މި ތަކެތީގައި އަތްލުމަށްފަހު ކޮންމެހެން ވެސް އަތް ދޮންނަންވާނެ!

އަތް ދޮވުން--

މިއަދު މުޅި ދުނިޔެ މިވަނީ ކޮވިޑް-19ގެ ނުރައްކަލުގެ ސަބަބުން ފޫ ނުބެދޭވަރުގެ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. މި ބަލިމަޑުކަމުގެ ޝިކާރައަކަށް އެތައް ބަޔަކު ވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ބައިވަރު ފިޔަވަޅުތަކެއް އެބަހުއްޓެވެ. އެގޮތުން ބަލިމަޑުކަން ފެށުނީއްސުރެ އަތް ދޮވުމަށް ސަމާލުކަން ދިނުމަށް ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

އަތް ދޮވުމަކީ ކޮވިޑް ފަދަ ނުރައްކާތެރި ވައިރަސްތަކުންނާއި ތަފާތު އެކި ބަލިތަކުން އިންސާނާ ސަލާމަތްކޮށްދޭނެ ކަމެކެވެ. އެހެންކަމަށްވުމާއެކު، ބައެއް އެއްޗެހީގައި އަތް ލުމަށް ފަހު ކޮންމެހެން ވެސް އަތް ދޮންނަން ޖެހޭ ބައެއް އެއްޗެހި ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ.

ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، ފައިސާ ނޫޓުގައި އަތްލުމަށްފަހު ކޮންމެހެން ވެސް އަތް ދޮންނަން ޖެހޭނެ އެވެ. ފައިސާ ނޫޓަކީ އެކަކު އަނެކަކުގެ އަތުން ދައުރުވާ އެއްޗަކަށްވުމާއެކު، ގިނަ އަދަދެއްގެ ޖަރާސީމު އެއަށް ޖަމާވެ އެވެ. އެގޮތުން، އެންމެ ގިނައިން ސަލްމޮނެއްލާ އަދި ބެކްޓީރިއާ ފެންނަނީ ފައިސާ ނޫޓުން ކަން ސައިންޓިސްޓުން ފާހަގަކުރެ އެވެ.

ހަމައެހެންމެ، ދޮރުގެ ތަޅަކީ ވެސް ގިނަ އަދަދަކަށް ޖަރާސީމު ހަރުލައިފައި ހުންނަ ތަނެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެހެންކަމުން، ދޮރުގެ ތަޅުގައި އަތްލުމަށްފަހު ކޮންމެހެން ވެސް އަތް ދޮންނަން ވާނެ އެވެ.

ބުޅަލަކީ ރާއްޖޭގެ ގިނަ ބަޔަކު ގެންގުޅެން ލޯބިކުރާ އެއްޗެކެވެ. ބުޅަލުގައި އަތްލުމަށްފަހު ކޮންމެހެން ވެސް އަތް ދޮންނަން ވާނެ އެވެ. ބުޅަލުގެ އިތުރުން ހުރިހާ ޖަނަވާރުތަކަކީ ވެސް ނުރައްކާތެރި ބަލިތައް އޭގެ ސަބަބުން އިންސާނުންނަށް ކުރިމަތި ކުރުވާ އެއްޗަކަށްވުމާއެކު ޖަނަވާރުންގެ ގައިގައި އަތްލުމަށްފަހު އަތް ދޮވުމަށް ޑޮކްޓަރުން ވެސް ބާރު އަޅަ އެވެ.

ފޯނުގެ ސްކްރީނަކީ ކިތަންމެ ކުޑަ އެއްޗަކަށްވީ ނަމަވެސް، އޭގައި ވަރަށް ގިނަ އަދަދަކަށް ހިރަފުހާއި ޖަރާސީމު ހަރުލައިފައި ހުރެ އެވެ. އެހެންކަމުން، ފޯނުގެ ސްކްރީންގައި އަތްލުމަށްފަހު އަތް ދޮވުމުގެ އިތުރުން، ފޯނުގެ ސްކްރީންވެސް ސާފު ކުރަންވާނެ އެވެ.

އެއާޕޯޓް ފަދަ ތަންތަނަކީ ދުވާލަކު އެތައް ހާސް މީހުން ވަދެ އުޅޭ ތަންތަނެވެ. އެހެންކަމުން މިފަދަ ގިނަ މީހުން އެއްވާ ތަންތަނަށް ދިއުމަށްފަހުގައި އަތް ދޮންނަން ވާނެ އެވެ.

މީގެ އިތުރުން ގަލަމުގައި ވެސް ވަރަށް ގިނަ ޖަރާސީމު ހަރުލައިފައި ހުރެ އެވެ. އަދި ރެސްޓޯރެންޓުގައި ހުންނަ މެނޫތަކަކީ ވެސް ގިނަ ބަޔަކު އަތްލާ އެއްޗަކަށް ވުމުން، މެނޫތަކުގެ ބޭނުންކުރުމަށްފަހު ކޮންމެހެން ވެސް އަތް ދޮންނަން ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު