ތިން ދާއިރާއަކުން ރާއްޖެއާއި ޕޯޗުގަލްގެ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޕޯޗުގަލްގެ ރައީސް މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލު ކުރައްވައިފިއެވެ.

ދެ ގައުމުގެ ރައީސުން ބައްދަލުކުރެއްވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ ބައްދަލުވުން އޮތީ އދ.ގެ މައި އިދާރާގައެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ރައީސުން ވަނީ ގިނަ ކަންތައްތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ދެ ރައީސުން ވެސް ވަނީ ދެ ގައުމުގައި ވެސް ކޮވިޑުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތް ހިއްސާ ކުރައްވާފައެވެ. އޭގެ ތެރެއިން ބަލި ކޮންޓްރޯލްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ވެކްސިން ޖެހުމުގައި ހޯދިފައިވާ ކާމިޔާބީތައް ދެ ބޭފުޅުންވެސް ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ވަނީ ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ ޕްލާސްޓިކު ކުނިން ކަނޑުތައް ސަލާމަތްކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ޕޯޗުގަލްގެ ރައީސް މާސެލޯ ރިބެލޯ ވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް ސޯލިހުއާއެކު މަޝްވަރާކުރައްވާފައެވެ.

މާސެލޯ ވިދާޅުވީ ރާއްޖެއާއި ޕޯޗުގަލަކީ ވެސް ކަނޑާ ގުޅިފައިވާ ދެ ގައުމު ކަމަށެވެ. އެހެންކަމުން މޫސުމީ ބަދަލުތަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުން ފަދަ ކަންކަމުން ދެ ގައުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެކަންކަމުން ސަލާމަތްވުމަށް މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންފުޅުވާކަން ދެ ރައީސުން ވެސް ވަނީ ހާމަ ކުރައްވާފައެވެ.

އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފާހަގަކުރައްވާފައެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާއެއްކަން ވެސް ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ޕޯޗުގަލްގެ ރައީސް މާސެލޯ ރިބެލޯ ވަނީ ރައީސް ސޯލިހަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. އަދި އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވެސް ދައުވަތު އެރުވިއެވެ. އެމަނިކުފާނު ވިދާޅުވީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ހައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ޓަކައި މިވަގުތު ރައީސް ސޯލިހުގެ ދެކަނބަލުން ހުންނެވީ އެމެރިކާގެ ނިއުޔޯކުގައެވެ.

comment ކޮމެންޓް