މޯލްޑިވިއަން އިން މާފަރުން ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަނީ

މާފަރު އެއާޕޯޓް-- ފޮޓޯ: މޯލްޑިވިއަން

މާފަރު ބައިނަލްއަގުވާމީ ވައިގެ ބަނދަރުން، އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަންއިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުން މާފަރުން ދިއްލީއަށް ކުރާ ފުރަތަމަ ދަތުރު އޮންނާނީ އަންނަ މަހުގެ 21ގައި ކަމަށެވެ. އަދި އެއަށް ފަހު ހަފްތާއަކު ތިން ދުވަހު އެ ދެމެދުގައި ދަތުރުތައް ކުރާނެ ކަމަށެވެ.

އެގޮތުން މާފަރުން ދިއްލީއަށް ދަތުރު ކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. އަދި ދިއްލީން ދަތުރު ކުރާނީ ބުދަ، ހުކުރު އަދި އާދިއްތަ ދުވަހުއެވެ.

މޯލްޑިވިއަންއިން މާފަރުން ނިއުދިއްލީއަށް ކުރާ މި ދަތުރުތައް ވެގެންދާނީ ކޮވިޑަށްފަހު އެ އެއާލައިނުން ފަށާ ފުރަތަމަ، އައު ބައިނަލްއަގުވާމީ ރޫޓަށެވެ.

މާފަރުން ނިއު ދިއްލީއަށް ކުރާ ދެކޮޅު ދަތުރުތަކުގެ ފެށޭ އަގަކީ 285 ޑޮލަރެވެ. އަދި ނިއު ދިއްލީން މާފަރަށް ކުރާ ދެކޮޅު ދަތުރުތަކުގެ ފެށޭ އަގަކީ 312 ޑޮލަރެވެ.

މޯލްޑިވިއަންއިން މި ދަތުރުތައް ހުޅުވާލެވުމާއެކު މޯލްޑިވިއަން ގެ ވެބްސައިޓާއި އެޕުން ޓިކެޓު ގަނެވޭނެއެވެ.

comment ކޮމެންޓް