ސިޔާސީ މަންފާއަށް މީހުން ފްރޭމް ކުރުން މި ސަރުކާރުން ހުއްޓުވައިފި: ސަލީމް

މެންބަރު ސަލީމް -- ފޮޓޯ/ މަޖިލިސް

ސިޔާސީ މަންފާ ހާސިލް ކުރުމަށް، ތަހުގީގީ އިދާރާތަކުގެ ބޭނުން ކޮށްގެން ހެކި އުފައްދައިގެން މީހުން ފްރޭމްކުރުމުގެ ސަގާފަތް މި ސަރުކާރުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ މި ބިލު ފާސްވެ، ގާނޫނަކަށް ބަދަލުވުމުން އިންޓެލިޖެންސް ރިޕޯޓު އުފައްދައި އިދިކޮޅު ލީޑަރުން ހިފައި ހައްޔަރުކުރުން ހުއްޓުވޭނެކަމަށެވެ.

ހަމައެހެންމެ ބޭނުން ކޮންމެ މީހަކަށް ދައުވާކޮށް، ޖަލަށް ލުމުގެ ސަގާފަތާއި އިންޓެލިޖެންސު ރިޕޯޓުން ނޫސްވެރިން ޖަލަށް ޖަަލަށް ލައި އަނިޔާކުރުން ވެސް ނިމުމަކަށް އަންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ސިޔާސީ އެކިއެކި މަންފާތަކަށް، ދައުލަތުގެ ތަހުގީގީ އިދާރާތައް ބޭނުންކޮށްގެން ހެކި އުފައްދާ ކޯޓަށް ހުށަހަޅާ، ކޯޓުން އެކަންތަކުގެ މައްޗަށް ބަލައި ހުކުމްކުރުމުގެ ސަގާފަތް ނިމޭނެ. މި ސަރުކާރުން އެ ސަގާފަތް މިހާރު ވެސް ނައްތާލައިފި. މިހާރު އަޅުގަނޑުމެން މި ކުރާ ކަމަކީ މި ސަގާފަތް އަނބުރާ އިއާދަވިޔަ ނުދިނުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުން" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މި ބިލަކީ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ.

"އެހެންވީމާ ހެޔޮ ވެރިކަން ކުރަން ބޭނުންވާ ފަރާތަކަށް، ޑިމޮކްރެޓިކް މަގުން ރާއްޖޭގެ ވެރިކަން ހިންގަން ބޭނުންވާ ފަރާތަކަށް މިކަން ކުރާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. މިހާތަނަށް މިކަން ނުކޮށް އޮތް ސަބަބަކީ ހުދުމުހުތާރު ވެރިކަން ރާއްޖޭގައި ޑިމޮކްރެޓިކް ނަމުގައި ހިންގަމުން ގެންދިއުން" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވަނީ މި ބިލަކީ ސަރުކާރުން ވެފައިވާ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ވައުދު ފުއްދަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހެއްކާ ބެހޭ އައު ބިލު މަޖިލީހަށް ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީއެވެ.

އެ ބިލުގައި، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވާ ހާލަތުގައި ހެކި ހުށަހެޅުމެއް ނެތި އެކަން ސާބިތު ވާނެ ކަމާއި، އެގޮތަށް ސާބިތު ވާނެ ކަންތައްތަކަކީ ކޮބައިކަން ތަފްސީލު ކޮށްފައި ވެއެވެ.

މީގެ އިތުރުން ހެކީގެ ދަރަޖަތައް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދިނުމުގެ ގާބިލުކަން ހުރި މީހުންނަކީ ކޮބައިކަމާއި ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައްވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް