ޝާހިދު ރާއްޖެ ވަޑައިގަތުމަށް ރައީސް ސޯލިހު ދައުވަތު ދެއްވައިފި

ރައީސް ސޯލިހު، އ.ދ ގެ އާންމު މަޖިލީހުގެ ރައީސާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

އެމެރިކާގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ، އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައިފިއެވެ.

ރައީސް ސޯލިހު އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންނެވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އެ ދަތުރުފުޅުގައި އިއްޔެ ރައީސް ސޯލިހާ މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވީ އ.ދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އަދި ޝާހިދު ރާއްޖެއަށް ވަޑައިގަތުމަށް ރައީސް ދައުވަތު އެރުވީ އެ ބައްދަލުވުމަގައިއެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ޝާހިދުގެ ކާމިޔާބީއަށް މަރުހަބާ ދަންނަވައި، އުންމީދީ ރިޔާސަތުގައިވާ "ފައިވް ރޭސް އޮފް ހޯޕް" ގެ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ވަނީ ޝާހިދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރުއަދާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ، އިގްތިސޯދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅުކޮށް، ވެކްސިން ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް ސޯލިހު މިރޭގެ ވަގުތެއްގައި އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވާނެއެވެ.

comment ކޮމެންޓް