އަލީ ވަހީދަށް ދައުލަތް "އޮރިޔާން" ނުކުރެވުނު

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްތިއުފާ ދެއްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އަލީ ވަހީދު ވިދާޅުވަމުން އައި އެއް ވާހަކައަކީ ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ވާހަކައެވެ. ހަގީގަތް ހާމަކުރައްވާނެ ވާހަކައެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަށް ކޯޓަށް ހާޒިރު ނުކުރެވި، ޝަރުއީ ނިޒާމު އަލީ ވަހީދަށް ކުޑަކަކޫ ޖަހަމުން އައި ކަމަށް ވެސް ގިނަ ބަޔަކު އެއިރު ބުނަމުން ދިޔައެވެ. އެއާއެކު ދެން ފެންމަތިވެގެން ދިޔައީ ދައުލަތަށް އަލީ ވަހީދުގެ މައްޗަށް ކުރި ނުހޯދިގެން އުޅެނީ ދައުލަތާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ކޮމްޕްރޮމައިޒް" ވެދާނެ ފަދަ ވާހަކަތަކެއް އަލީ ވަހީދަށް އެނގިވަޑައިގެން، އެކަން ސާބިތުކުރެވޭ ފަދަ އޯޑިއޯތަކެއް އަލީ އަތުގައި ހުރުމުން ކަމަށް ދެކެވުނު ވާހަކައެކެވެ.

އެ ވާހަކަ ރައީސް ސޯލިހު ރައްޔިތުންގެ ކުރިމަތީގައި ދޮގު ކުރެއްވި ނަމަވެސް، އަލީ ވަހީދަށް އެނގިވަޑައިގަންނަނީ "ދައުލަތް އޮރިޔާން" ވާ ފަދަ ކޮން ވާހަކައެއްތޯ ބަލަން މީހުން އިންތިޒާރުކުރަމުންދިޔައެވެ.

އެ އިންތިޒާރަށް ކުޑަވެސް އުންމީދެއް ލިބިގެންދިޔައީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހު "ހަގީގަތް" ހާމަކުރައްވަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވުމުންނެވެ. ނަމަވެސް އެ "ހަގީގަތް ހާމަކުރާ" ނޫސްވެރިންގެ ބައްދަލުވުމުން ނުބޭއްވި، އޭނާ ވަޑައިގަންނަވަން ޖެހުނީ އިނގިރޭސިވިލާތުގެ ޖަލަކަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ވަގުތު ކުޑަތަން ވެފައިވަނިކޮށް އަލީ ވަހީދު ހައްޔަރުކުރުމުން ގިނަ ބަޔަކު ގަބޫލުކުރީ އެކަމަކީ ދިވެހި ދައުލަތުން ކުރި ކަމެއް ކަމަށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އަލީ ވަހީދު ހައްޔަރުކުރީ އޭނާގެ ވިސާގެ މުއްދަތު ހަމަވުމުގެ ސަބަބުންނެވެ. އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތްއިރު، ދިވެހި އިދާރާތަކަށް އެކަމުގެ ހަބަރު ރަސްމީކޮށް ލިބިފައިވަނީ ވެސް އަލީ ހައްޔަރުކުރިތާ އެތައް ދުވަހެއް ފަހުންނެވެ.

އިނގިރޭސި ޖަލެއްގެ "އަނދިރިކަމުގައި" 16 ދުވަސް ހޭދަކުރެއްވުމަށްފަހު ލެވުނު ފުރަތަމަ ނޭވާއާއެކު އަލީ ވަހީދު އަވަސް ވެގަތީ "ދައުލަތް އޮރިޔާން" ކުރުމަށެވެ.

އޮންލައިން ކޮށް ނޫސްވެރިންނާ ބައްދަލުކޮށް، ތިން ގަޑިއިރެއްހާއިރު މެދުނުކެނޑި ހިއްސާކުރެއްވީ އެ ބޭފުޅާގެ ކުށެއް ނެތް ވާހަކައެވެ. ރައީސް ސޯލިހުގެ ސަރުކާރުގެ ނާގާބިލް ވާހަކައެވެ. ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގެންނެވި ތަރައްގީގެ ފުރިހަމަކަމުގެ ވާހަކައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އިހުލާސްތެރިކަމެއް ނެތް ވާހަކައެވެ. ހައްތަހާ ވެސް މީގެ ކުރިން އެކި ޓްވީޓުތަކުން އަލީ ވަހީދު ހިއްސާކޮށްފައިވާ ވާހަކަތަކުގެ ވާހަކައެވެ. ދިވެހިން ޝައުގުވެރިވާ ފިލްމުތަކާއި ޝޯތަކުގެ ވާހަކަތައް ދެއްކެވިނަމަވެސް އަލީ ވަހީދަށް ދައުލަތް ސިހޭވަރުގެ ވާހަކައެއް ނުދެއްކެވުނެވެ.

ދައުލަތް ސިހޭފަދަ ވާހަކައެއް ނެތް؟

އަލީ ވަހީދުގެ ވާހަކަ އެންމެ ފުރަތަމަ ފެއްޓެވީ ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ހިސާބުންނެވެ. އެއިރު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރުކަން ދެއްވާނެ ކަމަށް ވިދާޅުވުމުން ކަމަށް އަލީ ވިދާޅުވިއެވެ. ނަމަވެސް އެ މަގާމު ނުލިބި، ލިބުނީ މުޅިން އައު އަދި އެއްވެސް ތަޖުރިބާއެއް ނެތް ދާއިރާއެއް ކަމަށް ވިދާޅުވެ އެކަމުގެ ޝަކުވާ ވެސް ކުރެއްވިއެވެ.

އެންމެ ރަނގަޅެވެ. އެއާއެކު ދެން ދެއްކެވީ އެއްވެސް ތަޖުރިބާއެއް ނެތި މުޅި ޓޫރިޒަމް ދާއިރާ ހިންގެވިލެއް ފުރިހަމަކަމުގެ ވާހަކައެވެ. ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ދުވަސްވަރު ކުރެއްވި ބުރަ މަސައްކަތުގެ ވާހަކައެވެ. ދައުލަތް ހިންގުން ރަނގަޅުކުރުމަށް ވެލެއްވި ގުރުބާނީތަކުގެ ވާހަކައެވެ. ކޮރަޕްޝަންތަކާ ދެކޮޅު ހެއްދެވި ވާހަކައެވެ.

އެއަށް ފަހު އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ވާހަކަ ވެސް ވަރަށް "ގަޓު" ހުރެ ދެެއްކެވިއެވެ. ޖިންސީ ގޯނާ ނުކުރާ ވާހަކައެވެ. ފްރޭމް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވި ގޮތުންނަމަ އޭނާ ފްރޭމްކޮށްފައިވަނީ ސީދާ ރައީސް އޮފީހުގެ އޯޑަރަށެވެ. އަލީ ވަހީދު ވިދާޅުވި ގޮތުގައި އޭނާ ޖިންސީ ގޯނާ ކޮށްފައިވަނީ ކޮން ބަޔަކަށް ކަން ވެސް ދައުލަތުން އޭނާއަށް ބުނެދެވިފައިނުވެއެވެ. ނަމަވެސް ޖިންސީ ގޯނާކުރި މުވައްޒަފުންގެ ތެރޭގައި ފިރިހެނުން ވެސް ހިމެނޭ ކަމަށް ތުހުމަތުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދު ފްރޭމްކުރެއްވުމަކީ ކެބިނެޓުން އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ބޭރުކުރަން ހިންގި ޖަރީމާއެއްގެ ގޮތުގައި އަލީ ސިފަކުރެއްވިއެވެ.

އަލީ ވަހީދުގެ ކުށެއް ނެތް ކަން ސާބިތުކޮށްދޭން އަލީ ވަހީދު ދެއްކެވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ނާގާބިލް ކަމުގެ ވާހަކައެވެ. އެ ބޭފުޅާގެ އިޚްލާސްތެރިކަމެއް ނެތް ވާހަކައެވެ. މުޅި ޝަރުއީ ނިޒާމު ޝަމީމުގެ މުށުތެރެއަށް ލައިގެން އުޅުއްވާ ކަމަށް އަލީ ވަހީދު ކުރިން ވެސް ދެއްކެވި ވާހަކަތައް ތަކުރާރުކުރެއްވިއެވެ.

ނަން ހާމަ ކުރައްވަން ދެކޮޅު!

އަލީ ވަހީދު ވިދާޅުވާ ގޮތުން އޭނާ މަގާމުން ދުރުކުރެވުނީ ސިޔާސީ މަންފާތަކެއް ހާސިލްކުރުމަށެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކުން ފެށިގެން މަގާމުން ވަކި ކުރެވުމާ ހަމައަށް ވެސް ގިނަ ބައެއްގެ ނުފޫޒު އޮތް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އެކަމުގައި ރައީސް ސޯލިހުގެ ކުށެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން ހާމަކުރައްވަން އަލީ ވަހީދު އިންކާރު ކުރެއްވިއެވެ.

އުކުޅަހު ބަގާވާތުގެ ވާހަކަތައް ވެސް ދެއްކެވިއެވެ. ނަމަވެސް ނަން ހާމަކުރައްވަން ދެކޮޅު ހެއްދެވިއެވެ.

ޕީޖީ ޝަމީމާއި އޭޖީ ރިފްއަތުގެ ވާހަކަތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން ބޭފުޅެއްގެ ވާހަކަ މާ ބޮޑަށް ދައްކަވާފައެއް ވެސް ނުވެއެވެ.

ހިތް ބުރަ ކަމެއް ނުބާއްވާތީ ނޫން ކަމެއް ނޭނގެއެވެ. އަލީ ވަހީދާ ދެކޮޅަށް "ރޭވުންތައް ރޭއްވެވި" އެއްވެސް ބޭފުޅެއްގެ ނަން ހާމަކުރައްވާފައެއްނުވެއެވެ. "ގަޓު" ހުރި ބޭފުޅެއް ކަން ހާމަކުރައްވަން ވެސް އަލީ ވަހީދު ބޭފުޅުންގެ ނަން ގަންނަވަން ފަސްޖެހިވަޑައިގަތެވެ.

ފިކުރު ބަދަލުވެއްޖެ، ކީއްވެ؟

އަލީ ވަހީދުގެ ނޫސްވެރިންގެ ބައްދަލުވުން ދެން ފާހަގަވި އަނެއް ކަމަކީ އަލީ ވަހީދު ރައީސް ޔާމީނަށް ކުރެއްވި ތައުރީފެވެ. އަލީ ވަހީދު ޔާމީން ސިފަ ކުރެއްވީ ދިވެހިން ބޭނުންވާ ފަދަ ދިވެހިންނަށް ތަރައްގީ ގެނެސްދިން ވެރިއެއްގެ ގޮތަށެވެ.

ރައީސް ޔާމީން ވެރިކަމުން ދުރުކުރެއްވުމަށް މަސައްކަތް ކުރެވުނީތީ މާފަށް އެދިވަޑައިގެން، ރައީސް ޔާމީން އެޅުއްވި ބްރިޖަށާއި ހިޔާ މަޝްރޫއަށް ތައުރީފް ބަންޑުން ކުރެއްވިއެވެ. މި ސަރުކާރުގެ ނާގާބިލް ކަމުގެ ވާހަކަ ތަކުރާރުކޮށް ގެންނެވިއެވެ.

ރައީސް ޔާމީނަކީ "އިސްލާމީ ދައުލަތެއްގެ ވެރިއަކަށް އައްޔަން ކުރަން ހެޔޮ" ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ބޭފުޅެއްގެ ފަރާތުން މިފަދަ ވާހަކަތަކެއް އަޑުއިވުމުން އަޖައިބެއްް ނުވެއެވެ.

"ގާނޫނު އަސާސީއާއި އިސްލާމް ދީނާ ހިލާފަށް އެތައް ވާހަކައެއް" ދައްކަވާފައިވާތީ ރައީސް ޔާމީން ހައްޔަރުކުރަން ގޮވާލެއްވި އަލީ ވަހީދު މިއަދު ގޮވާލައްވަނީ ރައީސް ޔާމީން ޖަލުން މިނިވަން ކުރެއްވުމަށެވެ. އެދުވަހު ޔާމީނަށް "މުނާފިގަށް" ގޮވި ހަނދާނެއް މިއަދު ނެތެވެ.

ދިވެހި ސިޔާސީ މައިދާނަށް ބަލާއިރު މިއީ އާ ކަމެއް ނޫނެވެ. ސިޔާސީ ފިކުރު ބަދަލުވުމާއެކު ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށް ވެގެންދެއެވެ. ހަތުރުންނަށް ސަނާ ކިޔައެވެ.

ސިޔާސީ ކަންކަން ދިރާސާކުރައްވާ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އަލީ ވަހީދު ވެސް އަމަލުކުރައްވަމުން އެ ގެންދަވަނީ ސިޔާސީ ގޮތުން އެ ބޭފުޅާއަށް މިވަގުތު ފެންނަން އޮތް އެންމެ ރަނގަޅު ގޮތެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުން ބަރީއަ ވުމަށް އަލީ ވަހީދަށް އޮތް އެންމެ ފަސޭހަ މަގަކީ އިދިކޮޅާ ގުޅުމެވެ.

އަލީ ވަހީދު ތިން ގަޑިއިރު ވަންދެން ދެއްކެވި ވާހަކަތަކުން އެއް ކަމެއް ސާފުވެއެވެ. ކިތަންމެ ދިގު އަދި ފޮނި ވާހަކަތަކެއް އަލީ ވަހީދު ދެއްކެވިނަމަވެސް ދައުލަތް ސިހޭ ވަރުގެ ވާހަކައެއް އަލީ ވަހީދަށް ދެއްކެވިފައެއް ނެތެވެ. އަލީ ވަހީދަކީ މައުސޫމް ބޭފުޅެއް ކަން ހާމަކޮށް ނުދެވުނުއިރު، ސަރުކާރު "އޮރިޔާން" ވާ ވަރުގެ ވާހަކައެއް ވެސް ނުދެެއްކެވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި ނުވެއެވެ.

އެއާއެކު އޭނާގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާގެ ތުހުމަތުގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން އޮންލައިންކޮށް ގެންދަން ފެށިއެވެ. އެހެންނަމަވެސް އެފަދަ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.

ހައިކޯޓުން އަލީ ވަހީދާ އެއްކޮޅަށް މައްސަލަ ނިންމުމުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އަދި އޭނާ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުނުވުމުން، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވެ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ.

އަލީ ވަހީދުގެ ގާނޫނީ ޓީމުން ބުނި ގޮތުގައި އޭނާ އިނގިރޭސިވިލާތުގައި މަޑު ކުރައްވަނީ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމަންދެނެވެ. އަދި އެ އޮޕަރޭޝަން ކުރުމާއި ނުކުރުމާމެދު ގޮތް ނިންމަން އޮތީ އަންނަ އާދިއްތަ ދުވަހު ކަމަށް ވަކީލުން ވަނީ މީގެ ކުރިން ބުނެފައިއެވެ.

comment ކޮމެންޓް