އިންޑިއާއިން އަނެއްކާވެސް ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރަން ފަށަނީ

ފޮޓޯ-- އަލްޖަޒީރާ

އިންޑިއާއިން އަންނަ މަހު އަލުން ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރަން ފަށާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު މަންސުކް މަންޑަވިޔާ ވިދާޅުވެއްޖެއެވެ.

މަންޑަވިޔާ ވިދާޅުވީ އިންޑިއާއިން އަލުން ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރަން ފަށާ އިރު އެންމެ ބޮޑު އިސްކަމެއް ދޭނީ އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން އެކްސްޕޯޓު ކުރަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުގައިއެވެ. ނަމަވެސް އޭޕްރިލް މަހު އެގައުމުގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް އިތުރުވުމުން، އެގައުމުގައި ދިރިއުޅޭ ވީހާވެސް ގިނަ ބަޔަކަށް ވެކްސިން ޖެހުމަށްޓަކައި ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލީއެވެ.

މަންޑަވިޔާ ވިދާޅުވީ އިންޑިއާއިން ކޮވިޑް ވެކްސިން އުފައްދާ މިންވަރު މިހާރު ތިން ގުނައަށް އިތުރުކޮށްފައިވާ ކަމަށާއި އަންނަ މަހު 300 މިލިއަން ޑޯޒް ތައްޔާރު ކުރެވޭނެ ކަމަށެވެ.

އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން ހުއްޓާލުމުގެ ކުރިން އެގައުމުން ވަނީ 100 ގައުމަކަށް 66 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދީފައެވެ.

އިންޑިއާއިން ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، އެގައުމުގެ 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ޖަހައި ނިންމާލުމަށް އަޒުމު ކަނޑައަޅާފައެވެ.

އެގޮތުން މިހާތަނަށް އެގައުމުން ވަނީ 18 އަހަރުން މަތީގެ 64 ޕަސަންޓު މީހުންނަށް ފުރަތަމަ ޑޯޒު ޖަހައިފައިއެވެ. އަދި 22 ޕަސަންޓު މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

އިންޑިއާއިން މިހާތަނަށް 33.48 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ. އަދި އެގައުމުން ބަލީގައި 445,133 މީހަކު މަރުވެފައިވެއެވެ.

comment ކޮމެންޓް