ދިވެހި ތާރީޚު ހެޔޮ ގޮތުގައި ލިޔުން

އދ. ގެ 76 ވަނަ އާންމު ޖަލްސާގައި އދ. ގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ -- ފޮޓޯ// ރައީސް އޮފީސް

ދިވެހި ތާރީޚު ފޮތެއް ލިޔެވިފައި އޮތުން މުހިއްމު ކަމަށް ދެކެވަޑައިގެން އެ ކަމަށް ޓަކައި މަސައްކަތް ފެށްޓެވި ބެއިފުޅަކީ ދިވެހި ޝާހީ ޢާއިލާތަކުގެ ތެރެއިން ދިޔަމިގިލީ ޚާންދާނުގެ ފުރަތަމަ ރަދުން އައްސުލްޠާނުލް މުޡައްފަރު މުޙައްމަދު ޢިމާދުއްދީން ދެވަނަ ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1704 އާއި 1720 އާ ދެމެދުގައެވެ. އެއިރު ދިވެހިރާއްޖޭގެ ބޮޑެތި ޢިލްމުވެރީންގެ ތެރެއިން ފުންނާބު އުސް ބެއިފުޅެއް ކަމަށް ވި އަލްޤާޟީ ޙަސަން ތާޖުއްދީނަށް، ދިވެހި ތާރީޚު ލިޔުމަށް އަމުރުފުޅު ކުރެއްވެވީ އެމަނިކުފާނެވެ. އެހެންކަމުން، ދިވެހި ތާރީޚުގެ ބައްޕަގެ ލަޤަބު ޙައްޤު ވާ ބެއިފުޅަކީ އެރަދުން ކަމަށް ދެންނެވިދާނެއެވެ. މުޡައްފަރު މުޙައްމަދު ޢިމާދުއްދީނަށް ފަހު ދިވެހި ސިންގާސަނާގައި ރެދަލި ކުރެއްވި ބެއިފުޅަކީ އެ ރަދުންގެ ދޮށީ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު ދެވަނައެވެ. އެއަށްފަހު، އެ ރަދުންގެ ދެވަނަ ދަރިކަލުން އައްސުލްޠާނުލް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ތިންވަނައެވެ. އެއަށްފަހު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ދޮން ބަންޑާރައިންނެވެ. ދެން، މުޡައްފަރު މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް އިސްކަންދަރުގެ ދަރިކަލުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރެވެ. ގަދަކީރިތިވަންތަ ﷲ މި އެންމެ ބެއިފުޅުންނަށް ރަޙުމަތް ލައްވަވާށިއެވެ.

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު ނުހަނު އަނިޔާވެރިކޮށް އަދި ނުޙައްޤު ގޮތުގައި ޝަހީދު ކޮށް ކަނޑު ފެއްތުމަށް ފަހު، ދިވެހިރާއްޖޭގެ ރަސްކަމަށް އައި ޢާއިލާ އަކީ މަޝްހޫރު ހުރާގޭ ޢާއިލާއެވެ. އެ ދަރިކޮޅުގެ ފުރަތަމަ ރަދުން ކަމަށް ވާ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު ދެވަނަ ތަޚްތުގައި އިށީނދެވަޑައިގަތީ މީލާދީން 1773 ގައެވެ. މީލާދީން 1968 ގައި، ދިވެހިރާއްޖޭގެ ވިރާސީ ރަސްކަން އުވިއްޖައުމަށް ދާންދެން، ރާއްޖޭގައި ރަސްކަން ކުރެއްވީ މި ޢާއިލާގެ ބެއިފުޅުންނެވެ. މި ޢާއިލާގެ ވެރިކަމަކީ ދިވެހި ޤައުމަށް އެތައް ގޮތަކުން ދެރަ އާއި ނިކަމެތިކަން ގެނުވި ރަސްކަމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޢުޘްމާނީންގެ ތަޚްތުގައި އިންނެވި އިސްލާމީ ޚަލީފާއަށާއި އިސްލާމީ އުއްމަތަށް ޣައްދާރު ވެ، އަތިރީގޭ ދޮން އަޙްމަދު ދީދީ ކޮށްޓެވި މަގުން ހިނގައި، "މާތް ވެގެންވާ އިނގިރޭސި ދައުލަތުގެ" އުނގަށް ދިވެހި ޤައުމު ވައްޓައިލި ވައްޓައިލުމެވެ. އެފަދަ އަނެއް ގެއްލުމަކީ، ޢިލްމީ ސަގާފަތެއް ނެތް، ޢިލްމީ ނޫރުގެ އަލިކަމެއް ނެތް، އަޚްލާޤިއްޔާތުގެ ސަގާފަތެއް ނެތް، އަދި ޤައުމިއްޔަތެއް ނެތް ޤައުމެއްގެ ގޮތުގައި، ޖަހާލަތާއި ލާޤައުމިއްޔަތުގެ އަނދަގޮނޑިއެއްގައި ޤައިދު ކޮށްފައި ދިވެހި ޤައުމު ބޭއްވުމެވެ. މި ގޮތުގައި ހުރާގޭ ދަރިކޮޅުން ދިވެހިރާއްޖޭގެ ވެރިކަން ކުރި ދުވަސްވަރު، ރަސްކަމުގެ ހަމައެކަނި ފޯކަހަކަށް ވެފައި އޮތީ ދިވެހިރާއްޖޭގެ ރަށްރަށުން، ދިވެހި ރައްޔިތުންގެ އަތުން ޤަވާޢިދުން ވާރު ނެގުމެވެ. ޤައުމު ބިނާ ކުރުމުގެ އެއްވެސް ކަމެއް ނުކުރެވި އޮތް އިރު، ދިވެހި ތާރީޚުގެ ޢިލްމު ވެސް އޮތީ އެހެން ހުރިހައި ޢިލްމުތަކެކޭ އެއްފަދައިން އިހުމާލު ކުރެވިފައެވެ.

ސިލޯނުގައި އޮތް އިނގިރޭސި ވެރިކަމުގައި ކޮމިޝަނަރ އޮފް އާރކިއޮލޮޖީގެ މަޤާމު އަދާ ކުރެއްވި ހެރީ ޗާރލްސް ޕަރވިސް ބެލް ދިވެހި ތާރީޚާ މެދު ކުރެއްވި ދިރާސާތަކާއި 1882 ގައި އޭނާ ޝާއިޢު ކުރެއްވި ދިވެހި ތާރީޚުގެ މަޝްހޫރު ފޮތުގެ ސަބަބުންނާއި، 1900 ގެ ފުރަތަމަ ދެތިން ދަހަރުގެ ތެރޭގައި ދިވެހިރާއްޖޭގައި ވެސް ތަޢުލީމީ ދަރީންތަކެއް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ތާރީޚަށް ހިސާބެއްގެ ސަމާލުކަމެއް ދެވޭތަން އައެވެ. ނަމަވެސް އެއިރު ވެސް ތާރީޚު ދިރާސާ ކުރުމާއި، ތާރީޚު ލިޔުމާއި، ތާރީޚު ކިޔަވައިދިނުމުގެ ކަންކަން ހިނގައިގެން ދިޔައީ ރަނގަޅަކަށެއް ނޫނެވެ. މި ބަހުގެ ހެއްކަކަށް، ދިވެހިރާއްޖެ އިސްލާމް ކުރެއްވި ބެއިފުޅެއް ކަމަށް ޒަމާނުއްސުރެ މުޅި ދިވެހި ޤައުމު އެއްބަސް ވާ މައުލާނާ ޝައިޚް ޔޫސުފް ޝަމްސުއްދީނުއް ތަބްރޭޒީގެ ނަންފުޅު ތާރީޚުން ފޮހެލެވުނު ޒިންމާދާރުކަން ކުޑަ ގޮތާއި، ތާރީޚު އެންމެ ފުޅާ ދާއިރާއެއްގައި ލިޔުއްވި ބެއިފުޅުން ތާރީޚު ލިޔުއްވުމުގެ ނަމުގައި ހުރާގޭ ޚާންދާނާއި އެ ޚާންދާނުގެ ބޮޑުންނަށް ނުޙައްޤު ގޮތުގައި ކިޔުއްވި ސަނާ ތަޢުރީފުގެ ލިޔުއްތައް ފުދެއެވެ.

1968 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އެއްވެސް ސަރުކާރަކުން، ދިވެހި ތާރީޚު ދިރާސާ ކުރުމާއި ލިޔުމާއި ކިޔަވައިދިނުމަށް ދޭން ޖެހޭ ސަމާލުކަން ދީފައެއް ނުވެއެވެ. ދައުލަތުގެ ޙަޤީޤީ އެހީތެރިކަމެއް ނެތި، އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ އާއި އަލްފާޟިލާ ނަސީމާ މުޙައްމަދު ފަދަ ބައެއް ބެއިބެއިފުޅުން، ތާރީޚީ ފޮތްތަކެއް ލިޔުއްވައި، މަސައްކަތްތަކެއް ކުރައްވައިފައި ވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް، ދައުލަތަކުން މިކަމާ އަޅައެއްނުލައެވެ. ދިވެހި ޤައުމު ޤައުމެއްގެ ގޮތުގައި ބިނާ ކުރާން އަޅުގަނޑުމެން އެދެނީ ވިއްޔާ، އެކަމަށް ޓަކައި ކުރާން ޖެހޭ އެންމެ އަސާސީ އެއް މަސައްކަތަކީ އަޅުގަނޑުމެންގެ ޅަދަރީންނަށް، އަޅުގަނޑުމެންގެ މަދަރުސާތަކުގައި ޤައުމުގެ ތާރީޚު ހެޔޮ ގޮތުގައި ކިޔަވައިދިނުންކަން އަޅުގަނޑުމެންގެ ސިޔާސީ "ލީޑަރުންނަށް" އެނގިވަޑައިނުގަންނަވާ ކަހަލައެވެ. ނުވަތަ، ޤައުމިއްޔަތެއް ބިނާ ކުރެއްވުމަށް އެ ބެއިފުޅުން ބޭނުންފުޅު ނުވާ ކަހަލައެވެ. ދިވެހި ތާރީޚާ ބެހޭ އިދާރާތަކެއް ދައުލަތުގައި އުފައްދަވައިފައި ހުއްޓަސް، ތާރީޚާއި ތާރީޚީ ދިރާސާތައް ކުރުމާ ގުޅޭ އެކިއެކި ޢިލްމުތަކުން ދިވެހި ދަރީން ތަމްރީނު ކުރައްވައި، އެމީހުންގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ދިވެހި ތާރީޚު ދިރާސާ ކުރެއްވުމަށް ސަރުކާރުތަކުން ޙަޤީޤި އެއްވެސް މަސައްކަތެއް ނުކުރައްވައެވެ.

އަޅުގަނޑުމެންގެ ތާރީޚު ހެޔޮ ގޮތުގައި ދިރާސާ ކުރުމާއި ލިޔުމާއި ކިޔަވައިދިނުމުގެ މަސައްކަތް ކުރެވެމުން ނުދާ އިރު، ފާހަގަ ކުރެވޭ ބޮޑު އަނެއް މައްސަލަ އަކީ، ތާރީޚު ލިޔުމުގެ ނަމުގައި ލީޑަރު ތަސްބީޙަ ކިޔުމާއި، ދޮގާއި ޚުޝާމަދާއި ތަޢުރީފުން ޞަފުޙާތައް ފުރައި ޢާއްމު ކުރުމާއި، ބައިކުޅަބައި ތެދު ފެތުރުމާއި، ނުޙައްޤުން މީސްމީހުންނަށް އެއްޗެތި ގޮވުމުގެ މައްސަލައެވެ.

މުސްލިމުންގެ މަތިވެރި ޢިލްމުވެރިޔާ އިބްނު ޚަލްދޫންގެ ފިކުރުގެ އަލީގައި ދަންނަވަންޏާ، ތާރީޚު ޢިލްމުވެރިޔާ، ހިނގައިގެން ދާ ކޮންމެ ކަމަކާ މެދު ވެސް ފަސް ވާހަކައެއް ހެޔޮ ގޮތުގައި އަދި ޢިލްމީ އުޞޫލުތަކަކާއި މަންހަޖަކާ އެއްގޮތަށް ލިޔެއެވެ. ފުރަތަމަ ވާހަކަ އަކީ ވާޤިޢާތަކުގެ ވާހަކައެވެ. ކަން ހިނގައިދި ގޮތުގެ ވާހަކައެވެ. ކާކު، ކޮން އިރަކު، ކޮން ތަނެއްގައި، މިފަދަ ވާޤިޢީ ސުވާލުތަކަށް ދޭ ޖަވާބެވެ. ދެވަނައީ، ހިނގައިދިޔަ ކަމުގެ ފަސްމަންޒަރާއި ސިޔާގުގެ ވާހަކައެވެ. އެކަން ހިނގުމުގެ ކުރީގައި، އެކަން ހިނގަމުން ދާ ވަގުތު، އަދި އެކަމަށް ފަހު ދެން ހިނގާ، ގުޅުން ހުރި ކަންކަމުގެ ވާހަކައެވެ. އެކަން ހިނގާ ގޮތަށް އަސަރު ކުރުވާ އެކިއެކި ކަންކަމާއި ބަހާތަކުގެ ވާހަކައެވެ. އެ ކަމުގައި ޝާމިލު ވާ މީހުންގެ ޝަޚްޞިއްޔަތާއި ތާރީޚުގެ ވާހަކައެވެ. ތިންވަނަ ވާހަކަ އަކީ، އެ ކަމެއްގެ ސަބަބުތައް ކަމަށް ހިމެނުނު އެންމެހައި ކަންކަމުގެ ވާހަކައެވެ. އިބްތިދާއީ އަދި ސާނަވީ ސަބަބުތައް ހިމެނޭ ގޮތުންނެވެ. ގާތުންނާއި ދުރުން، އެ ކަމެއް ހިނގުމަށް މެދުވެރި ކުރުވި އެންމެހައި ސަބަބުތަކުގެ ވާހަކަ މެއެވެ ހަތަރުވަނަ ވާހަކަ އަކީ، އެ ކަމަކުން ދޭހަ ވާ މާނަތަކުގެ ވާހަކައެވެ. ތާރީޚުގައި ހިނގާ ކޮންމެ ކަމަކީ ވެސް، މި ނަޒަރުން ވިސްނާ އިރު، ބަހެއްގައި ހިމެނޭ ލަފުޒެއް، ޢިބާރާތެއް، ޖުމުލައެއް، ޕެރެގުރާފެއް، ވާހަކައެއް ފަދަ އެއްޗެކެވެ. ތާރީޚުގައި ހިނގާ ކޮންމެ ކަމެއްގެ ވެސް މާނައެއް އޮވެއެވެ. ތާރީޚު ޢިލްމުވެރިޔާ އެ މާނަ ނެރެ ދައްކާން މަސައްކަތް ކުރެއެވެ. ފަސްވަނައީ، އެ ކަމަކުން ނުކުންނަ، އަދި ކުރިމަގުގައި ނުކުމެދާނޭ ނަތީޖާތަކުގެ ވާހަކައެވެ. އެކަމަކުން މީސްތަކުންގެ ދިރިއުޅުމަށާއި ޙާލަތަށް އަތުވެދާނޭ ކަމަށް ފެންނަ ބަދަލުތަކުގެ ވާހަކައެވެ. މުޖުތަމަޢަށް އަތުވެދާނޭ ކަމަށް ފެންނަ ބަދަލުތަކުގެ ވާހަކައެވެ.

މި ފަސް ވާހަކަ ނުދައްކައި، ހަމައެކަނި ކަމެއް ހިނގައިދިޔަ ގޮތުގެ ވާހަކަ – ފުރިހަމަޔަށް، ތެދުވެރިކޮށް، އަދި ހުރިހައި ވާޤިޢާތަކެއް ހިމެނޭ ގޮތަށް، އެކަމަކު މަތީގައި ބަޔާން ކުރެވުނު ދެވަނަ، ތިންވަނަ، ހަތަރުވަނަ، އަދި ފަސްވަނަ ބައިތައް ނުހިމަނައި – ލިޔާ މީހާ އަކީ ތާރީޚު ޢިލްމުވެރިއެއް ނޫނެވެ. މުއައްރިޚެއް ނޫނެވެ. އެއީ އިނގިރޭސި ބަހުން ކިޔާ ގޮތަށް ދަންނަވާ ނަމަ، "ކްރޯނިކްލަރ" އެކެވެ. ދިވެހި ބަހުން މި ނަމުގެ މާނަ ދޭހަ ވާ ލަފުޒެއް އޮތް ކަމަކަށް ނުފެނެއެވެ. އެއީ ކަމެއް ހިނގައިގެން ދިޔަ ގޮތް ރިކޯޑަށް ޓަކައި ލިޔާ މީހެކެވެ. ބައްދަލުވުމެއް ނުވަތަ ޖަލްސާއެއްގެ ޔައުމިއްޔާ ލިޔާ މީހަކު ކަން ކުރާ ބީދައިންނެވެ.

ތާރީޚު ލިޔުމުގެ ނަމުގައި ލިޔާ މީހުންގެ ތެރެއިން، ތާރީޚު ޢިލްމުވެރީންނާއި "ކްރޯނިކްލަރުން" ފިޔަވައި ދެން ތިބެނީ ދޮގުވެރީންނެވެ. ތާރީޚު ލިޔުމުގައި ދޮގު ހަދާ ދޮގުވެރީން އެކަން ކުރަނީ ތަފާތު އެކިއެކި ގޮތްގޮތަށެވެ. އެމީހުން ހިނގައިދިޔަ ހާދިސާގެ ވާޤިޢާތަކުން ބައެއް އުނި ކޮށްގެން ލިޔެފާނެއެވެ. ނުހިނގާ ކަމެއް ހިނގި ކަމަށް ހަދައިގެން ލިޔެފާނެއެވެ. ކަމެއްގައި ޝާމިލު ވި މީހުންނަކީ ކޮބައިކަން އޮޅުވައިލައިފާނެއެވެ. ކަމެއްގެ ޒަމާނާއި މަކާނާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ލިޔެފާނެއެވެ. ނުވަތަ، މަތީގައި ދެންނެވި ދެވަނަ، ތިންވަނަ، ހަތަރުވަނަ، އަދި ފަސްވަނަ ނުކުތާތަކުގައި ދެންނެވި ކަންކަމާ ބެހޭގޮތުން ރަނގަޅު ނޫން ގޮތްގޮތަށް ލިޔެފާނެއެވެ. ކޮންމެ ގޮތަކަށް ދޮގު ހެދިޔަސް، ތާރީޚު ލިޔުމުގެ ނަމުގައި ދޮގު ހަދާ ކޮންމެ މީހަކީ ދޮގުވެރިއެކެވެ. ޚާއިނެކެވެ. ބޭއަޚްލާޤުވާރެކެވެ. މީސްތަކުންނަށް، މުޖުތަމަޢަށް، ޤައުމަށް ނިހާއީ އަނިޔާތަކެއް ދޭ މީހެކެވެ. އަޚްލާޤީ ގޮތުން ބޮޑު މުޖުރިމެކެވެ.

ތާރީޚާ ބެހޭގޮތުން މީހުން ދޮގު ހަދަނީ މައިގަނޑު ހަތަރު ސަބަބަކާ ހުރެއެވެ.

ފުރަތަމަ ސަބަބަކީ، ތާރީޚު ލިޔާން ނޭނގުމެވެ. އެހެންޏާ، ކަން ހިނގައިދިޔަ ގޮތް ނޭނގި ހުރެ ލިޔުމެވެ. ނުވަތަ، ކަމުގެ ފަސްމަންޒަރާއި ސިޔާގު، ކަން ހިނގާން މެދުވެރި ކުރުވި ސަބަބުތައް، ކަމުން ދޭހަ ވާ މާނަތައް، އަދި ކަމަކުން ނުކުތް އަދި ނުކުންނާނޭ ކަމަށް ބެލެވޭ ނަތީޖާތަކާ ބެހޭގޮތުން ޢިލްމީ ގޮތުން އަދި ހަރުދަނާ ގޮތެއްގައި ވާހަކަ ދެއްކުމަށް ޓަކައި ބޭނުން ވާ މަޢުލޫމާތާއި ޢިލްމީ އަދި ދިރާސީ ޤާބިލިއްޔަތު ނެތުމުގެ ސަބަބުން، ތާރީޚު ލިޔާން ވީ ގޮތް ނޭނގި ހުރެ ތާރީޚު ލިޔުމެވެ. މިފަދަ މީހާއަށް އޮތް ގޮތަކީ، ހެޔޮ ގޮތުގައި ތާރީޚު ލިޔާން ދަސް ކުރުމެވެ. ނުވަތަ އެހެން މަސައްކަތަކާ ދިމާޔަށް ތިމާގެ ވަގުތާއި ހަކަތަ އަނބުރައިލުމެވެ.

ދެވަނަ ކަމަކީ، ފަރުވާކުޑަ ގޮތެއްގައި ތާރީޚު ލިޔުމުގެ މަސައްކަތް ކުރުމެވެ. ފަރުވާކުޑަ މީހާ، ހިނގައިދިޔަ ކަމާ ބެހޭގޮތުން ޞައްޙަ މަޢުލޫމާތު ހޯދުމަށް ޓަކައި ކުރާން ޖެހޭ ވަރަށް ދިރާސާ ނުކޮށްފާނެއެވެ. ބޭނުން ވާ ހުރިހައި މަޢުލޫމާތު ނުހޯދައި، ފަސޭހައިން އަތުޖެހުނު މަޞްދަރުތަކަކުން އެނގުނު އެއްޗެއް އެކަނި ލިޔެފާނެއެވެ. ކަމުގެ ފަސްމަންޒަރާއި ސިޔާގު، ކަން ހިނގާން މެދުވެރި ކުރުވި ސަބަބުތައް، ކަމުން ދޭހަ ވާ މާނަތައް، އަދި ކަމަކުން ނުކުތް އަދި ނުކުންނާނޭ ކަމަށް ބެލެވޭ ނަތީޖާތަކާ ބެހޭގޮތުން ޢިލްމީ ގޮތުން އަދި ހަރުދަނާ ގޮތެއްގައި ވާހަކަ ދެއްކުމަށް ޓަކައި ކުރާން ޖެހޭ ދިރާސާތަކާއި ވިސްނާން ޖެހޭ ވިސްނުންތައް ނުވިސްނައި، މަގު ކުރު ކޮށްގެން އަދި ރާސްތާ ފަސޭހަ ކޮށްގެން، ލިޔެފާނެއެވެ. ނަތީޖާއަކަށް ވާނީ ދޮގެވެ. މިފަދަ މީހާއަށް އޮތް ގޮތަކީ، ތާރީޚު ލިޔުމުގައި ފަރުވާތެރި ވުމެވެ. ނުވަތަ، އެހެން މަސައްކަތަކާ ދިމާޔަށް ތިމާގެ ވަގުތާއި ހަކަތަ އަނބުރައިލުމެވެ.

ތިންވަނަ ކަމަކީ، މުޖުތަމަޢު ސިޔާސީ ގޮތުން، ދީނީ ގޮތުން، ސަގާފީ ގޮތުން، އިޤްތިޞާދީ ގޮތުން، އަދި މި ނޫން ވިޔަސް ގޮތަކުން ބެހިފައި އޮންނަ ބައިތަކާއި ޖަމާޢަތްތަކާއި ގިންތިތަކުގެ ތެރެއިން ކޮންމެވެސް އެއް ބަޔަކަށް ނިސްބަތް ވާ މީހާ، ތިމާ ނިސްބަތް ވާ ޖަމާޢަތުގެ މަޞްލަޙަތުތައް ޙިމާޔަތް ކުރެވޭނޭ ގޮތުގެ މަތީން، އަދި އެ ޖަމާޢަތުގެ "ދުޝްމަނުން" "ޢަދާވާތްތެރީން" "ވާދަވެރީން" ގެ ނުބައި ތަޞައްވުރެއް ކުރެހުމުގެ ގޮތުން، ޙަޤީޤަތާ ޚިލާފަށް ތާރީޚު ލިޔުމެވެ.

ހަތަރުވަނަ ސަބަބަކީ، މުޖުތަމަޢު ސިޔާސީ ގޮތުން، ދީނީ ގޮތުން، ސަގާފީ ގޮތުން، އިޤްތިޞާދީ ގޮތުން، އަދި މި ނޫން ވިޔަސް ގޮތަކުން ބެހިފައި އޮންނަ ބައިތަކާއި ޖަމާޢަތްތަކާއި ގިންތިތަކުގެ ތެރެއިން ބައެއްގައި ތިމާ ނުހިމެނުނު ކަމަށް ވިޔަސް، އެއިން ބަޔަކާ މެދު، ތިމާގެ ހިތުގައި އޮންނަ ލޯބި، ހަމްދަރުދީ، ރުހުން، ނުރުހުން، ޢަދާވާތްތެރިކަން، ނުވަތަ ޙަސަދަވެރިކަން ފަދަ ޖަޒުބާތެއްގެ ސަބަބުން ތަޢައްޞުބު ވެފައި ހުންނަ ޙާލު، އެ ތަޢައްޞުބުގެ މައްޗަށް ދޮގު ހަދައިގެން ތާރީޚު ލިޔުމެވެ.

ތާރީޚު ލިޔާން ވީ ގޮތަކީ އަދި ލިޔެގެން ނުވާނޭ ގޮތަކީ ކޮބައިކަން، މިސާލެއްގެ އަލީގައި ބަލައިލަމާ ހިންގަވާށެވެ!

ދާދި ފަހުން، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި އަލްފާޟިލް އަލިފުދާލު ޖަމްޢިއްޔާގެ ޢާއްމު މަޖިލިހުގެ ރިޔާސަތަށް ހޮވިވަޑައިގަތެވެ. އެ ވާހަކަ ތާރީޚުގެ ގޮތުގައި ލިޔާ ބަޔަކަށް، އެއީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، ބައިނަލްއަޤުވާމީ ގުޅުންތަކުގެ ދާއިރާގައި ދިވެހި ދައުލަތަށް ލިބުނު ބޮޑު ކާމިޔާބެއް ކަމަށާއި، ބައިނަލްއަޤުވާމީ ސިޔާސިއްޔަތުގައި ދިވެހި ދައުލަތަށް ލިބުނު އާދަޔާ ޚިލާފު އަރުތައެއް ކަމަށް ބުނެ، އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ކަރުފުޅުގައި ޚުޝާމަދާއި ތަޢުރީފުގެ ގުލްދަސްތާތައް އަޅުވައި ހަދައިފައި ވާހަކަ ނިންމައިލެވިދާނެއެވެ. ނުވަތަ، އަލްފާޟިލް ޢަބްދުﷲ ޝާހިދު އެ މަޤާމަށް ހޮވިވަޑައިގަތީ ބިދޭސީ ދައުލަތެއް ކަމަށް ވާ އިންޑިޔާގެ ޕަޕެޓެއްގެ ގޮތުގައޭ ބުނެފައި ވާހަކަ ނިންމައިލެވިދާނެއެވެ. މިއިން ކޮންމެ ގޮތަކަށް ލިޔުނަސް، އެ މީހަކު ވާނީ ތާރީޚު ލިޔުމުގެ ނަމުގައި ދޮގު ހަދާ މީހަކަށެވެ. ހެޔޮ ގޮތުގައި ތާރީޚު ލިޔާ މީހާ، މި ކަމާ ބެހޭގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ، ވަކި ސަރުކާރެއްގެ، ވަކި ޢާއިލާއެއްގެ، ވަކި ރަށެއްގެ، ނުވަތަ ވަކި އިޖުތިމާޢީ ފަންތިއެއްގެ ނަޒަރުން އެކަނި މައްސަލައަށް ބަލައިފައި ނިންމައެއްނުލާނެއެވެ. ތެދުވެރި ތާރީޚީ ޢިލްމުވެރިޔާ، އަރައި ހުރި އިރަށް ސަޖިދައެއް ނުޖަހާނެއެވެ. އޮއްސުނު އިރަށް ކުޅެއް ވެސް ނުޖަހާނެއެވެ. އޭނާ ހުރިހައި އެންމެންގެ ނަޒަރުން، ހާދިސާއަށް ބަލާނެއެވެ. ހުރިހައި ފަރާތަކުން، ކަމުގެ އެކޮޅު މިކޮޅު ބަލާނެއެވެ. ޝާމިލު ވާ އެންމެންގެ ވާހަކަތައް އަހާނެއެވެ. އަލްފާޟިލް ޢަބްދުﷲ ޝާހިދަކީ ކޮން ބެއިފުޅެއްކަން ބުނެދޭނެއެވެ. އޭނާގެ ތާރީޚަކީ ކޮބައިކަން ބުނެދޭނެއެވެ. އޭނާ ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ ވާހަކަ ވެސް ބަޔާން ކުރާނެއެވެ. އޭނާގެ ޢިލްމީ ޤާބިލިއްޔަތުގެ ވާހަކަ އާއި ތަޖުރިބާގެ ވާހަކަ ވެސް ލިޔާނެއެވެ. ހަމަ އެހެންމެ، އޭނާ ރައީސް މައުމޫނުގެ އަރިޔަހުގައި ޚިދުމަތް ކުރެއްވި ގޮތާއި، ރައީސް މައުމޫނުގެ ސިޔާސީ ދުޝްމަނުންގެ ފަޅިއަށް ވަޑައިގަތް ގޮތުގެ ވާހަކަ ވެސް ލިޔާނެއެވެ. އޭނާ އަލިފުދާލުގެ ޢާއްމު މަޖިލިހަށް ހޮވިވަޑައިގަތީ ދިވެހި ދައުލަތަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ލިބުނު އިތުބާރާއި ޤަދަރާއި ލޯތްބާއި އިޙްތިރާމުގެ ސަބަބުން ކަމަށް ބުނާ މީހުންނަކީ ކޮބައިކަމާއި، އެމީހުންގެ ވާހަކަ އާއި ޙުއްޖަތަކީ ކޮބައިކަން ވެސް ބަޔާން ކޮށްދޭނެއެވެ. އޭނާ އަކީ އިންޑިއާގެ ޕަޕެޓެކޭ ބުނާ މީހުންނަކީ ކޮބައިކަމާއި، އެމީހުންގެ ވާހަކަ އާއި ޙުއްޖަތަކީ ކޮބައިކަން ވެސް ބަޔާން ކޮށްދޭނެއެވެ. މީގެ އިތުރުން ވެސް، މަތީގައި ދެންނެވުނު ގޮތުގެ މަތީން، ތެދުވެރި އަދި ޒިންމާދާރު މުއައްރިޚަކު ލިޔެ ބަޔާން ކޮށްދޭން ޖެހޭ އެންމެހައި ވާހަކަތައް ލިޔާނެއެވެ. ތާރީޚު ޢިލްމުވެރިޔާ އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ ފަޅިއަކަށް ވެސް ނާރާނެއެވެ. ހަމައެހެންމެ، އޭނާގެ ދެކޮޅުވެރީންގެ ފަޅިއަކަށް ވެސް ނާރާނެއެވެ. ތާރީޚު ޢިލްމުވެރިޔާ ހުންނާނީ ޢިލްމީ މަގުގައި، ޢިލްމީ މަންހަޖުގައެވެ. މިނިވަން އަދި ތަންޤީދީ ނަޒަރަކުން ބަލައި ވިސްނާ މީހެއްގެ ގޮތުގައެވެ.

ދިވެހި ތާރީޚަކީ އެއިރަކު ވެރިކަމާއި ބާރުގައި ތިބި ބަޔަކަށް – އަރާ އިރަށް އަޅުކަން ކުރާ އުޞޫލުން – ކިޔޭ ސަނާ އާއި ލީޑަރު ތަސްބީޙައަށް ވެގެން ނުވާނެއެވެ. ނުޙައްޤު ޚުޝާމަދުތަކާއި، ނުޙައްޤު ތަޢުރީފުތަކާއި، ބޮޑެތި ދޮގުތަކާއި، ބައިކުޅަބައި ތެދަށް ވެގެން ނުވާނެއެވެ. އެ ބާވަތުގެ އެއްޗެތި ތާރީޚުގެ ނަމުގައި ލިޔުމުން، ވާނޭ ގޮތަކީ ޤައުމުގެ މުސްތަޤުބަލް ހަލާކު ވުމެވެ. މުޅި ޤައުމާއި ޤައުމިއްޔަތަކީ ދޮގުތަކެއްގެ މައްޗަށް ބިނާ ކުރެވިފައި ވާ އެއްޗަކަށް ވުމެވެ. މުސްތަޤުބަލުގެ ޖީލުތައް ވައު ވަނުމެވެ. ކޮންމެ ތަނެއްގައި ވެސް، އާރާއި ބާރުގައި ތިބޭ ބަޔަކު ރުއްސާން، އެ ބަޔަކު އުފާ ވާނޭ ގޮތަށް، ތާރީޚު ލިޔުމުގެ ނަމުގައި ދޮގު ހަދާ އަޢުވާނުންތަކެއް ތިބޭނެއެވެ. ބާރުވެރީންގެ ދުޝްމަނުންނާއި ބާރުވެރީންގެ ރުޅި އާއި ނަފްރަތުގެ އަމާޒަށް ވާ މީހުންނަށް ނުޙައްޤުން އެއްޗެތި ގޮވާ ކުލީ ދޫތަކާއި ކުލީ ގަލަންތައް ވެސް ހުންނާނެއެވެ.

ތާރީޚު ޢިލްމުވެރީންގެ މަންހަޖާއި އުޞޫލުތައް މި ދެންނެވި ބާވަތުގެ، ބުއްދި އާއި ޟަމީރަށް ފުރަގަސް ދީގެން ތިބޭ މީހުންގެ މަގާ ތަފާތު ވާން ވާނެއެވެ. ހެޔޮ ގޮތުގައި ތާރީޚު ލިޔާ މީހާ އަކީ ޤައުމެއްގެ ހެޔޮ ހަނދާނުގެ ބެލެހެއްޓުންތެރިޔާއެވެ. ޤައުމުގެ މާޒީގެ އަނދިރިކަމުގެ ތެރެއަށް ބައްތިއެއްގެ އަލިކަން ފޯރު ކޮށްދޭ މީހާއެވެ. ޤައުމުގެ ތާރީޚާ ބެހޭގޮތުން ދޮގު ހަދާ މީހާ އަކީ ޤައުމަށް އެންމެ ބޮޑެތި ޚިޔާނާތުގެ ތެރެއިން ޚިޔާނާތެއް ވާ ޚާއިނެއް ކަމަށް ވާ ފަދައިން، ޤައުމުގެ ތާރީޚު ތެދުވެރި ގޮތުގައި ލިޔާ މުއައްރިޚަކީ، ޤައުމުގެ އެންމެ ބޮޑު މުޙުސިނުންގެ ތެރެއިން މުޙުސިނެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް