އަންހެންކުދިން ތައުލީމުން މަހުރޫމު ކޮށްގެން ނުވާނެކަމުގެ އިންޒާރު ޔޫނެސްކޯއިން ތާލިބާނުންނަށް ދީފި

ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި އޮފީސް

ޕެރިސް (ސެޕްޓެމްބަރު 20) : އަފްޣާން އަންހެންކުދިން ތައުލީމުން މަހުރޫމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އަފްޣާން އަންހެން ކުދިންނަށް ސްކޫލަށް ދެވޭނެ ގޮތް އަވަހަށް ހަދައިދިނުމަށް ޔުނެސްކޯ އިން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ގޮވާލައިފިއެވެ.

ތައުލީމާއި ސައެންސާ އަދި ސަގާފަތާބެހޭ އދ.ގެ ޖަމްއިއްޔާ (ޔުނެސްކޯ) އިން ނެރުނު ބަޔާނެއްގައި ތާލިބާން ސަރުކާރަށް ގޮވާލާފައި ވަނީ އަފްޣާނިސްތާނުގައި ފިރިހެން ކުދިންނެކޭ އެއްގޮތަށް އަންހެން ކުދިންނަށްވެސް ސްކޫލަށް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އެކަން ލަސްވުމަކީ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް އަންހެންކުދިންގެ ދިރިއުޅުމަށާ އެކުދިންގެ މުސްތަގްބަލަށް ލިބޭނެކަމެއްކަން ތާލިބާނުންނަށް ހަނދާން ކޮށްދީފައިވެއެވެ.

މި ބަޔާނުގައި އަފްޣާން އަންހެން ކުދިންގެ ސްކޫލްތައް ހުޅުވައި ސްކޫލަށް ދެވޭނެކަން ކަށަވަރުކޮށްދިނުމުގެ އިތުރުން އެކަމަށް ތާރީޚެއް ކަނޑައެޅުމަށްވެސް ތާލިބާނުންނަށް ގޮވާލާފައިވެއެވެ. ތާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި މިހަފްތާގައި ސްކޫލްތައް އަލުން ހުޅުވައި ރަސްމީކޮށް ކިޔަވައިދޭން ފެށިއިރު އަންހެން ކުދިންގެ ތެރެއިން ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފައިވަނީ ގްރޭޑް ހަޔަކުން ފެށިގެން ދަށް ގްރޭޑްތަކުގެ ކުދިންނަށެވެ. މެދުމަދްރަސީ ކުލާސްތަކާއި ސާނަވީ ކްލާސްތަކުގައި ކިޔަވާ އަންހެން ދަރިވަރުންނަށް އެފުރުސަތު ދީފައެއް ނުވެއެވެ.

މިއީ އަންހެން ކުދިން ތައުލީމުން މަހުރޫމް ނުކުރާނެކަމަށް ބުނެ ތާލިބާނުން ވީ ވައުދުތަކަށް އިހުތިރާމް ނުކުރުން ކަމަށްބުނެ އަފްޣާނިސްތާނުގެ އެތެރޭގައާއި ބޭރުގައި އެޖަމާއަތުގެ ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އަފްޣާން އަންހެން ކުދިންގެ ސްކޫލެއްގައި އަންހެން ޓީޗަރަކު ކިޔަވައިދެނީ

މި ފާޑުކިޔުންތަކާ ގުޅިގެން ތާލިބާން ސަރުކާރުގެ ތައުލީމާބެހޭ ވަޒީރު އަބްދުލްބާގީ ހައްގާނީ ވަނީ އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށްވެސް ސްކޫލަށް ގޮސް ތައުލީމު ހާސިލް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ. ނަމަވެސް މެދުމަދްރަސީ ކުލާސްތަކާއި ސާނަވީ ކްލާސްތަކުގައި ކިޔަވާ އަންހެން ދަރިވަރުން ސްކޫލަށް ގޮސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދޭނެ ތާރީޚެއް އޭނާ ވިދާޅެއް ނުވެއެވެ.

ތާލިބާނުންނާ ގުޅުންހުރި ސޯސްތަކާ ހަވާލާދީފައިވާ ބައެއް ރިޕޯޓްތައް ބުނާގޮތުން އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ސްކޫލަށް ދިޔުމުގެ ފުރުސަތު ދޭނީ އަންހެންކުދިންނާއި ފިރިހެންކުދިން މުޅިން ވަކިން ކިޔެވޭނެ ގޮތުގެ އިންތިޒާމްތަކެއް ސްކޫލްތަކުގައި ހަމަޖައްސާފައެވެ.

އަފްޣާނިސްތާނުގައި ތާލިބާނުން އުފައްދާފައިވާ ވަގުތީ ސަރުކާރުން ވަނީ، ސްކޫލްތަކަށް ދާނީ ހަމައެކަނި ފިރިހެން ދަރިވަރުންނާއި ފިރިހެން މުދައްރިސުން ކަމަށް ނިންމައި އެކަން އެގޮތަށް ކުރިޔަށްގެންދިޔުމަށް އަފްޣާން ތައުލީމީ މުއައްސަސާތަކަށް އަންގާފައެވެ. މިއާއެކު އަންހެން މުދައްރިސުންވެސްވަނީ ވަޒީފާއަށް ނުކުތުމުން މަހްރޫމް ވެފައެވެ.

ތާލިބާނުން އެންމެ ފުރަތަމަ 1996 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އައުމަށް ފަހު އެޖަމާއަތުން އެކުލަވާލި އަފްޣާން ސަރުކާރުންވެސްވަނީ އަންހެން ކުދިން ސުކޫލް ތައުލީމުން މަހުރޫމްކޮށް އަންހެނުން ވަޒީފާތަކަށް ނުކުތުންވެސް މަނާކޮށްފައެވެ. ދީނުގެ ނަމުގައި މިބާވަތުގެ ހަރުކަށި އުސޫލުތައް ތާލިބާނުން ގެންގުޅޭތީ އާއި ހުޅަނގުގެ ބައެއް ހަރުކަށި ފަރާތްތަކުން ތާލިބާނުންގެ ހަރުކަށި ފިކުރާ އިސްލާމް ދީނާ ގުޅުވާތީ އިސްލާމް ދީނަށް ޖޯކުޖަހައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ފުރުސަތު ލާދީނީ ފަރާތްތަކަށް ވަނީ ލިބިފައެވެ.

އަފްޣާނިސްތާން އަޅުވެތިކޮށްގެން އުޅުނު ދުނިޔޭގެ އެންމެބޮޑު އިސްތިއުމާރީ ބާރުކަމަށްވާ އެމެރިކާގެ އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަންކުރުމުގައި ނަސްރު ހޯދި ތާލިބާން ޖަމާއަތުން ދެވަނަ ފަހަރަށް އަފްޣާން ވެރިކަމާ ހަވާލުމަށްފަހު ވަނީ ތައުލީމާއި ވަޒީފާގެ ފުރުސަތުން، އަފްޣާން އަންހެނުން މަހްރޫމު ނުކުރާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ނަމަވެސް އެޖަމާއަތުގެ އަމަލުތަކުން އަދި މިކަން ފެންނަން ނެތުމުން ތާލިބާނުންގެ ބަހާއި އަމަލު ދިމާނުވާކަމާއި ދީނުގެ ނަމުގައި ގެންގުޅޭ ހަރުކަށި އަދި ބޯދާ ވިސްނުމުން އެޖަމާއަތް އަދިވެސް ސަލާމަތް ނުވާކަން ދުނިޔެއަށް ދަނީ ހާމަވަމުންނެވެ.

އަފްޣާން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންވެސް ވަޒީފާއަށް ނެރުން ތާލިބާނުން އަދި ވަނީ މަނާކޮށްފައެވެ. ނަމަވެސް ވަޒީފާ އަދާކުރުމުގެ ފުރުސަތު ވަރަށް އަވަހަށް އަންހެނުންނަށް ދޭނެކަމަށް އެޖަމާއަތުން ބުނެފައިވެއެވެ.

comment ކޮމެންޓް