ހޮޅުދޫން ފެނުނު ބޮލިވަޅާއެކު ހަނދާންތައް 100 އަހަރު ފަހަތަށް!

ހޮޅުދޫ އޭޓީއެމް ކުރިމަތިން ފެނުނު ބޮލިވަޅު -- ފޮޓޯ / މީސްމީޑިއާ

ނ.ހޮޅުދޫން އިއްޔެގެ ވަގުތެއްގައި ފެނުނު ބޮލިވަޅާއެކު މީގެ ގަރުނެއް ކުރީގެ ހަނދާންތައް އެ ރަށުގެ ރައްޔިތުންނަށް އާވެއްޖެއެވެ. ގިނަ ރައްޔިތުން އެ ހަނދާން ނުވި ކަމުގައި ވިޔަސް، އިސް ރަށްވެހިންގެ ވާހަކަތަކުން ގިނަ މީހުންނަށް އެ ހަނދާންތައް ތަސްވީރު ކުރެވިއްޖެއެެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް ރިލްވާން މުހައްމަދު "ސަން"އަށް ވިދާޅުވީ އެއީ ކަރަންޓު ކޭބަލްތައް އެޅުމަށް މަގު ކޮނުމުގެ ތެރޭގައި ފެނުނު ބޮލިވަޅެއް ކަަމަށެވެެ.

އެ ބޮލިވަޅާ ބެހޭގޮތުން އެ ރަށުގެ ފޭސްބުކް ޕޭޖަކުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއްގައި އެ ރަށުގެ އިސްރަށްވެހިން ވަނި ބޮލިވަޅާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އެ ރަށުގެ ގިނަ އިސްރަށްވެެހިން ބުނާ ގޮތުގައި އެ ބޮލިވަޅަކީ މިހާރު ގަރުނަކަށްވުރެ (100 އަހަރު) ގިނަ ދުވަސް ވެފައިވާ ބޮލިވަޅެކެވެ. އަދި އެ ބޮލިވަޅަކީ ރައްޔިތުންގެ ބޮލިވަޅެއް ކަމަށާއި އެ ބޮލިވަޅު ފެނުނީ ކުރީގެ ކާޑުގެ ކުރިމަތިން ކަމުގައި އިސްރަށްވެހިން ބުނެއެވެ.

ބޮލިވަޅު ތެރެއިން ފެނުނު ރުނބައެއްގައި ތާރީހެއް ޖަހައިފައި، އެހެން ނަމަވެސް އެ ތާރީހު ސާފެއް ނުވޭ -- ފޮޓޯ -- މީސްމީޑީއާ

"ކީއްކުރަން ކަމެއް ނޭނގޭ. އޭރުގެ މުދާ އެއީ ފައިސާ އެއީ. އަޅުގަނޑުމެން ހަނދާން ހުންނައިރު އޭރު ފައިސާއަށް ބޭނުން ކުރާ އެއްޗެއް އެއީ." ހޮޅުދޫގެ ދުވަސްވީ މީހަކު ކިޔައިދިނެވެ.

ހޮޅުދޫގެ ދުވަސްވީ އެހެން މީހަކު ބުނި ގޮތުގައި ކުރީ ޒަމާނުގައި މާލެއަށް ވިއްކަން ވެސް ބޮލި ގެންދެއެވެ. އަދި ބޭރު ގައުމުތަކަށް ވެސް ބޮލި ފޮނުވާ ކަމުގައި އޭނާ ކިޔައިދިނެވެ.

އެ މީހުން ކިޔައިދިން ގޮތުގައި ފަރުމަތިން ބޮލި ނަގައިގެން، އޭގެ ކުނި ފިލުވުމަށްފަހު ކުރީގައި ވަޅުލައެވެ. އެއީ ބައެއް މީހުން ރައްކާކުރުމަށް ކުރާ ކަމެކެވެ.

ކައުންސިލްގެ ރައީސް ރިލްވާން ވިދާޅުވީ އެ ބޮލިތައް އަނެއްކާ ވެސް އެ ވަޅަށް އަޅައި ވަޅުލައިފައިވާ ކަމަށެވެ. އަދި ބައެެއް ބެލެނިވެރީން ކޮތަޅުކޮތަޅުގައި ބޮލި ގެންދިޔަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފުރަތަމަ ބޮލިތައް ނެގިއިރު ވަރަށް ފުސްކޮށް ހުރީ، އެކަމަކު ފަހުން ދޮވެލީމަ ވަރަށް ރީތިކޮށް ހުންނަނީ" ރިލްވާނު ވިދާޅުވިއެވެ.

ހޮޅުދޫއިން ފެނުނު ބޮލިވަޅު -- ފޮޓޯ/ މީސްމީޑީއާ

ހޮޅުދޫން ފެނިފައިވަނީ އެވޭލާ ޒަމާނުގައި ދިވެހީން ފައިސާގެ ގޮތުގައި ބޭނުން ކުރި ބާވަތުގެ މަނީކައުރީ (ސިޕްރިއާ މޮނެޓާ) ބޮއްޔެވެ.

ތާރީހީ ފަށްފުތްތަކުން ދިވެހި ބޮއްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ލިބެން އެބަހުއްޓެވެ. އެގޮތުން މީލާދީ ސަނަތުގެ ކުރިން ވެސް މެދުއިރުމައްޗާއި އެތެރެވަރީގައި އަދި ސީނުކަރައިގައި ވެސް މަނީކައުރީ ގެންގުޅެފައިވާކަން އެނގެއެވެ.

ރާއްޖެއަށް މީލާދީ ސަނަތުން 17ވަނަ ގަރުނުގައި ޒިޔާރާތް ކުރި ފަރަންސޭސި ސައްޔާހެއް ކަމަށްވާ ޕިރާޑު ޑިލަވާލު އޭނާގެ ސަފަރުނާމާގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެއިން ކޮންމެ އަހަރަކު 40 ނައު ބޮލި ބޭރު ކުރެއެވެ.

ނިމިދިޔަ 2020ވަނަ އަހަރު އެ އަތޮޅު މާފަރުން ވެސް ވަނީ ބޮލިވަޅެއް ފެނިފައެވެ. އެ ރަށުން ފެނުނު ބޮލިވަޅަކީ ދެކުނު ފަރާތު ވަލުތެރޭގައި ދިއްގާ ގަހެއްގެ ދަށުން ގަހެއް އިންދުމަށްޓަކައި ކަޅު ފަސް ނަގަމުން ދަނިކޮށް ފެނުނު ބޮޮލިވަޅެކެވެ. އެ ބޮލިވަޅު ފެނުނީ މާފަރުގެ އެންމެ ދުވަސްވީ އާސާރުތައް ފެނިފައިވާ ހިސާބުން ކަމަށްވާތީ އެއީ މާފަރުގެ އެވޭލާ ރަށްވެހިންގެ ބޮލިވަޅެއް ކަމަށް ބެލެވެއެވެ. 1960ވަނަ އަހަރު ބޭއްވި ދިވެހިރާއްޖޭގެ ފުރަތަމަ ބޮލިހިލުމުގެ މުބާރާތުން ނ. އަތޮޅުން އެންމެ ގިނަ ބޮލި ހިލައިގެން އެއްވަނަ ލިބިފައިވަނީ މާފަރަށެވެ.

comment ކޮމެންޓް