ދުރުގަ ހުންނަ ބައިވެރިޔާ އާ ގުޅުން ދަމަހައްޓާނެ ގޮތް!

ދުރުގައި ހުންނަ ބައިވެރިޔާ އާ ވެސް ގުޅުން ވަރުގަދަ ކުރެވިދާނެ---

"ލޯންގް ޑިސްޓޭންސް ރިލޭޝަންޝިޕް" އަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

ލޯބިވާ މީހަކާ ގުޅުން ބާއްވަން ބޭނުންނަމަ އޭނާ ކިތަންމެ ދުރުގައި ހުއްޓަސް އެ ގުޅުން ވަރުގަދަކޮށް ދާއިމީކޮށް ބަހައްޓަން އެންމެންވެސް ބޭނުންވެއެވެ. ނަމަވެސް ގިނަ މީހުން ދެކޭގޮތުގައި ލޯންގް ޑިސްޓަންސް ގުޅުމެއް ބޭނުންވާގޮތަކަށް ކުރިއަށް ނުގެންދެވޭނެއެވެ.

މި ލިޔުމުގައި މި ހިމަނާލަނީ ދުރުގައި ހުންނަ ބައިވެރިޔާ އާ ގުޅުން ވަރުގަދަ ކުރާނެ ބައެއް އުކުޅުތަކަށެވެ.

ވާހަކަދެއްކުން

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރިކަމުގައި ވީނަމަވެސް ސޯޝަލް މީޑިއާގެ އެހީ ބޭނުންކޮށްގެން މިހާރު ވާހަކަ ދައްކާލުމަކީ މާ އުނދަގޫކަމެއް ނޫނެވެ. އެ ދުވަހެއްގައި ހިނގާ ކަންތައްތައް ބައިވެރިޔާ އަށް ކިޔައިދިނުމަށްފަހު ބައިވެރިޔާގެ ލަފާ ހޯދުމަކީ ގުޅުމެއް ވަރުގަދަވާނެ އެންމެ ބޮޑު އެއް ވަސީލަތެވެ.

ގުޅުން ދެމެހެއްޓުން

ކައިރީގައި ބައިވެރިޔާ އަބަދު ނެތްކަމުގައި ވިޔަސް ބައިވެރިޔާ ދުރުގައި ހުންނަ ވަގުތުތަކުގައި ބައިވެރިޔާ ހިތްއުފާކޮށްދޭން މަސައްކަތްކުރާށެވެ. ހަދިޔާ ބަދަލުކޮށް ބައިވެރިޔާ ހިތް އުފާވާ ފަދަ ބަސްތައް ބުނެލުމުން އެ ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެކަން ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ ކްލެއާ ބާރލީ ބުނެއެވެ.

ކޮމިޓްމެންޓް ދިނުން

އެއް ދުވަހު ހަބަރެއްވެފައި އަނެއް ތިން ދުވަހު ހަބަރެއް ނުވެ ހުރުމަކީ އެ ގުޅުން ހީނަރުވެގެންދާނެ ކަމެކެވެ. އެއްވެސް މީހަކު އަބަދު ބިޒީ އެއް ނުވާނެއެވެ. އެކުގައި އުޅެން ބޭނުންނަމަ ކޮންމެވެސް ކަހަލަ ކޮމިޓްމެންޓެއް ދިނުން މުހިއްމެވެ. ހަޔާތުގައި އަނެކާ އަކީ މުހިއްމު މީހެއްކަން ބުނެދިނުމަށްފަހު އެއާ އެއްގޮތަށް އަމަލުކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ.

މަޖާ ކުރުން

އެކީގައި ބޭރަށް ނުދެވުނު ނަމަވެސް އޮންލައިކޮށް ދެމީހުން ޒޫމް ފަދަ އެޕްލިކޭޝަނެއް މެދުވެރިކޮށް ފިލްމެއް ކަހަލަ އެއްޗެއް ބެލިދާނެއެވެ. ވީޑިއޯ ކޯލް ކުރުމާ އޮންލައިން ގޭމްސް އެކުގައި ކުޅުމުން ވެސް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަވެގެންދާނެއެވެ.

comment ކޮމެންޓް