ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ މުސާރައިގެ ފަރަގު ނައްތާލަން ގޮވާލައިފި

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ދިވެހި ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ މުސާރައިގެ ތަފާތު ކުރުން މިހިނދުން މިހިނދަށް ނައްތާލަން ކަމާބެހޭ އެންމެހާ ފަރާތްތަކަށް، މޯލްޑިވްސް ސިވިލް ސާވަންޓްސް އެސޯސިއޭޝަން (އެމްސީއެސްއޭ)އިން ގޮވާލައިފިއެވެ.

މި ކަމަށް ގޮވާލާ، އެމްސީއެސްއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއް މަސައްކަތަކަށް އެއް އުޖޫރައެއް ލިބިދިނުމަކީ ގާނޫނު އަސާސީގެ ދެވަނަ ބާބު (އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބު) 37 ވަނަ މާއްދައިގެ (ށ) އިން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ ހަމަހަމަ ކަމާއެކު މުއާމަލާތު ކުރެވޭ ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމާއި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމާއި އެއް ހަމައަކުން ވަޒީފާގެ ކުރިއެރުން ލިބުމުގެ ހައްގު ކޮންމެ މީހަކަށްމެ، ލިބިގެންވާ ކަމަށެވެ.

އަސާސީ ހައްގު ތަކާއި މިނިވަން ކަމުގެ ބާބުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގު ތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަކީ ގާނޫނު އަސާސީގެ 18 ވަނަ މާއްދާއިން ދިވެހި ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ މައްޗަށް މަތިކޮށްފައިވާ ވާޖިބެކެވެ.

ގާނޫނުގެ ކުރިމަތީގައްޔާއި އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި އަދި ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ކަމާއެކު ލިބިދިނުމަކީ ކޮންމެ މީހެއްގެ ހައްގެއް ކަމަށް ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ސަރީހަކޮށް ބަޔާން ކޮށްފައިވެއެވެ.

ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެނާއި ވަޒީފާ ދޭ ހުރިހާ ފަރާތްތަކުން އަމަލު ކުރުން ލާޒިމް ވެގެންވާ، ވަޒީފާއާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދައިގެ (ހ) ގައި ބުނެފައިވަނީ މުވައްޒަފުންނަށް މުސާރަ ކަނޑައެޅުމުގައްޔާއި އަދި އުޖޫރަ އިތުރު ކުރުމުގައި މީހުންގެ މެދުގައި ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ގާނޫނު ތަކުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ އުސޫލު ހަމަޖެހިފައިވަނީ ފިނޭންސް މިނިސްޓްރީގެ މަޝްވަރާގެ މަތިން ކޮންމެ މުއައްސަސާއެއްގެ މުވައްޒަފުންގެ ވެސް މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ އެ މުއައްސަސާއަކުން ކަމަށެވެ.

އެމްސީއެސްއޭގެ ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ އެހެން މުއައްސަސާތަކެކޭ އެއްފަދައިން ދިވެހި ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި މުވައްޒަފުންނަށް ލިބިދޭންޖެހޭ އިނާޔަތްތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު ދިވެހި ސިވިލް ސާވިސް ގާނޫނު ހަވަނަ މާއްދާއާއި 43 ވަނަ މާއްދާއިން ސިވިލް ސާވިސް ކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ.

ނަމަވެސް ސިވިލް ސާވިސް ކޮމިޝަން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އިންތިހާ ދަރަޖައަށް ބޮޑުކޮށް، ސިވިސް ސާވިސްގެ އެހެން މުވައްޒަފުންގެ މުސާރަ ބޮޑޮކޮށްނުދީ ހިފަހައްޓާފައިވަނީ ސިވިސް ސާވިސް ކޮމިޝަންގެ އިހުމާލުން ކަމަށެވެ.

އެމްސީއެސްއޭގެ ބަޔާނުގައި ބުނަނީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން ފިޔަވައި، ދައުލަތުގެ ބަޖެޓުން މުސާރަދޭ އެހެން މުއައްސަސާ ތަކުގެ މުވައްޒަފުންނަށް އިންތިހާ ދަރަޖައިގެ ބޮޑު މުސާރަ ދެމުން އަންނަ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމީހުން މިނިވަންކަމާއި މުސްތަގިއްލު ކަމާއި ނަޒާހަތްތެރިކަން ޔަގީން ކުރުމުގެ ނަމުގައި ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ށ)ގައި މުތުލަގުކޮށް ކަށަވަރު ކޮށްދީފައިވާ ހައްގުތަކުން ދިވެހި ސިވިސް ސާވިސްގެ މުވައްޒަފުން ވަނީ މަހްރޫމް ކޮށްފައި ކަމަށެވެ.

ވީމާ ގަނޫނު އަސާސީ އާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނުގައިވާ އެ މާއްދާ ތަކުގައި ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި ހަމަހަމަކަން ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ކިބައިން ނިގުޅައިގަނެފައިވާތީއާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިކަމުގައި އިހްމާލް ވެފައިވާތީ މިކަން ވަރަށް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ވެސް އެމްސީއެސްއޭގެ ބަޔާނުގައި ވެއެވެ.

އެމްސީއެސްއޭ އިން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވަނީ ދިވެހި ދައުލަތުގެ މުވައްޒަފުންގެ މެދުގައި ގެންގުޅޭ މުސާރައިގެ ތަފާތުކުރުން މިހިނދުން މިހިނދަށް ނައްތާލުމަށާއި ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ އެއް މަސައްކަތަކަށް އެއް އުޖޫރައެއް ހޯދައިދިނުމަށް، ސިވިލް ސާވިސް ކޮމިޝަނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ރައީސުލްޖުމްހޫރިއްޔާއަށާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާ ތަކަށް ގޮވާލާ ކަމަށެވެ.

ސިވިލް ސާވަންޓުންގެ މުސާރައާއި އިނާޔަތްތަކަށް އެދެވޭ ބަދަލެއް ގެނެސްފައި ނުވާތީ އާއި މިނިމަމް ވޭޖު އަވަސްކޮށްދިނުމަށް ގޮވާލައި ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަނީ ހިމޭން އިހުތިޖާޖަކަށް ނުކުމެފައެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި، މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް