ސުޕްރީމު ކޯޓުގެ އަންހެން ފަނޑިޔާރުންގެ ހައްގުގައި އީވާ ނިކުންނަވައިފި

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ--

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ސުޕްރީމު ކޯޓުގެ އަންހެން ފަނޑިޔާރުންނާ ގުޅުވައިގެން ދެއްކެވި ވާހަކަތައް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުއްޓުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ތޯރިގް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ދައުލަތުންނާއި ތަހުގީގީ އިދާރާތަކުގެ އިތުރުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ވެސް ނުފޫޒު ފޯރުވަމުން އަންނަ ކަމަަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.

"ރައީސް ޔާމީންގެ ޝަރީއަތަށް ހުކުމް ކުރަން އިސްގާޒީއަށް ފްލެޓެއް ނުވަތަ ކޮންމެވެސް އެއްޗެއް ދޭ މަތިން ރައީސް ޔާމީނަށް ހުކުމްކުރީ. [ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް] އަލީ ޒާހިރު ރައީސް އޮފީހުގައި އިނދެގެން މެސެޖުކޮށްފައި މީސް މީހުންނަށް ސިއްރު މައުލޫމާތު ފޯރުކޮށްދިނީމާ ހައިކޯޓުން ރައީސް ޔާމީނަށް ހުކުމް ކުރީ. ސުޕްރީމް ކޯޓުގައި މިއަދު ދެ އަންހެން ކަނބަލުން ތިއްބަސް، ސުޕްރީމް ކޯޓު ފަނޑިޔާރުން ވިޔަސް،" ތޯރިގް ވިދާޅުވިއެވެ.

ތޯރިގްގެ ވާހަކަ މިހާ ހިސާބުން މެދުކަނޑާލައްވައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި އީވާ ވަނީ ތޯރިގްގެ ވާހަކައިގައި ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރުންގެ ވާހަކަ ވަކިން ދެއްކެވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

"ފުރުސަތު އިއްޒަތްތެރި މެންބަރަށް ލިބިވަޑައިގަންނަވާނެ. ވަކިން އަންހެން ފަނޑިޔާރުން ފާހަގަކުރައްވާ މި މައުލޫއަށް ތި ގެންދަވާ ގޮތެއް އަޅުގަނޑަކަށް ސާފެއް ނުވި،" އީވާ ވިދާޅުވިއެވެ.

އީވާ މިހެން ވިދާޅުވުމުން ތޯރިގް ވަނީ އަންހެނުންގެ ހައްގުތަކުގެ ވާހަކަތައް އަބަދުވެސް ދައްކަވާ ކަމަށް ވިދާޅުވެފައެވެ.

އީވާއަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަންކުރެއްވުމާ އެއްކޮޅަށް، އަންހެނުންގެ ހައްގުގައި މަޖިލީހުން ނިކުންނެވި އެއް މެންބަރެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ދެ އަންހެން ފަނޑިޔާރުންނަކީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

comment ކޮމެންޓް