ޗޮކްލެޓް ކްރަޝް 41

ޗޮކްލެޓް ކްރަޝް

"ހަޔާތަކީ ވަރަށް ކުރު ދަތުރެކެވެ. ނަފްރަތާއި ހަސަދަވެރިކަމާއި ދެބައޮޑުވާއި ފިތުނަ ފަސާދަފަދަ ނުބައި އަމަލުތަކުގައި ހަޔާތް ބޭކާރުނުކޮށް ހެޔޮ އަމަލުތައް ގިނަކުރާށެވެ."

***

"އައިމް ސޮރީ ކަޒްޔާ..އަހަންނަށް ކަޒްޔާގެ ރުހުން ނެތި މިތަނަށް ގެނެވުނީ. އަމިއްލަ އެދުން ބޮޑުކަމުން އަހަންނަށް ކަޒްޔާ ވަރަށް ހާލުގައި ޖެއްސިއްޖެ. އަހަންނަށް މާފުކޮށްދޭތި....."

"އަހަރެެން ރާއްޖެ ދާއިރަށް ޖަލަށް ނުލާނެތަ؟"

"ކީއްވެ ކަޒްޔާ ލާންވީ؟ އަހަރެން ކަޒްޔާއަށް އޮޅުވާލައިގެން މިތަނަށް ގެނައީ. ޔޫ އާ އިނޮސެންޓް. ކަޒްޔާއަށް ސަލާމަތުން މާލެ ދެވޭނެ އިންޝާﷲ. ތިއީ ނޯއާގެ ހައްގެއް. އަހަންނަށް މާ ފަހުން އެކަން ޔަގީންކުރެވުނީ. ހިތެއްގައި ލައްވާފައިވާ ލޯތްބަކީ ފޭރިގަނެވޭނެ އެއްޗެއްނޫން. ކަޒްޔާގް ހިތުގައި ނޯއާއަށްޓަކާ ވާ ލޯބި ރޭގަނޑު ނިދަން އޮވެ ކުރާ ޝަކުވާއިންވެސް އެނގުނު..އަހަރެން ނެތިން މާލެ ދާކަށް. ކަޒްޔާ ބުނާފަދައިން އަހަންނަށް އޮންނާނީ ޖަލުގެ ހަތަރުފާރު. އެއީ ބޭނުންވާގޮތެއް ނޫން. ސަބަބަކީ އަހަރެންގެ ފިކުރު އޮތީ މިތާގައި. ރާއްޖޭގައެއްނޫން. ކަޒްޔާއަށް ޕާކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިން. އަހަރެންގެ މީހުން މިތާ ގިނަވާނެ. އެމީހުން ކަޒްޔާ ސަލާމަތުން އިސްލާމް އާބާދުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގެންގޮސްދޭނެ.." އަމަންގެ ވާހަކަތައް އަހަން އިންއިރު ކަޒްޔާގެ ހިތަށް ތަފާތު އަސަރެއް ކުރުވިއެވެ.

ހަގީގަތުގައި އަމަންވެސް އޭނަދެކެ ލޯބިވިއެވެ. ނަމަވެސް އޭރުވެސް ކަޒްޔާއަކީ މީހެއްގެ އަންބެކެވެ. އަމަން އެކަމަށް ގަދަރުކުރިއެވެ. ކަޒްޔާގެ ޅަ އުމުރުގައި ކުރެވުނު ކައިވެނިވެސް އޭނަ ދީނީ ނަޒަރަކުން ގަބޫލުކުރިއެވެ.

"އަހަރެން މާފުކޮށްފިން އަމަން.އެކަމަކު ނޯއާ...އޭނަ ހުންނާނެތަ؟"

"އޭނަ ނެތިއްޔާ ދެން އެހެން ދިރިއުޅުމެއް ހޯދާ. އަހަރެންގެ ހިތް ބުނަނީ ނޯއާވެސް ލޯބިވާނެއޭ.."

"ވަޓް އެބައުޓް ޔޫ އަމަން...."

"އަހަރެންގެ ނިންމުން ބުނެފީމެއްނު. އަހަރެން ދިރިއުޅުން އާބާދުކުރާނީ އަފްގާނިސްތާނުގައި. ރާއްޖެދާކަށް ބޭނުމެއްނޫން. އަހަރެންގެ މަންމަމެން ދެކެން ބޭނުމިއްޔާ ހުރިތަނަކަށް އަންނާނެ. ހުރިހާކަމެއް ދާނީ ރަގަޅަށް އިންޝާﷲ. އެކަމަކު ރާއްޖެދާކަށް ޚިޔާލެއްނުކުރަން.............." ކަޒްޔާއަށް އަމަންގެ ވާހަކަތަކުން އެނގުނީ އޭނަގެ ފިކުރެވެ.

އަމަންއަކީ އިސްލާމިކް ސްޓޭޓް ޚުރަސާނަށް ނިސްބަތްވާ ޒުވާނެކެވެ. ހިތާމައަކީ އެއީ ތާލިބާނުންގެ ދުޝްމަނުންކަމެވެ. އެހާ ފަސޭހަކޮށް އެތާގައި އަމަންއަށް ދިރިއުޅެވޭނެހެއްޔެވެ؟ ކިތަންމެ ސުވާލެއް ކަޒްޔާގެ ހިތުގައި އުފެދުނެވެ. ނަމަވެސް އަމަންގެ ފިކުރުގެ ސަބަބުން ރާއްޖޭގައިވެސް އޭނައަށް ޖާގައެއްނެތް ކަން އެނގުނެވެ. އަފްގާނިސްތާނުގައިވެސް އެމީހުންނަށް ދަތިވެ ދިރިއުޅެން އުދަގޫއިރު އަމުދުން ރާއްޖޭގައި އަމަންމެންނަށް އުޅެވޭނީ ކިހިނެެއްހެއްޔެވެ؟ އަމަން ބުނިފަދައިން އޭނައަށް ފަސޭހައިން ފިލައިގެން އުޅެވޭނީ އަފްގާނިސްތާނުގެ ފަރުބަދަތަކުގެ ހިޔަލުގައެވެ. މާތްﷲއާއި ވަކީލެވެ. އިންސާނުންގެ ފިކުރަކީ ތަފާތު އެއްޗެކެވެ. ބައެއްމީހުން ބުނާނީ ސިކުނޑި ދޮވެލަނީ ކަމުގައެވެ. ސިކުނޑިއަށް ބާރުފޯރުވި މަގުދައްކާ ހުރިހާ އެއްޗަކީ އެމީހެއްގެ އަގީދާއެވެ. ގުރުއާނާއި ސުންނަތަށް އަމަލުކުރުމުން އެއީ ތެދުމަގެވެ. ހިދާޔަތް ލިބުނީއެވެ.

"ޑޯންޓް ކިލް ޕީޕަލް. ސުއިސައިޑް ނުވާތި.ބީ އެ ގުޑް މުސްލިމް. މުސްލިމުންނަކީ އެއް ބަޔެއް. އެއް އުއްމަތެއް. ތަފާތު ނަން ކިޔާ ޖަމާއަތްތައް ހަދައިގެން އެކި ޖަމާއަތްތައް ދުޝްމިނުންނަށްވެ ހަގުރާމަކުރާތީ މުސްލިމުންގެ އަދުއްވުންނަށް ކާމިޔާބުވަނީ..ފޮލޯ ގުރުއާން އެންޑް ސުންނަތް......."ކަޒްޔާ އެދުނެވެ.

އަމަން ބޯ ޖަހައިލިއެވެ.

ކަޒްޔާމެން އެގެއިން ނިކުންނަން ހިނގައިގަތްއިރު ގޭތެރޭގެ ކޮޓަރިއަކުން ބޯ ދިއްކޮށްލި ނިކަން ރީތި ފެހި ނޫލޮލެއްގެ ވެރި އަންހެންކުއްޖަކު ލަދުރަކިގޮތަކަށް އަމަންއާއި ހިނިތުންވުމެއް ބަދަލުކޮށްލިތަން ފެނުނެވެ. ކަޒްޔާއާއިވެސް އެކުއްޖާ ހީލައިފިއެވެ. ކަޒްޔާއަށް އެވަގުތު ކޮންމެވެސް އެއްޗެއް ވިސްނުނެވެ. އެއީ އަމަންއާއި ގުޅުމެއް އޮތް އަންހެންކުއްޖެއްކަމަށް ވެދާނެއެވެ. އަމަންގެ ދީނީ ޚިޔާލު ކޮންމެ ގޮތަކަށް ހުއްޓަސް އޭނަވެސް ހަޔާތަށް ބައިވެރިޔަކު ބޭނުންވާނެއެވެ. އަފްގާނިސްނާތުގެ އެފަދަ ރީތި އަންހެންކުއްޖަކު އަމަންގެ ހަޔާތަށް އައުމަށް ކަޒްޔާ ހިތާހިތުން ދުޢާކުރިއެވެ. އޭނަ އަމަންއަށް ބާއްޖަވެރި ހަޔާތަކަށް އެދުމުން އަމަން ދިއްކޮށްލީ އޭނަ ކަޒްޔާ ވަރިކުރުމުގެ ލިޔުމެވެ. ރާއްޖޭ ކޯޓުގައި ކުރެވުނު ކައިވެންޏަކަށްވީމަ އެމީހުންނަށް މި ލިޔުން މުހިއްމުވާނެއެވެ. އޭރުން ނޯއާއާއި ކަޒްޔާއަށް ގާނޫނީގޮތުން ކައިވެނިކުރެވޭނެއެވެ.

***

ކާބުލްއިން ޕާކިސްތާނަށް ކުރި ދަތުރުވެސް ފަސޭހައެއްނޫނެވެ. ނަމަވެސް އެފަދަ ދިރިއުޅުމަށް ހޭނިފައިވާތީއާއި "ކެތްތެރިކަން" ހަޔާތުގެ ކޮންމެ ދަތިކަމަކުން އަރައިގަތުމުގައި އޭނަގެ ބައިވެރިއަކަށްވިއެވެ. މޫނު ފޮރުވައިގެން ތިބި އަންހެނުންނާއެކު ދަތުރުކުރި ފިރިހެނުންގެ ފަރާތުން ކަޒްޔާއަށް ފެނުނީ ހިތްހެޔޮކަމާއި އެހީތެރިކަމެވެ. ނުނިޔަތަކުން ބަލައިލާނީވެސް ކިހިނެއްހެއްޔެވެ؟ ފޮރުވިގެން ތިބި އަންހެންކުދިންނެވެ. އިސްލާމްއާބާދުގައި ހުންނަ އެމްބަސީއަށް ދެވުމުން ކަޒްޔާ ﷲއަށް ހަމްދާއި ޝުކުކުރިއެވެ.

***

"އަލްހަމްދުލިﷲ. މިއޮތް ޚަބަރެއް ބަލައިލަބަލަ. ކަޒްޔާމެން ޖަލުން ދޫކޮށް މިހާރު ވީ އިސްލާމްއާބާދު އެމްބަސީގަޔޯ. ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރެޔޭ. ހިތަށްވެސް ނާރާ ގޮތެއްނު މިވީ....." އަޒާލިއާ ނޯއާއަށް ގޮވާފައި ގެނެސް ދިން ޚަބަރަކުން އޭނައަށްވެސް އަނގަމަތީގައި އަތް އަޅައިލެވިއްޖެއެވެ. ކުއްލިއަކަށް ފޯނު ދަމައިގެންފިއެވެ.

"ސީރިޔަސްކޮށްނޭ. އަޅުގަނޑު ދޮގުނަހަދާނެކަން ބްރަދާއަށް ރަގަޅަށް އެނގޭނެ.."

"ވަޓް އެބައުޓް އަމަން؟" ނޯއާއަށް ހިތާހިތުން ސުވާލުކޮށްލެވުނެވެ. ޚަބަރު ނިމުނުއިރުވެސް އެކަމެއް އޮޅުން ނުފިލިއެވެ. ތަފްސީލު އަންނަނީކަމުގައި އޮތުމުން އަދި ޚަބަރު ފުރިހަމަނުވާކަން އެނގުނެވެ.

"މީހެއްގެ އަންބެކޭ..." އަޒާލިއާ ހަނދާންކޮށްދިނެވެ." އެންޑް ޔޫ އާ ފިއާންސޭ އޮފް ނައިނާ........."

***

ހޫނު ޚަބަރުކަމުގައިވެ އެ ޚަބަރު ހުރިހާ ނޫސްތަކުގެ އެންމެ ކުރިން ޖާގަހޯދިއެވެ. ހައިރާންވިކަމަކީ ކަޒްޔާ އެނބުރި އައުމެވެ. އަމަންގެ ޚަބަރެއް އަދި ނުވާކަމަށާއި އަމަންވީ އަފްގާނިސްތާނުގައި ކަމަށް ކަޒްޔާ އާއި ހަވާލާދީ އެމްބަސީއިން އެންގިއެވެ. ނޯއާގެ ހިތުގެ ތެޅުން ހާސްގުނަ އިތުރުވެ މޭގައި އަތްއަޅާލަން ޖެހުނެވެ. ތާލިބާނުންނަށް ވެރިކަން ލިބުނީތީ ﷲއަށް ހަމްދުކުރިއެވެ. އޭނަ ކަޒްޔާ ސަލާމަތްކުރަން ކުރި މަސައްކަތް ދެނެވޮޑިގެންވަނީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. ނާކާމިޔާބުގެ ހިތިކަމާއެކު އެނބުރި އައުމަށްފަހުވެސް އޭނަ ދުޢާކުރުން ހުއްޓައެއްނުލިއެވެ.

ނައިނާއާއި ކައިވެނިކުރަން ހަމަޖެހުނުއިރު އޭނައާއި ކަޒްޔާގެ ގުޅުން ކިޔާދިނެވެ. އޭނަގެ ހިތުން އަންހެންކުއްޖަކަށް ޖާގައެއް ދެވުނުކަމަށް ވަންޏާ އެއީ ކަޒްޔާކަމުގައިވެސް ބުނެލިއެވެ. ނައިނާއާއި ކައިވެނިކުރަނީ މަންމަމެންނަށްޓަކައެވެ. އާދިރިއުޅުމެއް ފަށަން ޖެހޭނެކަމަށް އޭނައަށްވެސް ގަބޫލުކުރެވޭތީއެވެ.

***

އިސްލާމިކް ބޮޑު ޗެރިޓީ އިވެންޓެއް އެދުވަސްކޮޅު ބޭއްވުނެވެ. ކޮމިޓީ މެމްބަރަކަށްވާތީ އަޒާލިއާވެސް ބައިވެރިވިއެވެ.މިލިއަނުން ފަންޑުކުރިމީހާވެސް އެ އިވެންޓުގައި ބައިވެރިވާނެކަން އެނގުނެވެ. އެންމެންވެސް ތިބީ އެމީހަކު ދެކޭހިތުންނެވެ. އަޒާލިއާ ކުއްޖަކާއި ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް ދެނެފަރިތަ އަޑެއް ކަންފަތުގައި ޖެހުނެވެ. އެއަޑަށް އޭނަ ދަމައިގަތީ ފަރުބަދައެއްގެ ތިރިއަށް ދެމެމުންދާ ފެންތައް ފަދައިންނެވެ. ހިތްވެސް ރޭހެއް ޖެހިފަދައެވެ. އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރީ ޒޭވިއާއެވެ. ކުރީގެ ޒޭވިއާއެވެ. ނަމަވެސް ހެދުން އަޅައިގެން ހުރިގޮތް ތަފާތެވެ. ހުދުކުލައިގެ ކުރުތާއެއްލައިގެން ތުނބުޅިމަތިމަސް ބަހައްޓާފައިހުރިއިރު ކުރިއަށްވުރެވެސް ހިތްގައިމުގޮތެއް ހުއްޓެވެ. ލޮލުން ފެންނަ ހަރުކަށިކަން ގޮސް އެދެލޮލުން އޭނައަށް ފެނުނީ "ސޮފްޓް"ކަމެވެ. ކުރީގެ އެހުންނަ ނުސިޔާނު ކަން ކެނޑި ހުރިހާ ސިފަތައްވެސް މަޑުވެފައިވާ ފަދައިންނެވެ.

އެލޮލުން މިފަހަރު ފެނުނީ ކުލުނާއި އެހެން ޖަޒުބާތެކެވެ. އެ ނަޒަރުން ޒޭވިއާ އޭނައަށް އެބެލީ ފުރަތަމަ ފަހަރަށެވެ.

އަޒާލިއާއަކީވެސް ބައެއް އަންހެންކުދިން ފަދައިން އެހާބޮޑަށް ފިރިހެނުންނާއި އަޅައިގެން އުޅޭ ޒާތުގެ ކުއްޖެއް ނޫނެވެ. ހަގީގަތުގައި އޭނަގެ ހިތުގައި ކުޑައިރުއްސުރެ ފިރިހެނަކަށް އެފަދަ ލޯތްބެއް ނުވަތަ ތަފާތު ނަޒަރަކުން ދެކުނިއްޔާ އެމީހަކީ ޒޭވިއާއެވެ. އޭނަގެ ތެދުވެރި ލޯތްބަކީ ޒޭވިއާއެވެ. ނަމަވެސް އޭނަ ޒޭވިއާ ދޫކޮށް ދިޔަ ސަބަބަކީ ޒޭވިއާއަށްވުރެ ދީނީ ލޯބި ހިތުގައި ގަދަވެގަތުމެވެ. ހުރިހާ ކަމެއް ﷲގެ ޕްލޭނަށް އިތުބާރުކުރެވުމުން މާޔޫސްކަމުގެ ތެރެއަށް ނުވެއްޓި އެންމެ ލޯބިވާމީހާއާއި ދުރަށް ދާނެ ހިތްވަރުވެސް ހުންނާނެއެވެ.

"އަނެއްކާވެސް މިދިމާވީ...." ޒޭވިއާ ބުނެލިއެވެ.

"ފަހަރެއްގައި ގޯޑް ޕްލޭންޑް އިޓް ދެޓް ވޭ. ޑެސްޓިންޑް ޓު ބީ ޓުގެދާ ރިޓެން ޓުގެދާ ފްރޮމް ސްޓާޓް.ފެނުމާއެކު ހުރިހާ ފީލިންގްސްތައް ކުރިއެކޭ ތަފާތެއްނެތް. އިންސާނުންގެ ހިތަކީ އަޖައިބެއްފަދަ އެއްޗެއް. އެކަމަކު އުފާވެސްވޭ. އެންމެ ލޯބިވާ މީހާ އޭރު ދޫކޮށްލީވެސް މާތްﷲއަށްޓަކާ...މިހާރު ހީވާގޮތުން ބޮޑުދައިތަގެ ދުޢާ އިޖާބަކުރައްވާ ޒޭވިއާއަށް ހިދާޔަތް ދެއްވައިފި........." އަޒާލިއާ ހިތަށް އެތައް ޖުމްލައެއް އަރާ ފޭބީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ސިކުނޑީގައި ލިޔެވުނު ޖުމްލަތަކެއް ފަދައިން އޭނަގެ ހިތުގައި ޒޭވިއާއަށްޓަކާ ހަމަ ކުރީގެ އިހުސާސްތައް ފަނޑުނުވެ އޮތްކަން އެނގިއްޖެއެވެ. ލޯތްބާއި އިހުސާސްތަކަކީ އެހާ ފަސޭހައިން ކެނޑިގެން ދާނެ އެއްޗެއް ނޫނެވެ.

"މިތަނުން ފެނުނީމަ ވަރަށް އަޖައިބުވެއްޖެ.."އަޒާލިއާގެ ކޯތާފަތަށް ރަތްކުލަ ފާއްދާލައިފިއެވެ.

"ކިހިނެއް އަޒާލިއާ؟ ހުރިހާކަމެއް ރަގަޅުތަ؟"

"އަލްހަމްދުލިﷲ..."

ދެމީހުންނަށްވެސް ދައްކާނެ ވާހަކައެއް ނޭގިގެން އުޅުނުފަދައިން ހިމޭންކަމާއެކު ތިބެވުނެވެ. ޒޭވިއާގެ ކުލުނުން ފުރިފައިވާ ނަޒަރު އެންމެ ކުރިން ހުއްޓުނު ސިކުންތުކޮޅަށްފަހު އޭނަވެސް ވާހަކަދެއްކީ ދުރަށް ބަލަން ހުރެއެވެ. ދެބެންގެ ދެދަރިވިޔަސް ބެލުން ތިރިިކުރަން ދަސްކުރީކަން ނޭގެއެވެ.

"ހޫމް....ސޯ. ކޮބާ ތިގޭގައި އުޅޭ ގޯސްޓްމެއިޑް؟"ކުއްލިއަކަށް އަޒާލިއާ ހީލާފައި ސުވާލުކޮށްލިއެވެ.

"ގޯސްޓް...." ޒޭވިއާއަށް އެއްވެސް އެއްޗެއް ނުވިސްނުނުފަދައެވެ. ބުމަ އަރުވައިލުމަށްފަހު ކުއްލިއަކަށް ހަނދާންވެގެން ހޭންފެށިއެވެ."އޯ....އޭނަދޯ. އަޒާލިއާ ބުނީ ތެދެއް. އޭނަގެ އިންޓެންޝަންއަކަށް ވީ އަހަރެންގެ ހަޔާތަށް އައި ކޮންމެ ކުއްޖެއް ދުނިޔެއިން ވަކިކޮށްލުން. ހަގީގަތުގައި އަހަރެން ދާލިއާ މަރައިލީއެއްނޫން. މިބުނީ. އެއީ އެކްސިޑެންޓެއް. ރަލުގެ ސަބަބުން ހިނގި ހާދިސާއެއް. ބޮއިގެން ހުރެ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ލިބުނު ނުބައި ފިލާވަޅެއް. އަހަރެން އަބަދުވެސް އަމިއްލަ ނަފުސަށް ބްލޭމްކުރިއިރު ސަބަބު ދެނެގަންނާކަށް ނޭގުނު. ހަގީގީ ނުބަޔަކީ ރާކަމެއް ނޭގުނު. އެވާހަކައެއް ނޫން. ރިވެންޖް ނަގަންވެގެން ގޯސްޓް މެއިޑްއަކަށް ހުރި ކުއްޖަކީ ދާލިއާގެ ސިސް ޝާލީ..."

އަޒާލިއާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

ޒޭވިއާ އެކަން ފަޅާ އެރިގޮތް ކިޔާދިންއިރު ދެމީހުންނަށް ވާހަކަދެއްކުނީ ހީކުރިވަރަށް ވުރެ ގާތްކޮށެވެ. ދެނެ ފަރިތަ އެކުވެރިންހެންނެވެ. އެދޭތެރޭގައި އެއްވެސް ކަހަލަ ގަނޑުފެނުގެ އަސަރެއް ނެތެވެ.

"ސޯ......ވައި އާ ޔޫ ހިއާ؟" އަޒާލިއާ ދެވަނަފަހަރަށް ސުވާލުކުރިއެވެ.

"ޗެނެލްއެއް ލޯންޗުކުރަން...."

"އަލްހަމްދުލިﷲ. އިސްލާމިކް ޗެނެލްއެއް ލޯންޗުކުރަން ޒޭވިއާ؟ އެކަމަކު ބުނީމަ ގަބޫލުކޮށްފިން. މާތްﷲ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި..."

އެރޭ އަޒާލިއާއަށް މިލިއަނުން ފަންޑުކުރީ ޒޭވިއާކަން އެނގުމުންވެސް ހައިރާންކަމެއްލިބުނެވެ. ޒޭވިއާ ހަމައެހާ ބޮޑަށް ބަދަލުވީހެއްޔެވެ؟ އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ ނޫރު ލިބި އާޚިރަތް ބާއްޖަވެރިވުމަކީ މާތްﷲ އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތެވެ. ޒޭވިއާ ލޯންޗުކުރުމަށްފަހު ބުނެލީ ދެތިން ޖުމްލައެކެވެ. މާތްﷲއަށް ހުރިހާ ހަމްދާއި ޝުކުރު ދެންނެވުމަށްފަހު ހަޔާތުގެ މަގުސަދަކީ ދީނަށް ޚިދުމަތްކުރުން ކަމުގައި ބުނެލިއެވެ.

މިފަދަ މަސައްކަތެއް ފެށުމާއި ހިދާޔަތް ލިބުމުގެ ސަބަބަކަށްވީ އޭނަގެ ހަޔާތަށް އައި ޚާއްސަ މީހެއްކަމަށް ބުނެލިއިރު އަޒާލިއާއާއި ފަޅި ސިކުންތުކޮޅަކަށް ނަޒަރު ބައްދަލުވިއެވެ. އަޒާލިއާގެ ލޯ ކަރުނައިން ވިދައިލިއެވެ. އެވަގުތު އަޒާލިއާއަށް އޭނަގެ މުސްތަގުބަލް ޒެވިއާގެ ލޮލުން ފެނުނެވެ. ދުނިޔެއަށް ސިއްރުން އޭނައަށް ފޯރުކޮށްދިން މެސެޖް އަޒާލިއާގެ ހިތުގައި ބީހިލައިފިއެވެ. ދުވަހަކު ޒޭވިއާއާއި ނުގުޅުން ނިންމި ހިތްވެސް މީހެއްގެ އަމަލުން ބަދަލުވެދާނެކަން އެނގުނެވެ.

***

އަރްކާން ގެ އެދުމަށް އިހުތިރާމް ކުރަން އަނާ ނިންމީ ވަރަށް ވިސްނާފައެވެ. ޔަހުޔާގެ ގާތިލަށް މާފުދިނުމާއިމެދުވެސް އޭރު ޚިޔާލު ހިތުތެރޭ އެނބުރެން ފެށިއެވެ. ތައުބާވުމުން ހެއްދެވި ފަރާތުންވެސް ފާފަ ފުއްސަވާދެއްވައެވެ. އަރްކާންގެ މޫނަށް ބަލައިލާފައިވެސް ކުރިއާއި ތަފާތު ނޫރެއް މޫނުން ފެނުނުކަމުގައި އަނާގެ ހިތް ގަބޫލުކުރިއެވެ. އެހެންވެ ޔަގީންކުރަން ދަރިފުޅު ގޮވައިގެން އަރްކާންއާއި ބައްދަލުކުރަން އައީއެވެ. އަރްކާންގެ ހުންނަ މިޒާޖުގެ ސަބަބުންނާއި ތަންކޮޅެއް މަޑުމައިތިރިކަމަށް ފެންނާތީ އޭނަ ނުރުހޭކަމެއް ކޮށްލާނެއޭ ހިތަށްވެސް ނޭރީއެވެ. ތިން މީހުން ބައްދަލުކުރީވެސް ޗޮކްލެޓްވައިބްސްގައެވެ.

އަރްކާން ވަކިން އޯޑަރުކުރަން އަނާ އެދުނެވެ.

"ހާދަ ސްޓަބްންއޭ އަނާ. އަހަރެމެންގެ މާޒީވެސް އެއްކޮށް ހަނދާން ނައްތައިލީތަ؟ ރިމެމްބަރ ދޯސް ޑޭސް....."

"ސްޓޮޕް އިޓް އަރްކާން.." އަނާ ބުމަ ކައިރިކޮށްލިއެވެ. ދޭތެރެއިން ފާޑަކަށް ޒުވާބުކޮށްކޮށް ތިބެ އެމީހަކު ގެނައި އެއްޗެއް ކައި ނިންމާލުމަށްފަހު ފޮނި އެއްޗަށް އިންސާފުކުރަން ފެށިއެވެ.

އަރްކާން ޔާސީންގެ މޫނަށް ބަލަހައްޓައިގެން އިނީ ކުލުނުން ފުރިގެންވާ ނަޒަރަކުންނެވެ." ހީއިޒް އެ ކާބަން ކޮޕީ އޮފް މީ. އެންމެ ކުރިންވެސް ހިތަށް އެރި ފެމިލިއާ ފޭސްއެކޭ އަހަންނަށް އޭރު ނުވިސްނުނީ ކީއްވެތަ؟ ޔާސީން. ދަރިފުޅާ. މިއީ ދަރިފުޅުގެ ބައްޕައޭ. މަންމަ ނުބުނޭތަ އެވާހަކަ؟" ކުއްލިއަކަށް އަރްކާން ޔާސީންގެ ކުޑަ ދެއަތްތިލަ އަތުގެ ތެރެއަށް ލިއެވެ. އަދި މޫނުގައި އެއަތް ގެނެސް ޖެއްސިއެވެ.

"އަރްކާން....."އަނައަށް ކޮޅަށް ތެދުވެވިއްޖެއެވެ.

"ޑޭޑް އޭ؟ އެކަމަކު މައި ޑޭޑް އިޒް ގޯން ޓު ބަރްޒަޚު...." ޔާސީން ލޯ ބޮޑުކޮށްލިއެވެ.

"އަނާ ދޮގުނަހަދާ ޔާސީންއަށް ބުނެދީ. ތިހާ ދީންވެރިއިރު ނަސްލު އޮޅުވައިލުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގޭތަ؟ ބައްޕައަކީ ކޮންމެފަދަ މީހަކަށްވިޔަސް ދަރިންނަށް އެނގެންވާނެ. ދަރިންނަށް އޮޅުވައިލުމުގެ މާނައެއްނެތް. ޔާސީންއަށް ބައްޕަގެ ހަގީގަތް ކިޔައިދީ. އޭރުން ޔާސީން ގަބޫލުކުރާނެ...."އަރްކާން ޔާސީންގެ އަތަށް ފިތައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު