ބޮން ގޮއްވާލި ކަމަށް އަދުހަމް ކޯޓުގައި އެއްބަސްވެއްޖެ

އަދުހަމް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޭ ހައެއް ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި އެއްބަސްވެއްޖެއެވެ.

ދައުލަތުން ވަނީ އަދުހަމާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެގޮތުން ހަތަރު ދައުވާއަކަށް އޭނާ ވަނީ އެއްބަސްވެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އަދުހަމް ވަނީ އޭނާ ދައުލަތާއެކު އެއްބަސްވުން ހެދީ އެއްވެސް މަޖުބޫރުކަމެއް ނެތި ކަމަށް ބުނެފައެވެ.

ކޯޓުގައި އަދުހަމް ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފްވެފައެވެ.

އަދުހަމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާއާއި ޓެރަރިޒަމް ގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާގެ އިތުރުން ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި އެއްޗެއް ބެނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދުހަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ނީލޯފަރު ހިނގުމުގެ ކުރިމަތީގައި ހުންނަ އަތަމާ ޕެލަސް ތެރޭ ހުރެ ބޮން ގޮއްވަން ރިމޯޓަށް ފިއްތިކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ. އަދުހަމް ހައްޔަރު ކުރީ މިދިޔަ މެއި ނުވަ ވަނަ ދުވަހު ފަތިސް ގަޑީގައި، ހުޅުމާލެއިންނެވެ.

މީގެ ކުރިން ފުލުހުން ވަނީ، އައިއީޑީ ގޮއްވާލި ވަގުތު އަދި އޭގެ ކުޑަ ވަގުތުކޮޅެެއްގެ ކުރިން އަދުހަމްގެ ހަރަކާތްތައް ހުރި ގޮތާއި، އެ ހާދިސާގެ ފަހުން އޭނާގެ ހަރަކާތްތައް ހުރިގޮތް ފެންނަ ސީސީޓީވީ ފޫޓޭޖު އާންމުކޮށްފައެވެ.

އެ ފުޓެޖުން، އައިއީޑީ ގޮއްވާލުމުގެ ކުރިން އަދުހަމް އަތަމާ ޕެލަސް ތެރޭ ފޯނުން ވާހަކަ ދައްކަން ހުންނަތަން ފެނެއެވެ. އޭނާ ހުންނަނީ ފައިވާން ބާލައި، ފާރުގައި ފައި ޖައްސައިގެންނެވެ. އެތަނުން ނެގި ފުޓް ޕްރިންޓާއި، އަދުހަމް ހައްޔަރުކުރުމަށް ފަހު ނެގި ފޫޓްޕްރިންޓް ދިމާވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް