އެމީ އެވޯޑްސް 2021ގައި އެންމެ ގިނަ އެވޯޑުތައް ނެޓްފްލިކްސްއަށް

އެމީ އެވޯޑްސް 2021ގެ ގިނަ އެވޯޑުތައް ނެޓްފްލިކްސްއިން ކާމިޔާބުކޮށްފިއެވެ.

އެމެރިކާގެ ލޮސް އޭންޖަލަސްގެ ލައިވްސް އިވެންޓް ޑެކުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޕްރައިމްޓައިމް އެމީ އެވޯޑްސްގައި ނެޓްފްލިކްސްއިން ވަނީ ވާދަވެރި އެޗްބީއޯ ފަހަތަށް ޖައްސާލުމަށްފަހު ޖުމުލަ 10 އެވޯޑު ކާމިޔާބުކޮށްފައެވެ.

ނެޓްފްލިކްސްއާއި ޖެހިގެން އެޗްބީއޯއަށް ލިބުނީ ހަ އެވޯޑެވެ. އަދި އެޕަލް ޓީވީ ޕްލަސްއަށް ހަތަރު އެވޯޑު ލިބުނުއިރު، އެޗްބީއޯ މެކްސްއަށް ލިބުނީ ތިން އެވޯޑެވެ.

ޕްރައިމްޓައިމް އެމީ އެވޯޑްސްއާއި ޕްރައިމްޓައިމް ކްރިއޭޓިވް އާޓްސް އެމީ އެވޯޑު ޝޯއިން ނެޓްފްލިކްސްއަށް ޖުމުލަ 44 އެވޯޑު ވަނީ ލިބިފައެވެ. އަދި ވާދަވެރި އެޗްބީއޯ/އެޗްބީއޯ ލިބުނީ 19 އެވޯޑެވެ.

މިއަހަރުގެ އެވޯޑުސްގައި އެންމެ ގިނަ އެވޯޑުތައް ލިބިފައިވަނީ ނެޓްފްލިކްސްގެ "ދަ ކްރައުން" އާއި "ކުއީންސް ގޭމްބިޓް" ޝޯއަށެވެ.

ދަ ކްރައުންއަށް ޕްރައިމްޓައިމް އެމީ އެވޯޑްސްގައި ހަތް އެވޯޑު އަދި ޕްރައިމްޓައިމް ކްރިއޭޓިވް އާޓްސްގެ ހަތަރު އެވޯޑު ލިބިފައިވެއެވެ. ކުއީންސް ގޭމްބިޓްއަށް ޕްރައިމްޓައިމް އެމީ އެވޯޑްސްގައި ދެ އެވޯޑު އަދި ޕްރައިމްޓައިމް ކްރިއޭޓިވް އާޓްސް އެމީ އެވޯޑްސްގައި ނުވަ އެވޯޑު ވަނީ ލިބިފައެވެ.

އެޗްބީއޯގެ ޝޯތަކުގެ ތެރެއިން އެންމެ ގިނަ އެވޯޑު ލިބުނީ "މެއާ އޮފް އީސްޓައުން" އަށެވެ.

އެމީ އެވޯޑަކީ އެމެރިކާގެ ޓީވީ ޝޯތަކަށް ހާއްސަކޮށް ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އެވޯޑު ޝޯއެކެވެ.

comment ކޮމެންޓް