ދުވަސް ފެށުމަށް ހޫނު ފެންތައްޓަކާއެކު ދޮންކެޔޮ ވަރެއް ނެތް!

ހޫނު ފެންތައްޓެއް އަދި ދޮންކެޔޮ

ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ނާސްތާކަމަށް ޑޮކްޓަރުން އެއްބަސްވެލައްވަ އެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ ހެނދުނު ހޭލުމަށްފަހު އެއްވެސް އެއްޗެއް ކާން ބޭނުންވާ ބައެއް ނޫނެވެ.

އެހެންނަމަވެސް، ކޮންމެ ދުވަހަކު ހޭލުމަށްފަހު ބޭނުންކުރަން އެންމެ ރަނގަޅު އަދި ހަށިގަނޑަށް ފައިދާހުރި އެއްޗަކީ ހޫނު ފެންތައްޓަކާ ދޮންކެޔޮ ވަކެކެވެ. ހެނދުނުގެ ނާސްތާއަށްފަހު ވެސް ހޫނު ފެންތައްޓެއް ބުއިމަަށްފަހު ދޮންކެޔޮއެއް ކެއުމަށް ސިއްހީ މާހިރުން ބުނެއެވެ.

ހަމައެހެންމެ، ސިއްހީ މާހިރުން ބުނާގޮތުގައި، ކޮންމެ ދުވަހެއް ފަށަންވާނީ ހަށިގަނޑަށް ފައިދާހުރި އެއްޗެއް ގޮހޮރަށް ލުމަށްފަހު އެވެ. ސަބަބަކީ، ގައިގައި ވަރުޖެހި ވަރުބަލިކަން އިހުސާސް ނުވެ މަސައްކަތުގެ މައިދާނުގައި ފަސޭހަ ކަމާއެކު މަސައްކަތް ކުރެވޭނެ އެވެ.

ބައެއް ދިވެހިންނަކީ ކޮންމެ ދުވަހަކު ހޭލާގޮތަށް ކޮފީ ބޭނުންވާނެ މީހުންނެވެ. އެހެންނަމަވެސް، ކޮފީއަށްވުރެ ދޮންކެޔޮ މާ ގިނަ ގޮތް ގޮތުން ހަށިގަނޑަށް ކުރާ ފައިދާ ގިނަ އެވެ. ތާޒާކަން ލިބި ވިޓަމިނާއި މިނަރެލްސް އިން ހަށިިގަނޑު އިތުރަށް ދުޅަހެޔޮ ކޮށްދެ އެވެ.

އިންސާނާގެ މުޅި ދުވަހުގެ މޫޑު ބިނާވަނީ އޭނާ ހެނދުނު ހޭލުމަށްފަހު ކާ އެންމެ ފުރަތަމަ ކާނާއިން ކަމަށް ރިސާޗްތަކުން ބުނެ އެވެ. މީގެ އިތުރުން، ހެނދުނުގެ ނާސްތާގައި ބޭނުންކުރާ ކާނާގައި އެކުލެވިގެންވާ ނިއުޓްރިއެންޓްސްގެ ބާވަތަތަކުން ބަނޑުގައި ހުންނަ ގޭސްތައް ބޭރުކޮށްދޭނެ އެވެ.

ހަމައެހެންމެ، ހެނދުނުގެ ނާސްތާ އިން ހަޖަމު ކުރުމަށް މަގުފަހި ކޮށްދީ ބަނޑަށް ލުއިކަން އިހުސާސް ކޮށްދިނުމުގެ އިތުރުން، މުޅި ދުވަހު ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިއުޓްރިއެންޓްސް ހުންނާނެ އެވެ.

ދުވަހުގެ ފެށުމަށް ހޫނު ފެންތައްޓެއް ބުއިމަށް ފަހު ދޮންކެޔޮ އެއް ކެއުމުން ބަރުދަން ލުއި ކޮށްދިނުމަށް އެހީވެދެ އެވެ. ދޮންކެޔޮއަކީ މެޓަބޮލިޒަމްގެ ސްޕީޑް އިތުރު ކޮށްދޭ އޮމެގާ 3 ފެޓީ އެސިޑްސް އެކުލެވިގެންވާ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ.

ހަމައެހެންމެ، ފިނި ފެންތައްޓަކަށްވުރެ ހޫނު ފެންތައްޓެއް ހެނދުނު ހުސް ގޮހޮރާ ހުރެ ބުއިން މާ ރަގަޅު ކަމަށް ރިސާޗްތަކުން ބުނެ އެވެ. ސަބަބަކީ، ހޫނު ފެނުގައި ހުންނާނީ އިންސާނާގެ ބޮޑީ ޓެމްޕަރޭޗާ އާ ގާތްގަޑަކަށް އެއަވަރުގެ ހޫނުމިނެކެވެ. ނަމަވެސް ފިނި ފެން ބުއިމުގެ ސަބަބުން ބަނޑަށް ތަދުވެ އުނދަގޫ ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު