ސިވިލް ސާވަންޓް އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ސީއެސްސީން އެދިއްޖެ

މާޗް 25، 2021: ވެލާނާގެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން"ގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެއްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން އިލްތިމާސްކޮށްފިއެވެ.

މިހާރު ސިވިލް ސާވަންޓުން ކުރަމުން ގެންދާ އިހުތިޖާޖާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ސިވިލް ސާވަންޓް އެސޯސިއޭޝަންގެ ނަމުގައި ހަރަކާތްތެރިވަނީ ޖަމިއްޔާއެއްްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ވެސް ނޫންކަމަށެވެ.

"މިގޮތުން "ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން"ގެ ނަމުގައި މީސްމީޑިއާގައި މިހާރު ހަރަކާތްތެރިިވާ ފަރާތަޖީ ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫނެވެ. އެފަދައިން ވަކި ބަޔަކު ނޭނގޭ ގޮތަށް އެ ފަދަ ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން އަމަލުނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ،" އެ ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ބުނީ މުވައްޒަފުންގެ މުސާރަައާއި އިނާޔަތްތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށްޓަކައި އެ ކޮމިޝަނުން މަސައްކަތްކުރަމުން އަންނަކަމަށެވެ. އަދި ގާނޫނީ އިމުގެ ތެރެއިން އެކަމަށް ހައްލެއް ގެނެސް އެ ކޮމިޝަނުގެ ގާނޫނީ ވާޖިބުތައް އަދާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ވެސް ސީއެސްސީން ބުންޏެވެ.

ހަމައެއާއެކު އެ ކޮމިޝަނުން ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

"ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަން"ގެ ނަމުގައި ހަރަކާތްތެރިވާ ފަރާތުން ވަނީ އިއްޔެ ހުރިހާ ސިވިލް ސާވަންޓުން ކަޅު ހެދުމުގައި މަސައްކަތަށް ނިކުމެ އިހުތިޖާޖުކުރުމަށް އެދިފައެވެ. އަދި އިއްޔެ ކަޅު ހެދުމުގައި ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއަށް ނިކުމެފައިވާއިރު މިއަދު މަސައްކަތަށް ނުނިކުމެ ހަޅުތާލުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް