ހިޔާނާތުގެ ފައިސާގައި ރައީސް ސޯލިހު ޖެހިވަޑައިނުގަންނަވާނެ: ބޮންޑެ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ރައީސް ސޯލިހުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަދައްކަވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި މީގެ ކުރިން ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވައިލެއްވި ބޮންޑޭ، މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާނެ ކަންކަމާއި ނުކުރައްވާނެ ކަންކަން އެނގިލައްވާ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ހިޔާނާތުގެ ފައިސާ ކަޅު ދަބަހެއްގައި ގެންދެވި ކަމަށް ދެކެވޭ ވާހަކައަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށާއި މީގެ ކުރިން އެ ކަޅު ދަބަސް އެންދެރިމާގޭ ތެރެއިން ނެރުނު ވާހަކައެއް ވެސް ދައްކާފައިވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ވާހަކައަކީ އިތުބާރު ހިފޭ ވާހަކައެއް ނޫން ކަމަށް ބޮންޑެ ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަދި އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ކުރާނެ ކަންތަކާ ނުކުރާނެ ކަންތަކާ ހުންނާނެ އެމަނިކުފާނު. އަނެއްކާ އެ ވާހަކަ ދެއްކި ބޭފުޅާ އަކީ ކުރިން އެހެން ގޮތަކަށް ވާހަކަ ދެއްކެވި ބޭފުޅެއް. މިހާރު އެހެން ގޮތަކަށް ވާހަކަ ދައްކަވަނީ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންގެ މެދުގައި ރައީސް ސޯލިހާ ބެހޭ ގޮތުން ޝައްކު އުފެއްދުމަށް ކަމަށެވެ.

ރައީސް ސޯލިހު ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. އެގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ތުހުމަތު ކުރެއްވީ، ރެހެންދި ފްލެޓްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި އެޕާޓްމެންޓުން ކަޅު ދަބަހެއްގައި ރައީސް ސޯލިހު، 35 މިލިއަނަށްވުރެ ގިނަ ފައިސާ ގެންދެވި ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް ސޯލިހު މި ވާހަކަތައް ދޮގުކުރައްވައިވާއިރު، އަލީ ވަހީދުގެ ވާހަކަތަކަކީ އަސާސެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި ހެކި ހުރިނަމަ ހާމަކުރުމަށް ސަރުކާރުން ވަނީ ގޮވާލައިފައިއެވެ.

comment ކޮމެންޓް