ޕޫޓިންގެ ތާއިދު އޮންނަ ޕާޓީން ރަޝިއާގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބުކޮށްފި

ޕޫޓިން

މޮސްކޯ (ސެޕްޓެމްބަރު 20) : ރަޝިއާގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބު އެގައުމުގެ ރައީސް ވްލަޑިމީރު ޕޫޓިން ތާއިދު ކުރައްވާ ޕާޓީކަމަށްވާ "ޔުނައިޓެޑް ރަޝިއާ" ތަނަވަސް އަޣަލްބިއްޔަތަކުން ކާމިޔާބު ކޮށްފިއެވެ.

"ޔުނައިޓެޑް ރަޝިއާ" ޕާޓީގެ އަމީން އާންމު އެންޑްރޭ ޗޯކަން އާ ހަވާލާދީ އޭއެފްޕީން ބުނާގޮތުން ރަޝިއާގެ ޕާލަމެންޓްގައި ހިމެނޭ 450 ގޮނޑީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ގޮނޑި ކަމަށްވާ 315 ގޮނޑި ކާމިޔާބުކުރީ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރި މެންބަރުންނެވެ. މިއީ ޕާލަމެންޓްގެ ބޮޑު އަޣްލަބިއްޔަތެއްކަންވެސް ޗޯކަން ފާހަގަ ކުރެއްވިއެވެ.

ރަޝިއާގެ ޕާލަމެންޓް (ޑޫމާ)

ރަޝިއާގެ އިންތިޚާބުތަކާބެހޭ ފެޑްރަލް ކޮމިޓީކަމަށްވާ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނާގޮތުން ރަޝިއާގެ ޕާލަމެންޓް (ދޫމާ) ގެ މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބުގެ ވޯޓުގެ 70 އިންސައްތަ މިހާތަނަށް ގުނާފައިވާއިރު "ޔުނައިޓެޑް ރަޝިއާ" ޕާޓީއަށް ލިބުނު ވޯޓު އުޅެނީ އެހެން ޕާޓީތަކަށް ލިބުނު ވޯޓަށްވުރެ ގާތްގަނޑަކަށް 48 އިންސައްތަ ކުރީގައެވެ.

"ޔުނައިޓެޑް ރަޝިއާ" ޕާޓީއާ އެންމެ ގާތުން ވާދަކޮށްފައިވަނީ ރަޝިއާގެ ކޮމިއުނިސްޓް ޕާޓީއެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު ކޮމިއުނިސްޓް ޕާޓީއަށް ވޯޓުގެ 20 އިންސައްތަ ލިބިފައިވާކަމަށް ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ އިދިކޮޅު ޕާޓީތަކަށް މި އިންތިޚާބުގައި ކާމިޔާބު ނުކުރެވުމުން އެޕާޓީތަކުންވަނީ އިންތިޚާބު ގައި މަކަރު ހެދުމާއި ވޯޓު އޮޅުވާލިކަމުގެ ތުހުމަތު ރަޝިއާގެ ސަރުކާރުގެ މައްޗަށް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް