސާބިތުކުރުމަށް ބޭނުންކުރަންވީއެވެ. ޑީއެންއޭ އަކީ ހަރުދަނާ ޤަރީނާއެއްކަމުން ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގައި ކައިވެނިން ބޭރުން ލިބޭ ދަރިންގެ ނަސަބު ޑީއެންއޭ އިން ސާބިތުނުވާނެއެވެ. ކައިވެނީގެ ޙާލަތުގައި ދަރި ނަފީކުރުމަށް ބޭނުންކުރަނީ ލިޢާނެވެ. ނަމަވެސް މަދު ޢިލްމުވެރިންގެ ނަޒަރުގައި ޝަރީޢަތުގެ މަޤްޞަދުތަކާއި، އަސާސްތަކަށް ރިޢާޔަތްކޮށް މުޖްތަމަޢުގެ މަޞްލަޙަތާއި، ޢާއިލީ ދުޅަހެޔޮކަމާއި، ކުއްޖާގެ ޙައްޤުގައި ނަސަބު ސާބިތުކުރުމަކީ ޟަރޫރަތެކެވެ. އެހެންކަމުން ޤާނޫނުތައް ތަޤްނީން (ކޮޑިފައި) ކޮށް، ނަސަބު ސާބިތުކުރުމުގެ އާ އުޞޫލުތައް ކަނޑައަޅަންޖެހޭނެ ކަމަށް ދެކެމެވެ. ނަމަވެސް އެފަދަ ޤާނޫނުތައް ހަދަންޖެހޭނީ ނަސަބުގެ މައްސަލަތަކާއި، ޙައްދުގެ މައްސަލަތައް ތިލަފަތް ހަމަވާނެ އުޞޫލުންނެވެ. "އިޖްތިހާދު" ގެ އަހުލިއްޔަތު ލިބިފައިވާ ޚަބީރުންނާއި، ޢިލްމުވެރިންނާއި، ކަމުގެ އަހުލުވެރިންގެ ލަފާގެމަތިން ޑީއެންއޭ ބޭނުންކުރުމުގައި ފިޤްހު އެކަޑަމީތަކުން ވަޞިއްޔަތްކުރާ މިންގަނޑުތައް ފުރިހަމަކޮށްގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް